އިސްލާމް ދީނުގައި އިންސާނާގެ މަޤާމު

ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އިސްމާޢީލް ޢަލީ
ފުލުހުންގެ މެމޯރިއަލް ވޯލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ޕޮލިސް ފައިލް ފޮޓޯ
ފުލުހުންގެ މެމޯރިއަލް ވޯލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ޕޮލިސް ފައިލް ފޮޓޯ

އިސްލާމްދީނަކީ އިންސާނާއަށް އެންމެ އިސް އަދި އެންމެ ޤަދަރުވެރި މަޤާމުދީފައިވާ ދީނެވެ. މިމަޤާމު ދީފައިވަނީ ވަކި ނަސްލަކަށް، ވަކި ފަންތިއަކަށް، ވަކީ ޤަބީލާއަކަށް ނުވަތަ ވަކި ޖަމާޢަތަކަށް ބެލުމެއްނެތިއެވެ. އެހެންކަމުން އިސްލާމް ދީނުގެ ކުރިމަތީގައި ހުރިހާ އިންސާނުންވެސް ހަމަހަމަވެގެންވެއެވެ. އެހެންގޮތަކަށް ބުނާނަމަ ހަމަ ކޮންމެ އިންސާނަކީވެސް ހަމަހަމަ މީހެކެވެ. އިންސާނާ މޮޅުދެރަކަން ކަނޑައެޅިގެންދަނީ އޭނާގެ ކިބައިގައިވާ ތަޤުވާވެރިކަމުންނެވެ. ކީރިތި ޤުރްއާނުގެ އަންނަނިވި ބަސްފުޅުން އެކަން ވަރަށް ރަނގަޅަށް ސާބިތުވެއެވެ. يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ‌ وَأُنثَىٰ وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَ‌فُوا ۚ إِنَّ أَكْرَ‌مَكُمْ عِندَ اللَّـهِ أَتْقَاكُمْ ۚ އަލް ޙުޖުރާތު ސޫރަތް ﴿١٣﴾ ވަނަ އާޔަތް. މާނައީ: އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: آدم ގެފާނާއި، حوّاء ގެފާނުގެ ކިބައިންނެވެ.) އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު قوم ތަކަށާއި، قبيلة ތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް تعارف ވުމަށްޓަކައެވެ. ހަމަކަށަވަރުން، اللَّه ގެ حضرة ގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ تقوى ވެރި މީހާއެވެ.

އިންސާނުންގެ މެދުގައިވާ ހަމަހަމަކަން ބަޔާންކޮށްދެއްވައި މާތް ރަސޫލާ محمد صلّى الله عليه وسلّم އެކަލޭގެފާނު އިސްލާމީ އުއްމަތަށް ކުރެއްވި އެންމެ ފަހުގެ ވަޞިއްޔަތްޕުޅުކަމުގައިވާ ޙައްޖަތުލްވަދާޢުގެ މަތިވެރި ޚުޠުބާގައި ޙަދީސްކުރައްވާފައިވާ ބަސްފުޅަކީވެސް އިސްލާމްދީނުގައި އިންސާނާގެ މާތްކަމާއި އިންސާނާއަށް ލިބިދީފައިވާ ހަމަހަމަކަން ބަޔާންވެގެންދާ އަލިގަދަ ހެއްކެކެވެ. أَيُّهَا النَّاسُ: إِنَّ رَبَّكُمْ وَاحِدٌ، وَإِنْ أَباَكُمْ وَاحِدٌ، كٌلُّكُمْ لِآَدَمَ وَآَدَمُ مِنْ تُراَبٍ، إِنَّ أَكْرَمَكُمْ عِنْدَ اللهِ أَتْقَاكُمْ، لَيْسَ لِعَرَبِيٍّ عَلَى عَجَمِيٍّ وَلاَ لِعَجَمِيٍّ عَلَى عَرَبِيٍّ وَلاَ لِلأَسْمَرَ عَلَى أَبْيَضَ وَلاَ لِلأَبْيَضَ عَلَى أسْمَرَ فَضْلٌ إِلَّا بِالتَّقْوَى، (رواه أصحاب السنن). މާނައީ: އޭ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ ކަލާނގެއީ އެއްކައުވަންތަ ކަލާނގެއެވެ. ތިޔަބައިމީހުން އެންމެންގެ ބައްޕައަކީ އެކެކެވެ. ތިޔަބައިމީހުން އެންމެންނީ އާދަމްގެ ދަރިންނެވެ. އަދި އާދަމްގެފާނު ހައްދަވާފައިވަނީ މަށީންނެވެ. ހަމަކަށަވަރުން ﷲގެ ޙަޟްރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަން ބޮޑި ތިޔަބައިމީހުންކުރެ އެންމެ ތަޤުވާވެރި މާހާއެވެ. ޢަރަތްބަކަށް ޢަޖަމީއެއްގެ މައްޗަކަށް އަދި ޢަޖަމީއަކަށް ޢަރަތްބެއްގެމައްޗަކަށް އަދި ކަޅުމީހަކަށް ދޮންމީހެއްގެ މައްޗަކަށް އަދި ދޮންމީހަކަށް ކަޅުމީހެއްގެ މައްޗަކަށް ތަޤުވާވެރިކަމުން މެނުވީ މަތިވެރިކަމެއް ލިބިގެނެއް ނުވެއެވެ.

ﷲ ތަބާރަކަ ވަތަޢާލާވަނީ އިންސާނާއަށް ހަމަހަމަކަމާއެކު ޙައްޤުތައް ލިބެނިވި ގޮތުގައި މިބިމުގައި ލައްވާފައެވެ. އެހެންކަމުން އެކަލާނގެ މިބިމުގައި ލެއްވި ހުރިހާ އެއްޗަކަށްވުރެ އިންސާނާވަނީ މާތްކުރައްވާފައެވެ. އެއިންސާނާއަށް ލިބިދޭންޖެހޭ އެންމެހައި ޙައްޤުތަކެއް އެކަލާނގެ ވަނީ މިންވަރު ކޮށްދެއްވާފައެވެ. ކިރިތި ޤުރްއާނުގައި އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. وَلَقَدْ كَرَّ‌مْنَا بَنِي آدَمَ وَحَمَلْنَاهُمْ فِي الْبَرِّ‌ وَالْبَحْرِ‌ وَرَ‌زَقْنَاهُم مِّنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَىٰ كَثِيرٍ‌ مِّمَّنْ خَلَقْنَا تَفْضِيلًا. އަލްއިސްރާއު ސޫރަތް ﴿٧٠﴾ ވަނަ އާޔަތް. މާނައީ: ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آدم ގެދަރިން މާތްކުރެއްވީމެވެ. އަދި އެއުރެން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެއުރެންނަށް ރަނގަޅު ތަކެތިން رزق ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ހެއްދެވި ތަކެތީގެ ތެރެއިން، ގިނަ ތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖައަކަށް މާތްކުރެއްވީމެވެ. މިބަސްފުޅަށް ވިސްނާލާއިރު އިންސާނާއަށް އެކަލާނގެ ރިޒުޤު ތަނަވަސްކޮށްދެއްވައި ޙައްޤުތައް ތަފާތުކުރުމެއްނެތި ލައްވާފައިވާކަން ވަރަށް ރަނގަޅަށް ސާބިތުވެ އެނގިގެން ދެއެވެ.