raees newspic

ދިވެހި ފުލުހުން ޕްރޮފެޝަނަލްކަމާއެކު މަސައްކަތް ކުރައްވާ ކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށާއި ފުލުހުންގެ މުއައްސަސާ ތަރައްޤީކޮށް ފުލުހުންނަށްވެސް ރައްކާތެރިކަން ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިހެން ވިދާޅުވީ މިއަދު ހަވީރުގެ ވަގުތެއްގައި އިސްކަންދަރު ކޮށްޓަށް ވަޑައިގެން ގިނަ ޢަދަދެއްގެ ފުލުހުންނާއި ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޔާމީން ވިދާޅުވީ މިއަދު ރާއްޖޭގައި މިއޮތް އަމާންކަމާއި ޞުލްޙަވެރި މާޙައުލު އަބަދުވެސް ދެމިއޮތުމަށް އެދިވަޑައިގަންނަވާ ކަމަށާއި ޤައުމުގައި ހަމަޖެހުން ދެމިއޮތުމަކީ ތަރައްޤީއަށް އޮތް ފަހި ކަމެއް ކަމަށެވެ. އެހެންކަމުން ސަރުކާރުން މިއެދޭ އެދުމާއެކު ފުލުހުން މިކަމަށް ވަރަށް ބޮޑު މަސައްކަތްތަކެއް ކޮށްދެއްވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ. މިއާއެކު ޒުވާނުން ބާރުވެރި ކުރުވައި ޒުވާނުންގެ ތަރައްޤީއަށް ވަރަށް ބޮޑު އިސްކަމެއް މިސަރުކާރުން ދެއްވާކަމަށާއި މިކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އިސްކަންދަރު ކޮށީގައި އޮތް މިބައްދަލުކޮށްލެއްވުމުގައި އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ފުލުހުންނަށް މާލެއާއި އަތޮޅުތަކުގައި ދިމާވެފައިވާ ބޯހިޔާވަހިކަމަށް ޙައްލެއްގެނެސް ދެއްވުމުގައާއި ފުލުހުންގެ މުއައްސަސާ މިނިވަންކަމާއެކު ޤައުމީ ވާޖިބު އަދާކުރުމަށް ފުރުޞަތު ދެއްވުމަށް ކަމަށެވެ. މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ފުލުހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ހިންގާ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މާތް ﷲގެ އިރާދަފުޅާއެކު މާރޗްމަހުގެތެރޭގައިފެށި ޢިމާރާތްކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށެވެ. މިއާއެކު އަތޮޅުތަކުގައި ފުލުހުން ޚިދުމަތްދެމުންދާ ދަތި ޙާލު އެމަނިކުފާނު ލޮލުންދެކެވަޑައިގެންނެވިކަމަށާއި އެކަންކަމަށް އެދެވޭ ޙައްލެއް ހޯއްދަވައިދެއްވުމަށް އިސްކަން ދެއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ ފުލުހުންގެ މަސައްކަތަށް ބޭނުންވާ ޤާނޫނުތައް ނިންމުމަށް އަލަށް އިންތިޚާބުކުރެވޭ މަޖިލީހާއެކު އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނެކަމަށެވެ. ހަމައެއާއެކު ރައްޔިތުންނަށް އަމާންކަމާއި ސަލާމަތްތެރިކަން ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތް ހަރުދަނާކޮށް އަމާންވެއްޓެއް ރައްޔިތުންނަށް ކަށަވަރުކުރުމަށް ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން ސަރުކާރުން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކޮށްދެއްވާނެކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. މީގެއިތުރުން ފުލުހުންގެ ވެލްފެއަރކަންތައް ހަރުދަނާ ކުރުމަށް ސަރުކާރުން މަސައްކަތް ކޮށްދެއްވާނެކަމަށާއި މިރޭ އިޢުލާނުކުރެވިގެންދާ ހުސްނުވާ އާސަންދަ ޕްރޮގްރާމުންވެސް މިކަމަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ޤަބޫލުފުޅު ކުރައްވާކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށްފަހު ފުލުހުންނާއި ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންނާ މިގޮތަށް ބައްދަލުކޮށްލައްވަން ފުރުޞަތު ހޯއްދެއްވުމަށް މަސައްކަތް ކުރެއްވިނަމަވެސް ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ދެވުނު އިސްކަމާހުރެ މިބައްދަލުވުން ލަސްވެގެން ދިޔައީ ކަމަށެވެ. މިއާއެކު އެމަނިކުފާނުވަނީ ރިޔާސީ އިންތިޚާބުގެ މަސައްކަތުގައާއި ޤައުމަށް އައި ހަލަބޮލި ވަގުތުގައި ކެތްތެރިކަމާއެކު ފުލުހުން ކުރި ބުރައް މަސައްކަތުގެ އަގުވަޒަންކުރައްވާކަމަށް ވިދާޅުވެ ފުލުހުންނަށާއި ފުލުހުންގެ ޢާއިލާތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މިއަދު ހަވީރުގެ ސައިފޮދާއެކު އޮތް މިބައްދަލުވުމަށް ރައީސުލްޖުމުހޫރިއްޔާ އިސްކަންދަރު ކޮށްޓަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު އާއި ޑެޕިއުޓީ ކޮމިޝަނަރއޮފް ޕޮލިސް އަޙްމަދު ސަޢުދީއާއި ގިނަ ޢަދަދެއްގެ ފުލުހުންނެވެ.

ރައީސުލްޖުމުހޫރިއްޔާގެ މިޒިޔާރަތުގައި އެމަނިކުފާނުވަނީ ވަކިވަކި ފުލުހުންނާއި ބައްދަލުކުރައްވައި ގިނަ ވަގުތުތަކެއް އިސްކަންދަރު ކޮށީގައި ހޭދަކުރައްވާފައެވެ. އަދި ފުލުހުންގެތެރެއިން އެމަނިކުފާނާއި ސުވާލުކުރަން ބޭނުން ފުލުހުންނަށް އެފުރުޞަތު ދެއްވައި ފުލުހުން ކުރެއްވި ސުވާލުތަކަށް ރައީސް ޔާމީން ވަނީ ޖަވާބުދެއްވާފައެވެ.

ރައީސް ޔާމީން މިއަދު ފުލުުހުންނާއި ބައްދަލުކުރައްވަން ވަޑައިގަތުމުން ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވަނީ ހުރިހާ ފުލުހުންނާއި ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ ނަމުގައި ރައީސުލްޖުމުހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ޝުކުރު އަދާކުރައްވާފައެވެ.