IMG_9877

ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް، ސްކޫލްތައް ހިމެނޭ ސަރަހައްދުތަކުގައި ޓްރެފިކް ބަލަހައްޓައި ދަރިވަރުންނަށާއި ބެލެނިވެރިންނަށް ރައްކާތެރިކަން ދިނުމަށް ޚާއްސަ ސަމާލުކަމެއް ދެވެއެވެ. އެގޮތުން ސްކޫލް ހިމެނޭ ސަރަހައްދެއްކަން ބުނެދިނުމަށް ޚާއްސަ ޓްރެފިކް ނިޝާން ބެހެއްޓުމާއި ސްކޫލްތަކުގެ ސެޝަންތައް ފެށޭ ގަޑިއާއި ނިމޭ ގަޑިތަކުގައި ޓްރެފިކް ފުލުހުން ސްކޫލްތައް ކައިރީ ޑިއުޓީ ކުރުން ފަދަ ކަންކަން ކުރިއަށް ގެންދެއެވެ.

ރާއްޖެއަކީ ނިސްބަތުން ކުޑަ ޤައުމެއް ނަމަވެސް ވެރިރަށް މާލޭގެ މަގުތައް ތޮއްޖެހިފައިވާ މިންވަރަށް ބަލާއިރު ސްކޫލް ހިމެނޭ ސަރަޙައްދުތަކަށް ރައްކާތެރިވާންޖެހޭ މިންވަރު އިޙްސާސްވެގެން ދެއެވެ. ކޮންމެ އަހަރެއްގެ ދިރާސީ އައު އަހަރު ފެށުމާއެކު ޓްރެފިކް ޕޮލިސްގެ ފުލުހުންގެ ޑިއުޓީގެ ބޮޑު ބައެއް ހޭދަވެގެންދަނީ ސްކޫލްތައް ހިމެނޭ ސަރަޙައްދުގެ ސަލާމަތާ ރައްކާތެރިކަން ބެލެހެއްޓުމުގައެވެ. ޓްރެފިކް މަސައްކަތުގައި ޙަރަކާތްތެރިވާ ފުލުހުން އެކުގައި ނުކުމެ ބުރަ މަސައްކަތްތަކެއް ކުރިނަމަވެސް ސްކޫލުތައް ހިމެނޭ ސަރަޙައްދުގައި ރައްކާތެރިކަން ޤާއިމްކުރަން ބޭނުންވާ މިންވަރަށް އެކަން ނުކުރެވޭކަން ޤަބޫލުކުރަން ޖެހެއެވެ.

ސްކޫލް ސެޝަންތައް ފެށޭ ވަގުތުތަކާއި ނިމޭ ވަގުތުތަކުގައި ސްކޫލްތައް ހިމެނޭ ސަރަހައްދުތައް ދުއްވާ ތަކެއްޗާއި ހިނގާ މީހުން އަދި ސްކޫލު ދޮށަށް ކުދިން ބަލައިދާ ފަރާތްތައް ހިމެނި ތޮއްޖެހުމާއި، ފިތި ބާރުވުމާއި ވެހިކަލްތަކަށް މަގަށް ނުވަދެވި ދަރިވަރުން ގަޑި ޖެހުން ފަދަ މައްސަލަތަކަކީ މިއަދުވެސް ކުރިމަތިވާ މައްސަލަތަކެވެ. މިކަމުގައި ސްކޫލްތަކުގެ މެނޭޖްމަންޓުގެ ކަންބޮޑުވުން އިންތިހާއަށް ހުރިއިރު ޓްރެފިކް ޕޮލިހުން ގެންދަނީ މައްސަލަތައް ހައްލުކުރުމަށް ސްކޫލްތަކާއި ގުޅިގެން ވަރަށް ގާތުން ގިނަ ގުނަ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މައްސަލައިގެ ހައްލަކީ ކޮބައިހެއްޔެވެ؟ ކޮންމެ ގޯޅިއެއްގެ ކަންމަތީގައި ޓްރެފިކް ފުލުހަކު ނުވަތަ ކޮންމެ ދަރިވަރެއްގެ ފަހަތުގައި ޓްރެފިކް ފުލުހަކަށް ހުރެވިދާނެތޯއެވެ؟ ނުވަތަ ހަމައެކަނި ސްކޫލްތަކާއި ފުލުހުން މަސައްކަތްކޮށްގެން މިކަމުގައި ކާމިޔާބު ހޯދިދާނެ ހެއްޔެވެ؟ މިސުވާލުތަކުގެ ޖަވާބާ މެދު ވިސްނާލުމުގެ ކުރިން ސްކޫލް ޒޯންތައް މުހިއްމުވާ ސަބަބާމެދު ވިސްނަމާ ހިނގާށެވެ.

ސްކޫލް ހިމެނޭ ޒޯންތައް މުހިއްމު ވަނީ ކީއްވެ؟

ސްކޫލްތައް ހިމެނޭ ޒޯންތައް މުހިއްމުވާ ސަބަބުތައް ވަރަށް ގިނައެވެ. ސްކޫލް ދަރިވަރުންނަކީ ބެލެނިވެރިންގެ ލޮލުގެ ނޫރެވެ. ޤައުމުގެ މުސްތަޤުބަލެވެ. އެދަރިވަރުންނަށް އަމާންކަމާއި ރައްކާތެރިކަމާއެކު ފަސޭހައިން ސްކޫލަށް ގޮސް އައިސް ވުމުގެ ފުރުޞަތު ލިބެންޖެހެއެވެ. ސްކޫލް ސެޝަން ހިނގަމުންދާ ވަގުތުތަކުގައިވެސް ހިމޭން މާހައުލެއް ބޭނުންވެއެވެ. ވެހިކަލްތަކުގެ ބަރުގޮނުގެ އަޑުން ދަރިވަރުންނަށް ދަތި އުނދަގޫ ފޯރާކަށް އެއްވެސް ބެލެނިވެރިއަކު ނޭދޭނެއެވެ. އަދި އެއީ ޤާނޫނީ ގޮތުންވެސް ދަރިވަރުންނަށް ކަށަވަރުވާންޖެހޭ ހައްޤުތަކެކެވެ. އެހެން ކަމުން ފަރުދީ ވިސްނުމުން އަދި ޤައުމީ ވިސްނުމަކުން ވިސްނާލިއަސް ސްކޫލްތައް ހިމެނޭ ސަރަޙައްދު ތަކަކީ ޚާއްސަ ސަމާލުކަމެއްދީގެން ބަލަހައްޓަންޖެހޭ ސަރަހައްދުތަކެއް ކަމުގައި ދަންނަވަންޖެހެއެވެ.

އަސްލު މައްސަލައަކީ ކޮބ؟

ދަރިވަރުންނަށް ރައްކާތެރި މާހައުލެއް ހޯދަދޭން އަޅުގަނޑުމެން އެންމެންވެސް ބޭނުންވެއެވެ. އެހެނަސް ސްކޫލް ޒޯނުގެ ރައްކާތެރިކަން އެއްވެސް ބެލެނިވެރިއަކަށް ކަށަވަރުކުރެވޭތޯއެެވެ؟ އަސްލު މައްސަލައަކީ ކޮބާ ހެއްޔެވެ؟ ފުލުހުންނަށް ޒިންމާ ނުއުފުލެނީއޭ ބައެއް ބޭފުޅުން ވިދާޅުވާނެއޭ އަޅުގަނޑު ހަަމަ ހިތަށް އަރައެވެ. އެއްފަހަރަކު އަޅުގަނޑު ބައިވެރި ޓްރެފިކް ސެޝަނެއްގައި އިންޑިޔާގެ ޕްރޮފެސަރަކު ވިދާޅުވި ވާހަކައެއް ހިއްސާކޮށްލާނަމަވެ. ޤައުމެއްގެ ސަޤާފަތާއި އެތަނެއްގެ މީހުން ތަހުޒީބުވެފައިވާ މިންވަރު އެންމެ ބޮޑަށް ވަޒަން ކުރެވިގެންދާނީ އެޤައުމެއްގެ މަގުމައްޗަށް ނަޒަރު ހިންގާލުމުންނެވެ. އަޅުގަނޑަށް މިހާރު ވިސްނާލުމުން އޭނާ އެދުވަހު ވިދާޅުވި އެއްޗެއް ވަރަށް ރަނގަޅަށް ފަހުމްވެއެވެ. ހަމައެކަނި ސްކޫލް ހިމެނޭ ޒޯނަށް ބަލާލަމާތޯއެވެ. ކޮންމެ ބޭފުޅަކުވެސް ސައިކަލުގައާއި ކާރުގައި ގޮސް މަޑުކުރައްވަން ބޭނުންފުޅުވަނީ ސްކޫލް ގޭޓް ކުރިމައްޗަށެވެ. ޓްރެފިކް ޕޮލިސް އަތުން އިޝާރާތްކޮށް ވެހިކަލްތައް ނުހުއްޓުވާނަމަ ޒިބްރާ ކްރޮސް މަތީ ދަރިވަރުން ތިއްބަސް ވެހިކަލްތައް ރޫސްލާފައި ދަނީއެވެ. ޓްރެފިކް ކޯނާއި ބެރިކޭޑްތައް ބަހައްޓައިގެން ފުލުހުން ތިބޭއިރުވެސް މުދާ އުފުލާ ވެހިކަލްތަކާއި ބަރު އުޅަނދުވެސް ސްކޫލް ޒޯނަށްވެސް ވަންނަން ދިމާކުރަނީއެވެ. މިހިރީ ހައްތަހާވެސް އަޅުގަނޑުމެންގެ އާދަކާދައާއި ސަޤާފަތާއި ގުޅިފައިވާ ނުރަގަނޅު އާދަތަކެވެ.

އަޅުގަނޑުމެންގެ މި އަމަލުތައް ދުރުން ބަލަން ތިބޭ މެހެމާނުންނަށް ދިވެހިންގެ ސަޤާފަތާއި މަގުމަތީގެ އަދަބުތަކަށާއި ޓްރެފިކް ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާ މިންވަރު ކިތަންމެހާވެސް ރަނގަޅަށް އެނގިގެންދާނެއެވެ. އެކަކު އަނެކެއްގެ ހައްޤުތަކަށް ރައްކާތެރިވާ މިންވަރާއި، ކެތްތެރިކަމާއި އިޙްސާންތެރިކަންވެސް ހުރި މިންވަރު ވަޒަން ކުރެވިގެންދާނެއެވެ. އެހެންކަމުން މަގުމައްޗަކީ ހަޤީޤަތުގައިވެސް ޤައުމެއްގެ ތަހުޒީބުވެފައިވާ މިންގަނޑު ބަލައިލެވޭނެ ލޯނގަނޑެކޭ ދެންނެވުން ކުށަކަށް ނުވާނެއެވެ.

ހައްލަކީ ކޮބާ؟

ހޭލުންތެރިވާންވީއެވެ. މަގުމަތީގެ އަދަބުތަކާއި ޓްރެފިކް ޤަވާއިދުތަކަށް މިހާރަށްވުރެ ބޮޑަށް ހޭލުންތެރިވެ އެއާ އެއްގޮތަށް ޢަމަލުކުރަންވީއެވެ. ތަހްޒީބުވެފައިވާ ޤައުމުތަކުގެ މަގުތަކުން ފެންނަ ރީތި އާދަތައް ދައްކަންވީއެވެ. ކަފިހި ހުރަސް މައްޗަށް މީހަކު އަރައިފިނަމަ ދެފަރާތުން ދަތުރުކުރާ އުޅަނދު ވަގުތުން ހުއްޓާ މަންޒަރު އަޅުގަނޑުމެންގެ މަގުތަކުންވެސް ފެންނަން ބޭނުންވެއެވެ. ރާއްޖޭގެ ޓްރެފިކް ޤަވާއިދުތައް ބުނަނީވެސް އެހެންނެވެ. މައްސަލައަކީ އެއަށް އަމަލު ނުކުރުމުގެ މައްސަލައެވެ. މަގުމަތީގެ ޤަވާއިދުތަކަށް ހުުރުމަތްތެރިކޮށް ހިތަންވީ ހަމައެކަނި ޓްރެފިކް ފުލުހަކު ފެންނަން ހުރުމަކުން ނޫނެވެ. ނުވަތަ ވައިލޭޝަން ސްޓިކާއެއް ޖަހާފާނެތީއެއް ނޫނެވެ. އެހެންމީހުންނަށް އެއިން ފޯރާނެ ދަތިތަކާމެދު ވިސްނަވަންވީއެވެ. ފަރުދީ ޒިންމާ އުފުލަންވީއެވެ.  ސްކޫލް ގޭޓް ކުރިމައްޗަށް ނުދެވުނު ކަމުގައި ވިޔަސް ސްކޫލް ހުންނަ ގޯޅި ކަންމައްޗަށް މަޑުކޮށްލުންވެސް ހަމަ އެންމެ ރަނގަޅު ނޫންތޯއެވެ. އޭރުން ސްކޫލް ކުރިމައްޗަށް ބާރުބޮޑުވާ މިންވަރު ކުޑަވާނެނޫންތޯއެވެ.

މިހިރީ ހައްތަހާވެސް ހައްލުތަކެވެ. ސްކޫލް ޒޯންތަކަކީ ޚާއްސަ ޒޯންތަކެއްކަން ބުނެދީ، މުދާއުފުލާ އުޅަނދުތައް ގެންގުޅުއްވާ ފަރާތްތަކުންވެސް އެއަށް ސަމާލުވުން ކީއްތޯއެެވެ. އެންމެ އަވަހަށް ދެވެން އޮތް މަގުން ފަހަރުގައި ނުދެވުނު ކަމުގައިވިޔަސް އޭގެ ސަބަބުން އެތައް ބަޔަކަށް ލުއިފަސޭހަތަކެއް ލިބޭނެ ނޫންތޯއެވެ. މިއިން އެއްވެސް ކަމަކީ ނުކުރެވޭނެ ވަރުގެ ކަމެއް ނޫނެވެ. މިކަމާމެދު ފުންކޮށް ވިސްނާލެއްވުން ކީއްތޯއެވެ. ހަޤީޤަތުގައިވެސް ސްކޫލް ހިމެނޭ ސަރަހައްދުތަކަށް މިހާރަށްވުރެ ބޮޑު ސަމާލުކަމެއް ހުރިހާ ފަރާތްތަކުންވެސް ދޭންޖެހެއެވެ. އަޅުގަނޑުމެންގެ އެންމެންގެ ދަރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައެވެ.