މަޖިލީހުގެ ކޮމިޓީއެއްގައި ކޮމިޝަނަރ އޮފް ޕޮލިސް މަޢުލޫމާތު ދެއްވަނީ
މަޖިލީހުގެ ކޮމިޓީއެއްގައި ކޮމިޝަނަރ އޮފް ޕޮލިސް މަޢުލޫމާތު ދެއްވަނީ

ދިވެހިރާއްޖޭގެ ރިޔާސީ އިންތިޚާބު މި އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު ބޭއްވުމުގެ މަސައްކަތް އިލެކްޝަން ކޮމިޝަނުން ކުރަމުންދަނިކޮށް، ފުލުހުންގެ މެންޑޭޓުން ބޭރުން ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިޔަށް ގެންދިއުން ހުއްޓުވައި، އެކަމަށް ފުލުހުން ހުރަސް އަޅައި، ޤާނޫނުގެ ރޫޙާއި މަޤްޞަދާއި ޚިލާފަށް ޤާނޫނީ އިމުގެ ބޭރުން ފުލުހުން މަސައްކަތް ކޮށްފައިވާކަމަށް ބުނެ ރައްޔިތުންގެ މަޖުލީސްގެ އިދާރާއިން ނެރުއްވި ނޫސް ބަޔާނުގައި ފާހަގަ ކޮށްފައިވާތީ އެކަންކަމުގެ ތަފްޞީލް އަންގައި ދިނުމަށް ރައްޔިތުންގެ މަޖުލީހުގެ އިދާރާގައި ފުލުހުން އެދިއްޖެއެވެ.

ރައްޔިތުންގެ މަޖުލީހުގެ އިދާރާއިން އެތަފްޞީލްތައް ދެއްވުމަށް ފުލުހުން އެދިފައިވަނީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ޑައިރެކްޓްރޭޓް ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު ސޮއިކުރައްވައި ރައްޔިތުންގެ މަޖުލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް މިއަދު ފޮނުއްވި ސިޓީއެއްގައެވެ.

މި އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގެ ތައްޔާރީތަކުގައި ފުލުހުންގެ މުއައްސަސާއިން މަސައްކަތްކޮށްފައިވާނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ސްޕްރީމް ކޯޓުގެ ނަމްބަރު 2013/SC-C/42 ޤަޟިއްޔާއާއި، އެންމެހާ ޤާނޫނުތަކާއި އަދި ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ދައުލަތުގެ އެހެން މުއައްސަސާތަކުންވެސް އެދެމުންދިޔަ ފަދައިން ވޯޓުލުމުގެ ޙައްޤު ލިބިފައިވާ އެންމެހާ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށް، އަދި ފުލުހުންގެ ޤާނޫނުގެ 6 ވަނަ މާއްދާގެ 3 ވަނަ ނަމްބަރުގައި ބުނެފައިވާ ގޮތަށް ކުރިމަތިވެދާނެ ދާޚިލީ ނުރައްކަލަކުން ރާއްޖެ ސަލާމަތްކުރުމަށް އެސިޓީގައި ބުނެފައިވެއެވެ.

އެސިޓީގައި ފާހަގަކޮށްފައިވާ ގޮތުން ސްޕްރީމް ކޯޓުގެ ނަމްބަރު 2013/SC-C/42 ޤަޟިއްޔާއާއި ޚިލާފަށް އިންތިޚާބު ބާއްވައިފިނަމަ އެކަމުގެ ސަބަބުން އެތައްބައެއްގެ ވޯޓުލުމުގެ ޙައްޤު ގެއްލި، ދިވެހިރާއްޖޭގައި ދާޚިލީ ހަމަނުޖެހުމެއް އުފެދިދާނެކަމަށް ފުލުހުންގެ މުއައްސަސާއަށް ފެންނާތީ އޮކްޓޯބަރު 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުން އެއީ އެންމެ ރަގަޅު ގޮތްކަމަށް ނުދެކޭތީ ވޯޓާއި ގުޅޭ ސަލާމަތީ ކަންތައްތައް ފުލުހުންނަށް ބެލެހެއްޓެން ނެތްކަމަށް އިލެކްޝަން ކޮމިޝަނަށް ވަނީ އަންގާފައެވެ.

މީގެއިތުރުންވެސް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އޮކްޓޯބަރު 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެއްސި އިންތިޚާބުގެ ސަލާމަތީ ކަންތައްތައް ކުރިއަށް ގެންދިޔުމަށްޓަކައި ފުލުހުން މުއައްސަސާއިން ވެވޭނެ އެންމެ ރަގަޅަކަށް ތައްޔާރުވެފައިވާކަމަށާއި މިގޮތުން އަތޮޅުތަކަށް ފޮނުވަން ޖެހޭ ފުލުހުން އޮކްޓޯބަރު 18 ވަނަ ދުވަހު އަތޮޅުތަކަށް ފޮނުވި، ރާއްޖޭއިން ބޭރަށް ފޮނުވަން ޖެހޭ ފުލުހުން އިލެކްޝަންސް ކޮމިޝަންގެ މަޝްވަރާގެ މަތިން ރާއްޖެއިން ބޭރަށް ފޮނުވުމުގެ އިތުރުން ވައިގެ މަގުން އަތޮޅުތަކަށް ވޯޓު ލިސްޓާއި ވޯޓް  ކަރުދާސް ފޮނުވުމަށްޓަކައި އެކަމަށް ވަކު ފުލުހުންތަކެއް ކަނޑައެޅިފައިވާކަމަށްވެސް ރައްޔިތުންގެ މަޖުލީހަށް ފުލުހުން ރައްޔިތުންގެ މަޖުލީހުގެ އިދާރާއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވެއެވެ.

އޮކްޓޫބަރު 19 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ފުލުހުން ހުއްޓުވިކަމަށް ބުނާ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑް ކޮމާންޑުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.