މ. ޝައިނިންގ ސްޓަރ އަޙްމަދު ރިޟްވާން ޢަބްދުﷲ 28 އ.
މ. ޝައިނިންގ ސްޓަރ އަޙްމަދު ރިޟްވާން ޢަބްދުﷲ 28 އ.

މ. ޝައިނިންގ ސްޓަރ އަހްމަދު ރިޟްވާން ޢަބްދުﷲ (28އ) ވީނުވީތަނެއް ނޭނގި ގެއްލިގެން 2014 އޮގަސްޓް 13 ވަނަ ދުވަހު މިސަރވިސްއަށް ހުށަހެޅުނު މައްސަލަ ތަޙުޤީޤު ކުރުމަށް ފުލުހުންގެ ޚާއްޞަ ޓީމަކުން މިދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. މިގޮތުން މި މައްސަލަ ތަޙްޤީޤު ކުރުމަށްޓަކައި ސްޕެޝަލިސްޓް ކްރައިމް ކޮމާންޑްގެ ޚާއްޞަ ތަޙްޤީޤު ޓީމެއް އެކުލަވާލެވިފައެވެ. މީގެއިތުރުން އިންޓެލިޖެންސް ޑިޕާރޓްމަންޓާއި ފޮރެންސިކް ޑިޕާރޓްމަންޓް ހިމެނޭގޮތުން ގިނަ އަދަދެއްގެ ފުލުހުން ޢަމަލީގޮތުން މަސައްކަތްކުރަމުންދެއެވެ. އަދި މާލޭސިޓީ ޕޮލިސް، ހުޅުމާލޭ ޕޮލިސް އަދި ސްޕެޝަލިސްޓް އޮޕަރޭޝަންސް އާއި ޑިވިޝަނަލް އޮޕަރޭޝަންސް އާއި މެރިން ޕޮލިސް އަދި އެހެންނިހެން ޑިޕާރޓްމަންޓްގެ ފުލުހުން ގުޅިގެން މިމަސައްކަތުގައި ދަނީ ޙަރަކާތްތެރިވަމުންނެވެ.

އަޙްމަދު ރިޟްވާން ޢަބްދުﷲ ހޯދުމަށް ކުރެވެމުންދާ މަސައްކަތުގައި އެންމެ ފަހުން އޭނާ މާލެއިން ފެނުނު ސަރަހައްދު ތަކުގެ ސީ.ސީ.ޓީ.ވީ ފުޓޭޖް ނަގައި ވަނީ ދިރާސާ ކުރެވިފައެވެ. އަދި އަޙްމަދު ރިޟުވާން ޢަބްދުﷲ ހުޅުމާލޭ ފެރީޓާމިނަލްއަށް ދިޔަކަމަށް ބެލެވޭ ހުރިހާ މަގެއްގައި ލިބެންހުރި ހުރިހާ ސީސީޓީވީ ކެމެރާތަކުގެ ފުޓޭޖް ނަގައި ދިރާސާކުރުމުގެ މަސައްކަތް ކުރެވެމުންދެއެވެ. މިގޮތުން 48 ތަނަކުން 101 ކެމެރާއިން 719 ގަޑިއިރުގެ ވީޑިއޯ ފުޓޭޖް އެއްކޮށް އެތަކެތި ދިރާސާ ކުރުމުގެ މަސައްކަތް ކުރެވެމުންދެއެވެ. މިހާތަނަށް ބެލި ބެލުމުން އެންމެ ފަހުން އޭނާ ސީ.ސީ.ޓީ.ވީ ފުޓޭޖަށް ފެނިފައިވަނީ ހުޅުމާލޭ ފެރީ ޓާރމިނަލްއިން 2014 އޮގަސްޓް 08 ވަނަދުވަހުގެ 00:55 ހާއިރުކަން ފާހަގަ ކުރެވިފައިވެއެވެ.

މިމައްސަލައިގެ ތަޙުޤީޤު ބޭނުމަށް ބައެއް ކާރުތައް ބަލައިފާސްކޮށް 2 ކާރެއް ކޯޓް އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެވިފައެވެ. މި 2 ކާރުން ނެގިފައިވާ ސާންޕަލްތައް ތަހުލީލު ކުރުމަށްޓަކައި ފޮރެންސިކް ޑިޕާރޓްމަންޓަށް ފޮނުވި ތަހުލީލުކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. މިހާތަނަށް ތަޙްޤީޤުގެ ބޭނުމަށް، ބަލާފާސްކޮށް މާއްދީހެކި ހޯދުމަށްނެގިފައިވާ ބައެއް ސާމްޕަލްތައް އިތުރަށް ތަޙްލީލު ކުރުމަށްޓަކައި ރާއްޖޭން ބޭރަށް ފޮނުވުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުނުފަހުން، އޭނާއާ ގުޅުން ހުރިކަމަށް ތަޙްޤީޤަށް ބެލެވޭ އެއްވެސް ނިޝާނެއް ފެނޭތޯ ހުޅުމާލޭގެ ފަޅުތެރެއާއި، ހުޅުމާލޭ ކައިރި ސަރަހައްދުތަކުގެ 521 މިނިޓްގެ ޑައިވް ކުރެވިފައިވެއެވެ. މިޑައިވްތަކާއި ފީނުންތަކުގައި ޖުމްލަ 267197.5 އަކަމީޓަރުގެ މޫދުގެ ސަރަހައްދެއް ވަނީ ބެލިފައެވެ. މީގެ އިތުރުން މިހާތަނަށް ހުޅުމާލޭ ފަޅުގެ ސަރަހައްދުގައި އަޅާފައި އޮތް ސަފާރީތަކާއި އޮޑިދޯނިފަހަރު ބަލައި ފާސްކުރެވިފައި ވެއެވެ. މިމައްސަލައާއި ގުޅިގެން 18 އުޅަނދެއް ވަނީ ބަލައި ފާސްކުރެވިފައެވެ. އަދި މިމައްސަލައިގެ ތަޙްޤީޤަށް ޙާޟިރުކުރަން ބޭނުންވާ 4 މީހަކު ރާއްޖެއިން ބޭރަށް ނުދެވޭގޮތަށް ކޯޓު އަމުރެއްގެ ދަށުން ވަނީ ފުރުން މަނާކުރެވިފައެވެ. މީގެ އިތުރުން އަޙްމަދު ރިޟްވާން ޢަބްދުﷲ ދަތުރުކޮށްފައިވާކަމަށް ބެލެވޭ މަގުތަކުގައި ހުރި ސެލް ޓަވަރުތަކަށް ހިޓްވެފައިވާ 638000 އަށްވުރެ ގިނަ ފޯނުނަންބަރުތައް އެނަލައިޒް ކުރެވެމުންދެއެވެ.

މިމައްސަލާގައި މިހާތަނަށް މާލެއިން 8 ގެއެއް ބަލައި ފާސްކުރެވިފައިވެއެވެ. ހުޅުމާލޭގެ ގޭގެއާއި ގުދަންތަކާއި ގަރާޖްތައް ހިމެނޭގޮތުން 139 އަށް ވުރެ ގިނަ ތަން ބަލައި ފާސްކުރެވިފައިވެއެވެ. މީގެ އިތުރުން މުޅިހުޅުމާލޭގެ ބީޗް ސަރަހައްދާއި، އެންމެހާ ހުސްބިންތަކާއި، ވަށައިގެންވާ މޫދުގެ ސަރަހައްދު އަދި ކަނޑުގެ ސަރަހައްދުތައް ޑައިވްކޮށް ބެލިފައިވެއެވެ. އަދި ކުރިންވެސް ދެންނެވި ފަދައިން ހުޅުމާލޭ ކައިރިން އޮންނަ ފަރުކޮޅުފުށީގެ ހުރިހާ ސަރަހައްދެއް ތަކުރާރުކޮށް ބަލައި ފާސްކުރެވިފައި ވެއެވެ. މީގެ އިތުރުން ވިލިނގިލީގެ ހުސްބިން ހިމެނޭ ބައެއް ސަރަހައްދު ތަކާއި ގޮނޑުދޮށް އަދި 04 ގެ ބަލައި ފާސްކުރެވިފައި ވެއެވެ. ހަމައެއާއެކު މިމައްސަލައާއި ގުޅިގެން ބައެއް ރަށްރަށުގެ ގެސްޓްހައުސްތަކާއި ގޭގެ ބަލައި ފާސްކުރެވިފައި ވެއެވެ.

ރިޟްވާން ޢަބްދުﷲ ހޯދުމަށް ކުރެވޭ ތަޙުޤީޤުގެ މަސައްކަތުގައި މިހާތަނަށް 111 މީހުންނާ ސުވާލުކޮށް ބަޔާން ނެގިފައިވާއިރު 318 މީހަކާ ސުވާލުކޮށް މަޢުލޫމާތު ނެގިފައިވެއެވެ. އަދި ހުޅުމާލޭގައި މީހުން ދިރިއުޅޭ 77 އެޕަޓްމަންޓަށްގޮސް އެތަންތަނުގައި ދިރިއުޅޭ މީހުންނާ ސުވާލުކުރެވި މަޢުލޫމާތު އެއްކުރެވިފައި ވެއެވެ.

މައްސަލައާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ 3322111 ނުވަތަ 119 އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒްޑް ޑިޕާޓްމަންޓުގެ 9911099 އަށް ގުޅުއްވައި އެފަދަ މަޢުލޫމާތު ޙިއްސާކުރެއްވުން އެދެމެވެ.

އަދި 2014 އޮގަސްޓް 7 ވަނަ ދުވަހުގެރޭ، މާލޭގައި ހުންނަ ހުޅުމާލޭ ފެރީޓާމިނަލްއާއި، ހުޅުމާލޭއަށް ދަތުރުކުރި ފެރީއާއި ހުޅުމާލޭގެ ފެރީޓާމިނަލް އަދި ހުޅުމާލޭގެ އެއްވެސް ތަނަކުން އަޙްމަދު ރިޟުވާން ޢަބްދުﷲ ފެނިފައިވާ ފަރާތެއް ވާނަމަ އެ މަޢުލޫމާތު ފުލުހުންނާ ހިއްސާކުރުމަށް މިފުރުޞަތުގައިވެސް އިލްތިމާސްކުރަމެވެ.