ރިޔާސީ އިންތިޚާބާއި ގުޅިގެން ފުލުހުން ހިންގާ އޮޕަރޭޝަން ބްލޫ ވޭވެސްގެ ތެރެއިން - ޕޮލިސް ލައިފް ފައިލް ފޮޓޯ
ރިޔާސީ އިންތިޚާބާއި ގުޅިގެން ފުލުހުން ހިންގާ އޮޕަރޭޝަން ބްލޫ ވޭވެސްގެ ތެރެއިން - ޕޮލިސް ލައިފް ފައިލް ފޮޓޯ

މި އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު އިލެކްޝަން ކޮމިޝަނުގެ ފަރާތުން ބާއްވަން މަސައްކަތްކުރި ދިވެހިރާއްޖޭގެ ރިޔާސީ އިންތިޚާބު ފުލުހުންގެ މެންޑޭޓުން ބޭރުން ހުއްޓުވިކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކުގެ ޙަޤީޤަތް އެއްވެސް ވަރަކަށް ބެއްލެވުމެއްނެތި، ރައްޔިތުންނަށް ކަމުގެ ހަޤީޤަތް އޮޅޭގޮތަށް ހިއުމަން ރައިޓްސް ކޮމިޝަނުން ޢާއްމު މީޑިއާތައް މެދުވެރިކޮށް މަޢުލޫމާތު ދީފައިވާތީ، ފުލުހުން ޚިލާފުވެފައިވަނީ ކޮން ޤާނޫނަކަށްކަމާއި ފުލުހުން ޤާނޫނާ ޚިލާފުވިކަމަށް ވިދާޅުވެފައިވަނީ ތަހުޤީޤެއް ކުރެއްވުމަށް ފަހުގަތޯ ނުވަތަ އެގޮތަށް ވިދާޅުވެފައިިވަނީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށްފައިތޯ ސާފުކޮށްދެއްވުމަށް އެދި ހިއުމަން ރައިޓްސް ކޮމިޝަންގައި ފުލުހުން އެދިއްޖެއެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގައި ފުލުހުން މިކަމަށް އެދިފައިވަނީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު ސޮއިކުރައްވައި އިއްޔެ ހިއުމަން ރައިޓްސް ކޮމިޝަނަށް ފޮނުއްވި ސިޓީއެއްގައެވެ.

މިސިޓީގައި މި އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު ފުލުހުންގެ މުއައްސަސާއިން މަސައްކަތްކޮށްފައިވާނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ސްޕްރީމް ކޯޓުގެ ނަމްބަރު 2013/SC-C/42 ޤަޟިއްޔާއާއި، އެންމެހާ ޤާނޫނުތަކާއި އަދި ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަނުން އޮކްޓޯބަރު 12 ވަނަ ދުވަހު ނެރެފައިވާ ނޫސް ބަޔާނާއި އެއްގޮތަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާ އެންމެހާ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށް، އަދި ފުލުހުންގެ ޤާނޫނުގެ 6 ވަނަ މާއްދާގެ 3 ވަނަ ނަމްބަރުގައި ބުނެފައިވާ ގޮތަށް ކުރިމަތިވެދާނެ ދާޚިލީ ނުރައްކަލަކުން ރާއްޖެ ސަލާމަތްކުރުމަށް ކަމަށް ބުނެފައިވެއެވެ.

ސްޕްރީމް ކޯޓުގެ ނަމްބަރު 2013/SC-C/42 ޤަޟިއްޔާއާއި ޚިލާފަށް އިންތިޚާބު ބާއްވައިފިނަމަ އެކަމުގެ ސަބަބުން އެތައްބައެއްގެ ވޯޓުލުމުގެ ޙައްޤު ގެއްލި ދިވެހިރާއްޖޭގައި ދާޚިލީ ހަމަނުޖެހުމެއް އުފެދިދާނެކަމަށް ފުލުހުންގެ މުއައްސަސާއަށް ފެންނާތީ އޮކްޓޯބަރު 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުން އެއީ އެންމެ ރަގަޅު ގޮތްކަމަށް ނުދެކޭތީ ވޯޓާއި ގުޅޭ ސަލާމަތީ ކަންތައްތައް ބެލެހެއްޓެން ނެތްކަމަށް އިލެކްޝަން ކޮމިޝަނަށް އަންގާފައިވާނެކަމަށްވެސް މި ސިޓީގައި ބުނެފައިވެއެވެ.

މީގެއިތުރުންވެސް އިލެކްޝަން ކޮމިޝަނުގެ ފަރާތުން އޮކްޓޯބަރު 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެއްސި އިންތިޚާބުގެ ސަލާމަތީ ކަންތައްތައް ކުރިއަށް ގެންދިޔުމަށްޓަކައި ފުލުހުން މުއައްސަސާއިން ވެވޭނެ އެންމެ ރަގަޅަކަށް ތައްޔާރުވެފައިވާކަމަށާއި މިގޮތުން އަތޮޅުތަކަށް ފޮނުވަން ޖެހޭ ފުލުހުން އޮކްޓޯބަރު 18 ވަނަ ދުވަހު އަތޮޅުތަކަށް ފޮނުވި، ރާއްޖޭއިން ބޭރަށް ފޮނުވަން ޖެހޭ ފުލުހުން އިލެކްޝަންސް ކޮމިޝަންގެ މަޝްވަރާގެ މަތިން ރާއްޖެއިން ބޭރަށް ފޮނުވުމުގެ އިތުރުން ވައިގެ މަގުން އަތޮޅުތަކަށް ވޯޓު ލިސްޓާއި ވޯޓް  ކަރުދާސް ފޮނުވުމަށްޓަކައި އެކަމަށް ވަކު ފުލުހުންތަކެއް ކަނޑައެޅިފައިވާކަމަށްވެސް މިސިޓީގައި ބުނެފައިވެއެވެ.