މާލޭގައި ބޭއްވި އެއްވުމެއްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި 2 ފުލުހަކު ހަރަކާތްތެރިވަނީ -- ޕޮލިސް ފައިލް ފޮޓޯ
މާލޭގައި ބޭއްވި އެއްވުމެއްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި 2 ފުލުހަކު ހަރަކާތްތެރިވަނީ -- ޕޮލިސް ފައިލް ފޮޓޯ

އަޑު އުފުލުމާއި ޝުއޫރު ފާޅުކުރުމުގެ ގޮތުން އެއްވުންތަކާއި މުޒާހަރާތައް އިންތިޒާމްކޮށް ބާއްވާ ފަރާތްތަކުން، ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުތައް ބެހެއްޓެވުމަށް އިލްތިމާސްކުރަމެވެ. އަދި ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާ އެއްގޮތްވާގޮތުގެ މަތީން ބޭއްވޭ ސުލުހަވެރި މުޒާހަރާތަކަށް މި ސަރވިސްގެ ފަރާތުން ދޭންޖެހޭ ފުރިހަމަ އެއްބާރުލާމާއި ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމުގައި ދަންނަވަމެވެ.

ޤާނޫނާ ހިލާފަށް މާލޭގެ އެއްވެސް ސަރަހައްދަކަށް އެއްވެ އަޑުގަދަކޮށް ހަޅޭލަވައި ގާނޫނާ ހިލާފް އަމަލުތައް ހިންގުމުގެ ފުރުސަތު މި ސަރވިސް އިން ނުދޭނެ ކަމުގައި ދަންނަވަމެވެ. އަދި އެއްވުން މަނާ ސަރަހައްދުތަކަށް އެއްވާ އެއްވުންތައް އިތުރު އިންޒާރަކާ ނުލައި ވަގުތުން ރުޅާލާނެކަމުގައި ދަންނަވަމެވެ.

އަދި ދަންނަވަމެވެ. އެއްވުން މަނާ ސަރަޙައްދަކަށް އެއްވުމަށް ގޮވާލައި ހިތްވަރު ދެމުންދާނަމަ ނުވަތަ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، މުޖުތަމަޢުގެ އަމަން އަމާންކަން ގެއްލޭ ގޮތަށް ޢަމަލުކުރާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމުގައި ދަންނަވަމެވެ.

ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގައި، އެއްވުން މަނާ ސަރަޙައްދުތައް ކަމުގައި ބަޔާން ކޮށްފައިވާ  ސަރަޙައްދު ތަކަށް އެއްވެއްޖެނަމަ، އެފަދަ އެއްވުމަކީ ޤާނޫނާ ޚިލާފް އެއްވުމެއްކަމަށް ބަލާ، އެފަދަ އެއްވުން ރޫޅާލައި، ހުއްޓުވައި، އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އެޅުމަކީ މި ސާރވިސްއިން ކުރަންޖެހޭނެ ކަމެއްކަމަށްވާތީ އެއްވުން މަނާ އެއްވެސް ސަރަޙައްދަކަށް އެއްނުވުމަށް އެންމެހައި ލޮބުވެތި ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ. އަދި ހަމަ މިއާއެކު މާލޭގެ އެހެން ސަރަޙައްދު ތަކުގައިވެސް އެއްވުން ބާއްވާއިރު، މާލޭގެ މަގުތަކުގައި ދުއްވާ އެއްޗިއްސަށާއި، ހިނގާބިނގާވެ އުޅޭ މީހުންނަށް އަދި ރައްޔަތުންގެ އާއްމު ދިރިއުޅުމަށް ދަތިވާފަދަ އެއްވެސް ގޮތަކަށް ޢަމަލުތައް ނުބެހެއްޓުމަށް އިލްތިމާސް ކުރަމެވެ.