ހޮރުމޯޒް ބޯޓް ކައިރިއަށް ދިއުމަށްޓަކައި މާޗް 8 ވަނަ ދުވަހު އަރިއަތޮޅު އުތުރުބުރީ އެތެރެވަރިން ފުރައިގެން މަސްތުވާތަކެތި ރައްކާކޮށްފައިވާ ޑިންގީ އަރުވައިގެން ހުޅުމާލެއަށް ވައިލެޓް ބޯޓް ކޮށްފައިވާ ދަތުރު ދައްކުވައިދޭ ޗާޓެއް -- މެޕް: ގޫގްލް އަރތު

ދިވެހިންގެ ބަޔަކާއި ބިދޭސީ ބަޔަކު ގުޅި ކަނޑުމަގުން ދިވެހިރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކުރަނިކޮށް ދިވެހި ފުލުހުން ކުރި ބުރަމަސައްކަތުން އެތަކެތި އަތުލައިގަތް ޚަބަރަކީ އަކީ މިއަދު ދިވެހިންގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ޚަބަރެވެ. މިތަކެތި ރާއްޖެ އެތެރެކުރުމަށް ރާއްޖޭގެ ބަޔަކު ދޯންޏެއްގައި މަސައްކަތްތަކެއް ކުރަމުންދިޔަކަން މި އޮޕަރޭޝަނުގައި އެނގިގެން ދިޔައެވެ.

24 ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަށްޓަކައި ވައިލެޓް ދޯނި ވަނީ ދެ ފަހަރެއްގެ މަތިން ރާއްޖޭގެ އިޤްދިޞާދީ ސަރަޙައްދުން ބޭރަށް ދިޔުމަށް  ފުރާފައެވެ. އެގޮތުން ވައިލެޓް ދޯނި ކޮށްފައިވާ ދަތުރުތަކުގެ މަޢުލޫމާތު ހިއްސާކޮށްލާނަމެވެ.

މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރުމަށް ވައިލެޓް ދޯނިން ކުރި ފުރަތަމަ ދަތުރު:

ވައިލެޓް ދޯނި -- ފޮޓޯ: ޕޮލިސް މީޑިއާ

2014 ވަނަ އަހަރުގެ މާރޗް މަހުގެ 04 ވެގެން ގޮސްފައިވަނީ ކަނޑުގެ މަގުން ދިވެހިރާއްޖެއަށް ގިނައަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރުމަށް، ދިވެހިންގެ 3 މީހަކާއި ބަނގުލަދޭޝްގެ 3 މީހަކު ވައިލެޓް ނަމަކަށް ކިޔާ ތެޔޮ އުފުލާ ދޯންޏެއްގައި ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުން ބޭރައް ދިއުމަށް ވިލިމާލެއިން ދަތުރު ފެށި ދުވަހަށެވެ.

މާރޗް މަހުގެ 04 ވަނަ ދުވަހުގެ މެންދުރުފަހު ވައިލެޓް ދޯނި ވިލިމާލޭގެ ބަނދަރުން ނައްޓާލާ މިސްރާބު ޖަހާފައިވަނީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުމަށް މަސައްކަތްކުރި އީރާންގެ ހޮރުމޯޒް ބޯޓުން ބައްދަލު ކުރުމަށް ދީފައިވާ ޖީ.ޕީ.އެސް ޕޮއިންޓަށް ދިއުމަށެވެ.

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމަށް މަސައްކަތް ކުރަމުން ދިޔަ ހޮރުމޯޒް ބޯޓާއި ވައިލެޓް ދޯނި ބައްދަލު ކުރުމަށް ކަނޑައަޅާފައިވާ ޕޮއިންޓް ހަމަޖައްސާފައިވަނީ އަރިއަތޮޅު އުތުރުބުރީ އުތުރުން 30 ނޯޓިކަލް މޭލު ސަރަޙައްދެއްގައެވެ.

ވައިލެޓް ދޯނި ވިލިމާލެއިން އަރިއަތޮޅު އުތުބުރި އެތެރެވަރިއަށް ވަދެފައިވާ ގޮތް ދައްކުވައިދޭ ޗާޓެއް -- މެޕް: ގޫގްލް އަރތު

އީރާންގެ ހޮރުމޯޒް ބޯޓާއި ބައްދަލުކުރުމަށް ވިލިމާލެއިން ފުރި ވައިލެޓް ދޯންޏަށް އެ ދުވަހުގެ އިރު އޮއްސުމާ ހަމައަށް ދެވިފައި ވަނީ އަރިއަތޮޅުގެ އުތުރުބުރީ އުތުރު ކަންމައްޗާ ހަމައަށެވެ. ދުވަހުގެ އިރު އޮއްސުމާ ހަމައިން ވައިލެޓް ދޯނި އެ ދުވަހުގެ ދަތުރު މެދުކަނޑާލާ އަރިއަތޮޅު އުތުރުބުރގެީ އުތުރު ކަންމަތިން ވަދެގެން އުކުޅަސް ހިމެނޭ ސަރަޙައްދުގައި އެރޭ ވަނީ މަޑުކޮށްފައެވެ.

އެރޭ އުކުޅަސް ހިމެނޭ ސަރަޙައްދުގައި މަޑުކޮށްފައި އޮތުމަށް ފަހު ހޮރުމޯޒް ބޯޓާއި ބައްދަލު ކުރުމަށް ވައިލެޓްދޯނި ނައްޓާލާފައިވަނި އޭރޭ ދަންވަރު 03:00 ހާއިރުއެވެ. މި ދަތުރުގައި ހޮރުމޯޒް ބޯޓުން ބައްދަލު ކުރުމަށް ދީފައިވާ ޖީ.ޕީ.އެސް ޕޮއިންޓަށް ވައިލެޓް ދޯންޏަށް ދެވިފައިވަނީ މާރޗް 05 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

ހޮރުމޯޒް ބޯޓާ ބައްދަލުކުރުމަށް ދީފައިވާ ޖީޕީއެސް ޕޮއިންޓަށް ދިއުމަށް ވައިލެޓް ދޯނި ފުރަތަމަ ކޮށްފައިވާ ދަތުރު ދައްކުވައިދޭ ޗާޓެއް -- މެޕް: ގޫގްލް އަރތު

ކަނޑުމަގުން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށް ދަތުރު ކުރަމުން ދިޔަ ހޮރުމޯޒް ބޯޓާ ބައްދަލު ކުރުމަށް ދީފައިވާ ޖި.ޕީއެސް ޕޮއިންޓަށް ވައިލެޓް ދޯނިން ގޮސް އެތާ އެތަށް އިރެއް ހޭދަ ކުރިއިރުވެސް ހޮރުމޯޒް ބޯޓަށް އެޕޮއިންޓާ ހަމައަށް އާދެވިފައެއް ނުވެއެވެ. ވައިލެޓް ދޯނިން އެ ސަރަޙައްދުގައި ހޭދަ ކުރި ވަގުތުތަކުގައި ހޮރުމޯޒް ބޯޓާއި ގުޅޭގޮތް ނުވުމުން މަސްތުވާތަކެތި އެތެރެކުރުމަށް ކުރި މަސައްކަތް މެދު ކަނޑާލައި އެނބުރި ވިލިމާލެއަށް އައުމަށް ވަނީ ދަތުރު ފަށާފައި އެ ދަތުރުގައި ރެސްޓިންގ ޕޮއިންޓުގައި ވަގުތުކޮޅަކު މަޑުކުރުމަށްފަހު ވައިލެޓް ދޯންޏަށް ވިލިމާލެއަށް އައިސްފައިވަނީ މާރޗް 05 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. އަދި މާރޗް 05 ވަނަ ދުވަހުގެ ރެއިންފެށިގެން މާރޗް 07 ވަނަ ދުވަހުގެ މެންދުރުފަހާ ހަމައަށް ވައިލެޓް ދޯނި ބަނދަރު ކޮށްފައި އޮތީ ވިލިމާލޭގެ ބަނދަރުގައެވެ.

މަސްތުވާތަކެތި ދިވެހި ރާއްޖެއަށް އެތެރެ ކުރުމަށް އީރާންގެ "ޗަބާހަރު" ބަނދަރުން ސީދާ ދިވެހިރާއްޖެއަށް ދަތުރު ކުރަމުން ދިޔަ ހޮރުމޯޒް ބޯޓާ ބައްދަލު ނުވުމުން ދަތުރު ކުރުކޮށްލުމަށްފަހު އެނބުރި ވިލިމާލޭގެ ބަނދަރުގައި ވައިލެޓް ދޯނި ބަނދަރު ކޮށްފައި އޮތް ވަގުތު އެ ދަތުރުގައި ބައިވެރިވި 3 ބިދޭސީންނާއި 3 ދިވެހިންގެ ތެރެއިން 2 ދިވެހިން ވަނީ ދޯނި ދޫކޮށް މާލެ އައިސްފައިވާކަން ފާހަގަކުރެވެއެވެ.

މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރުމަށް ވައިލެޓް ދޯނިން ކުރި ދެވަނަ ދަތުރު:

ކަނޑުމަގުން 24 ކިލޯގެ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެ ކުރުމަށް މަސައްކަތް ކުރަމުން ދިޔަ މީހުންނަށް، މާރޗް މަހު 07 ވަނަ ދުވަހު ލިބިގެން ދިޔަ ޚަބަރަކީ އީރާންގެ ޗަބާހަރު ބަނދަރުން ނައްޓާލައިގެން ދަތުރު ކުރަމުންދާ ހޮރުމޯޒް ދިވެހިރާއްޖެއާ ވަރަށް ކައިރިޔަށް އާދެވިފައިވާކަމުގެ ޚަބަރެވެ.

ވައިލެޓް ދޯނި ވިލިމާލޭގައި ބަނދަރު ކުރުމުން މާލެ އައި ދެ ދިވެހިންވެސް ދެ ވަނަ ދަތުރަށް ތައްޔާރުވެ ވިލިމާލޭ ބަނދަރުގައި އޮތް ވައިލެޓް ދޯންޏަށް ދިއުމަށް ވިލިމާލެ ފެރީގައި ދަތުރުކޮށް ވައިލެޓް ދޯންޏަށް ގޮސްފައިވަނީ މާރޗް 07 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ.

ހޮރުމޯޒް ބޯޓް ކައިރިއަށް ދިއުމަށްޓަކައި މާޗް 7 ވަނަ ދުވަހު ވިލިމާލެއިން ފުރައިގެން އަރިއަތޮޅަށް ވައިލެޓް ބޯޓް ކޮށްފައިވާ ދަތުރު ދައްކުވައިދޭ ޗާޓެއް -- މެޕް: ގޫގްލް އަރތު

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށް އީރާންގެ ހޮރުމޯޒް ބޯޓާއި ބައްދަލު ކުރުމަށް ހޮރުމޯޒް ބޯޓުން ދީފައިވާ ޖީ.ޕީ.އެސް ޕޮއިންޓަށް ދިއުމަށް ވައިލެޓް ދޯނިން ދެވަނަ ފަހަރަށް ދަތުރު ފަށާފައި ވަނީ 2014 މާރޗް 07 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ.

ފުރަތަމަ ދަތުރެކޭ އެއްގޮތަށް ދެވަނަ ދަތުރުވެސް ދެބައި މީހުން ބައްދަލު ކުރުމަށް ހަމަޖެހިފައިވާ ޕޮއިންޓަށް ދިއުމަށް ކުރި ދަތުރު މެދު ކަނޑާލާފައިވަނީ ދުވަހުގެ އިރު އޮއްސުމުންނެވެ. ކުރީ ދަތުރެކޭ އެއްގޮތަށް މި ދަތުރުގައިވެސް ރޭގަނޑު ރެސްޓިންގ ޕޮއިންޓެއްގެ ގޮތުގައި މަޑުކޮށްފައި ވަނީ އުކުޅަސް ހިމެނޭ ސަރަޙައްދުގަ އަރި އަތޮޅު އުތުރުބުރީގެ އެތެރެވަރީގައެވެ.

ހޮރުމޯޒް ބޯޓް ކައިރިއަށް ދިއުމަށްޓަކައި މާޗް 8 ވަނަ ދުވަހު އަރިއަތޮޅުން ބޯޓާ ބައްދަލުކުރުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުން ބޭރަށް ވައިލެޓް ބޯޓް ކޮށްފައިވާ ދަތުރު ދައްކުވައިދޭ ޗާޓެއް -- މެޕް: ގޫގްލް އަރތު

އެރޭ އެ ސަރަޙައްދުގައި މަޑުކޮށްގެން ތިބުމަށްފަހު މާރޗް މަހުގެ 08 ވަނަ ދުވަހުގެ ފަތިހު ހޮރުމޯޒް ބޯޓާ ބައްދަލުވޭތޯ ވައިލެޓް ދޯނިން ދަތުރު ކޮށްފައި ވަނީ ރެސްޓިންގ ޕޮއިންޓުން ނައްޓާލައިގެން އުތުރު ދެކުނުން ބ. އަތޮޅާ ވީ ދިމާ ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުން ބޭރަށެވެ.

މިފަހަރުގެ މި ދަތުރުގައި ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުން ބޭރުގައި އެދުވަހުގެ މެންދުރު ފަސްވަންދެން ވައިލެޓް ދޯނި ހޭދަކޮށްފައިވެއެވެ. ނަމަވެސް މިދަތުރުގައިވެސް ހޮރުމޯޒް ބޯޓާއި ބައްދަލު ނުވުމުން އެ ދުވަހުގެ އިރު އޮއްސުނު ވަގުތު ވައިލެޓް ދޯނި އެނބުރި އައިސްފައިވަނީ އުކުޅަސް ކައިރީ އެމީހުން މަޑުކޮށްގެން ތިބޭ ރެސްޓިންގ ޕޮއިންޓަށެވެ.

ރެސްޓިންގް ޕޮއިންޓްގައި ހޭދަކުރި ވަގުތު ވައިލެޓް ދޯނި ވަނީ މާރޗް 09 ވަނަ ދުވަހު ފަތިހު އއ.އުކުޅަހާ ކައިރިކޮށްފައެވެ. ވައިލެޓް ދޯނީގައި ތިބި ބިދޭސީންނާއި ދިވެހިން އުކުޅަހުން ބާޒާރު ކުރުމަށްފަހު ވައިލެޓް ދޯނި ވަނީ އެނބުރި ރެސްޓިންގ ޕޮއިންޓަށް ގޮސްފައެވެ.

މާޗް މަހުގެ 09 ވަނަ ދުވަހު ހެނދުނު ރެސްޓިންގ ޕޮއިންޓުން ނައްޓާލައިގެން ވައިލެޓް ދޯނި ވަނީ މަތިވެރިއާ ދިމާ ބޭރަށް ނިކުމެފައެވެ. އެއަށްފަހު ވައިލެޓް ދޯނި ވަނީ ހޮރުމޯޒުން ދީފައިވާ ފައިނަލް މީޓިންގ ޕޮއިންޓަށް އެދުވަހުގެ ހަވީރު ގޮސްފައެވެ.

ވައިލެޓް ދޯނި އަރިއަތޮޅު އުތުރުބުރީ އެތެރެވަރިން ނުކުމެ މަތިވަރި ބޭރުގައި މަޑުކުރުމަށްފަހު ހަރުމޯޒް ބޯޓާ ބައްދަލުކުރުމަށް އެންމެ ފަހު ޕޮއިންޓަށް ގޮސްފައިވާ ގޮތުގެ ޗާޓެއް -- މެޕް: ގޫގްލް އަރތު

މާޗް މަހުގެ 09 ވަނަ ދުވަހު ވައިލެޓް ދޯނި ފައިނަލް ޕޮއިންޓަށް ދިޔަކަމުގައި ވީނަމަވެސް ވައިލެޓް ދޯންޏަށް ހަރުމޯޒް ބޯޓާއި ބައްދަލުވަގޮތްވީ މާރޗް މަހުގެ 10 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ވައިލެޓް ދޯންޏާއި ހަރުމޯޒް ބޯޓް ބައްދަލުވެފައި ވަނީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުން 30 ނޯޓިކަލް މޭލު ބޭރުންނެވެ.

އީރާންގެ ހޮރުމޯޒް ބޯޓާއި ވައިލެޓް ދޯނި ބައްދަލުވި ވަގުތު ހޮރުމޯޒް ބޯޓުން ވަނީ ފައިބަރު ޑިންގީއެއް ކަނޑަށް ދޫކޮށްލާފައެވެ. ހޮރުމޯޒުން އެ ޑިންގީ ކަނޑަށް ދޫކޮށްލުމާއެކު ވައިލެޓް ދޯންޏަށް އެ ޑިންގީ ނެގުމަށްފަހުވެސް ވައިލެޓް ދޯނި ގިނަ އިރުތަކެއް އެސަރަހައްދުގައި ހޭދަ ކުރުމަށްފަހު އެނބުރި މާލެއައުމަށް ދަތުރު ފަށާފައިވަނީ އެ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ.

ފުލުހުން ހިންގި މި ޚާއްޞަ އޮޕަރޭޝަންގައި މަސްތުވާތަކެތި ރައްކާކޮށްފައިވަނިކޮށް އަތުލާގަތް ދިންގީ: މި ޑިންގީން 24 ކިލޯގެ ހެރޮއިންކަމަށް ތުހުމަތު ކުރެވޭ އެއްޗެއް ފެނިފައިވޭ -- ފޮޓޯ: ޕޮލިސް މީޑިއާ

މަސްތުވާތަކެތި ރައްކާ ކޮށްފައިވާ މި ޑިންގީ ނެގުމަށްފަހު ވައިލެޓް ދޯނިން ތޮއްޑޫ ބޭރުން ދުއްވާފައި އައިސް މާލެއަތޮޅަށް ވަދެވިފައި ވަނީ އެދުވަހުގެ އިރުއޮއްސުނުފަހުންނެވެ. ވައިލެޓް ދޯނި މާލެ އޮތޮޅުތެރެއިން ދަތުރު ކޮށްފައި އައިސް ހުޅުމާލެ ފަޅަށް ވަދެ ވައިލެޓް ދޯނިން 2 ދިވެހިންނާއެކު އެޑިންގީ ހުޅުމާލޭ ފަޅަށް ބާލައިފާ ވަނީ މާރޗް 10 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ކަނޑުމަގުން ދިވެހިރާއްޖެއަށް 24 ކިލޯ މަސްތުވާތަކެތި އެތެރެކުރުމަށް މަސައްކަތްކުރި ދޯނީގައި ތިބި މީހުންނާ ޑިންގީގައި ތިބި ދެ ދިވެހިން ހައްޔަރުކޮށްފައިވަނީ މާރޗް 10 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މީގެ އިތުރުން މި މައްސަލައާއި ގުޅުން ހުރި އިތުރު ދިވެއްސެއް މާރޗް 11 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މާލެއިންވެސް ވަނީ ހައްޔަރު ކޮށްފައެވެ.

ހޮރުމޯޒް ބޯޓް މަސްތުވާތަކެތި ހިފައިގެން އީރާންގެ ޗަބާހަރު ބަނދަރުން ދިވެހިރާއްޖެއަށް އައުމަށް ދަތުރުކުރި ގޮތް ދައްކުވައިދޭ ޗާޓެއް-- ޗާޓު: ގޫގްލް އަރތު

24 ކިލޯގެ މަސްތުވާތަކެތި ހިފައިގެން އިރާންގެ ޗަބާހަރު ބަނދަރުން ސިދާ ދިވެހިރާއްޖެއަށް ދަތުރުކުރި އީރާންގެ ހޮރުމޯޒް ބޯޓް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެމް.އެން.ޑީ.އެފް ގެ އެހީތެރިކަމާއެކު ބ.އަތޮޅާއި އަރިއަތޮޅާއި ދެމެދު ހުޅަގުން ދިވެހިރާއްޖޭގެ އިޤްތިޞާދި ސަރަޙައްދުން 07 ނޯޓިކަލް މޭލު ބޭރުންނެވެ.

އީރާންގެ ހޮރުމޯޒް ބޯޓުގައި ތިބި ޕާކިސްތާނުގެ 11 މީހުން ހައްޔަރުކޮށްފައި ވަނީ މާރޗް 11 ވަނަ ދުވަހުއެވެ.

ކަނޑުމަގުން ދިވެހިރާއްޖެއަށް 24 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމަށް މަސައްކަތްކުރި މި މައްސަލައާއި ގުޅިގެން ޖުމްލަ 18 މީހަކުވަނީ ހައްޔަރު ކޮށްފައެވެ.

ހޮރުމޯޒް ބޯޓް -- ފޮޓޯ: ޕޮލިސް މީޑިއާ

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހުންގެ ތެރެއިން މި ކަމުގައި އިސްކޮށް ހަރަކާތްތެރިވިކަމަށް ބެލެވޭ ދެ ދިވެހިންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ ދެ މީހުންނެވެ. މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި އެންމެންވެސް ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެހި ތަހުލީލުކުރުމަށްޓަކައި މާލެ ގެނައުމަށް ލޯންޗަށް އަރުވަނީ -- ފޮޓޯ: ޕޮލިސް މީޑިއާ

ކަނޑު މަގުން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށް އެކިފަރާތްތަކުން މަސައްކަތް ކުރަމުން ދާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބެމުން ދާތީ އެކަން ހުއްޓުވުމަށް ތަފާތު ގިނަ އޮޕަރޭޝަންތަކެއް ޑްރަގް އެންފޯސް ޑިޕާރޓްމަންޓް ދަނީ ހިންގަމުންދާއިރު ކުރިއަށް އޮތްތަނުގައިވެސް އެއްވެސް ބަޔަކު ނުވަތަ މީހަކު މަސްތުވާތަކެތީގެ މުޢާމަލާތެއް ހިންގާ ކަމުގެ މަޢުލޫމާތެއް ލިބިއްޖެނަމަ އެކަން ލަސްނުކޮށް ފުލުހުންނަށް ހިއްސާ ކުރުމާއި ވަކިން ޚާއްޞަކޮށް ކަނޑުގެ ސަރަޙައްދުގައި ހަރަކާތްތެރިވާ މަސްވެރިންނަށް ނުވަތަ އެނޫންވެސް ފަރާތަކަށްވެސް ބަޔަކު ނުވަތަ މީހަކު އެފަދަ މުޢާމަލާތެއް ހިންގާކަމަށް ޝައްކުކުރެވޭ ނަމަ އެކަން ފުލުހުންނާ ޙިއްޞާ ކޮށްދިނުމަށް އެންމެހާ ދިވެހި ރައްޔިތުންނަށް ފުލުހުން އިލްތިމާސްކުރެއެވެ.

)