MPS2

އަނިޔާވެރިކަމާ ދެކޮޅަށް މިނަމުގައި ސިޔާސީ ބައެއް ފަރާތްތަކުން އިންތިޒާމުކޮށްގެން މާލޭގައި ކުރިޔަށް ގެންދިޔަ އެއްވުމުގައި ބައިވެރިވި ފަރާތްތަކުން ސަލާމަތީ ސަރަޙައްދު ވަކި ކުރުމަށް ފުލުހުން ޖަހާފައިވާ ބެރިކޭޑްތައް އުކާލުމަށްފަހު ފުލުހުން ކަނޑައަޅާފައިވާ ސަލާމަތީ ސަރަޙައްދަށް ގަދަކަމުން ވަދެ ބައެއް ފުލުހުންނަށް ގަސްތުގައި އަނިޔާ ކޮށްފިއެވެ.

މިރޭގެ އެއްވުމުގެ ބައިވެރިން ވަނީ ޖުމުހޫރީ މައިދާން ހިމެނޭ ސަރަޙައްދުގައި ފުލުހުން ބެރިކޭޑް ޖަހައި ބަންދުކޮށްފައި ވަނިކޮށް ބެރިކޭޑްތައް ދުރަށްޖައްސައި ބައެއް ދިމަދިމާލުން ބެރިކޭޑްތައް އުކާލައި ގަދަކަމުން ވަންނަން މަސައްކަތްކޮށް އެވަގުތު އެސަރަޙައްދުގައި ތިބި ބައެއް ފުލުހުން ހިފަހައްޓައި އެއްވުމުގެ ތެރެއިން ބަޔަކު ވަނީ ފުލުހުންނަށް އަނިޔާ ކޮށްފައެވެ.

މީގެ އިތުރުން މިރޭގެ އެއްވުމުގައި 23:00 ގެ ފަހުން އަޑުގަދަ ކުރާ ބޭނުން ނުކުރަން އަންގާފައިވަނިކޮށް އަޑުގަދަކުރާ ބޭނުން ކުރަމުންދާތީ އަޑުގަދަކުރާ ހުއްޓުވަން ދިޔަ ފުލުހުންގެ ވެހިކަލްގެ ބިއްލޫރިގަނޑު ވަނީ ތަޅާލާފައެވެ.