ކ. މާފުށި
ކ. މާފުށި

މާފުށީ ޖަލުގެ ސަލާމަތީ ކަންކަން މިހާރަށްވުރެ ހަރުދަނާކޮށް، ޖަލުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ކަރެކްޝަނަލް ސާރވިސްގެ މުވައްޒަފުންނަށް އެހީތެރިވާން ޖެހިއްޖެ ޙާލަތެއްގައި އެހީތެރިވެދިނުމަށް މާފުށީގައި ފުލުހުންގެ އިތުރު ޓީމެއް ބައިތިއްބަން ހަމަޖައްސައި، މާފުށީ ޖަލުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުންނާއެކު ފުލުހުން ޙަރަކާތްތެރިވާން ފަށައިފިއެވެ.

ޖަލުގައި ތިބި ކުށްވެރިންގެ ތެރެއިން މުޖުތަމަޢަށް ނުރައްކާތެރި 2 ކުށްވެރިން ކަމުގައިވާ ކ. މާލެ، ގ. ކޯޒީ އިބްރާހީމް ޝަހްމު އާދަމް އާއި ގއ. މާމެންދޫ، ޖަވާހިރުވާދީ ފަރިޔާޝް އަޙްމަދު ޖަލުން ފިލައި ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދިފައިވުމާއެކު ރައްޔިތުންނަށް ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދީ ރައްޔިތުންގެ ނުތަނަވަސްކަމަށް ހަމަޖެހުން ގެނެސްދިނުމަށް ފުލުހުންނާ ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުން ގުޅިގެން މަސައްކަތްތަކެއް ކުރަން ވަނީ މަޝްވަރާ ކުރެވިފައެވެ. މިމަޝްވަރާތަކާއެކު ނިންމާފައިވަނީ މާފުށި ޖަލުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ކަރްކެޝަނަލް ސަރވިސްގެ މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ޙާލަތްތަކުގައި އެހީތެރިވެދިނުމުގައި ފުލުހުން މަސައްކަތް ކުރުމަށެވެ.

މުޖުތަމަޢަށް ނުރައްކާތެރި 2 ކުށްވެރިން ޖަލުން ފިލާފައި ވުމާއެކު އެ 2 ކުށްވެރިން ހޯދައި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ފުލުހުން ދަނީ މާލެއާއި އަތޮޅުތަކުގައި ޚާއްޞަ މަސައްކަތްތަކެއް ކުރަމުންނެވެ. މިމަސައްކަތުގައި ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުންގެ އިތުރުން ކަނޑުމަތީގައި ހިންގާ ޙަރަކާތްތަކުގައި ޤައުމީ ދިފާޢީ ބާރުގެ ކޯސްޓްގާޑުން ދަނީ ޙަރަކާތްތެރި ވަމުންނެވެ.

ފުލުހުން ކުރަމުންދާ މަސައްކަތުގެ ދަށުން މާލެ އަތޮޅުގެ ބައެއް ރަށްރަށާއި މާލޭގެ ބައެއް ސަރަޙައްދުތައް ބަލައި ފާސްކުރުމުގެ އިތުރުން ކޯޓުއަމުރުގެ ދަށުން ބައެއް ގޭގެވެސް ދަނީ ބަލައި ފާސްކުރަމުންނެވެ. އަދި އެއްގަމު ދަތުރުކުރާ އުޅަނދުތަކާއި ކަނޑު ދަތުރުފަތުރުކުރާ ބައެއް އުޅަނދުތައްވެސް ދަނީ ބަލައި ފާސްކުރަމުންނެވެ.

މުޖުތަމައަށް ނުރައްކާތެރި ކުށްވެރިންގެ ގޮތުގައި ބެލެވޭ މި ދެ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ. މިފަދަ ނުރައްކާތެރި މީހުން ހޯދުމުގައި އާއްމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.