ނޫސްބަޔާން

އެޑިޓޯރިއަލް
DSC_1133

ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ތެރެއިން އިސްމަޤާމުތަކުގައި ތިބި ފުލުހުންނާއި ސިފައިންނާއި ސަލާމަތީ ޚިދުމަތްތަކުގައި އުޅޭ މީހުންނާ އެކިއެކި ޖިހާދީ ޖަމާޢަތްތަކާއި ދެމެދު ވަރުގަދަ ގާތް ގުޅުމެއް އޮންނަކަމަށް އިނގިރޭސި ވިލާތުގައި ނުކުންނަ ދަ އިންޑިޕެންޑެންޓް ނޫހަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްވި ބަސްދީގަތުމުގައި ވިދާޅުވެފައިވާ ވާހަކަފުޅުތަކަކީ އެއްވެސް ޙަޤީޤަތެއް އޮތް ވާހަކަތަކެއް ނޫނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ޖިހާދީ ގުރޫޕްތަކާއި ރާއްޖޭގެ ސަލާމަތީ ބާރުތަކާދެމެދު ގުޅުން އޮންނަކަމަށް ވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދައްކަވާފައިވާ ވާހަކަފުޅުތަކާއި ގުޅިގެން ބެލިބެލުމުން ރާއްޖޭގައި އެފަދަ ޖަމާޢަތްތަކާއި ގުޅުންހުރި ސައުވީހަކަށް މީހުން އުޅެދާނެކަމަށް ލަފާކުރެވުނު ނަމަވެސް އޭގެތެރޭގައި އެއްވެސް ފުލުހަކު ހުރިކަން އެނގޭކަށް ނެތެވެ. އަދި އެފަދަ ބަޔަކު ފުލުހުންގެ ތެރޭގައި އުފެދިގެންދިޔަ ނުދިނުމަށް ފުލުހުންގެ ލީޑަރޝިޕުން އަބަދުވެސް މަސައްކަތް ކުރެއެވެ.

ރާއްޖޭގެ ސަލާމަތީ ބާރުތަކާ ގުޅޭގޮތުން ރާއްޖޭގެ ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅަކު ރާއްޖެއިން ބޭރުގައި އަދި ރާއްޖޭގައިވެސް މިގޮތަށް ވާހަކަދައްކަވާފައިވުމަކީ ރާއްޖޭގެ ޢާއްމު މަޞްލަޙަތަށް ބުރޫއަރައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި އެކަމުގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދަށްވެސް ނޭދެވޭ އަސަރުތަކެއް ކުރާނެކަމަކަށްވާތީ، ރައްޔިތުންގެ ތާއީދު ހޯދުމަށް ނުވަތަ ސިޔާސީ މަޤްޞަދެއް ޙާޞިލްކުރުމަށް ނޫންނަމަ ބޭރު ޤައުމުތަކުގެ ރުހުން ހޯދުމަށްނަމަވެސް ޙަޤީޤަތެއްނެތް އެފަދަ ވާހަކަތައް ނުދެއްކެވުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ.

18 ސެޕްޓެމްބަރު 2014