ޕޮލިސް ފައިލް ފޮޓޯ
ޕޮލިސް ފައިލް ފޮޓޯ

2013 ވަނައަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބާޠިލްކޮށް، 2013 އޮކްޓޫބަރު 7 ވަނަދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމާއެކު ރިޔާސީ އިންތިޚާބު ބޭއްވުމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ނަމްބަރު 2013/SC-C/42 ޤަޟިއްޔާގެ ޙުކުމުގައި 2013 ވަނައަހަރުގެ ރިޔާސީ އިންތިޚާބުގައި ކަންކުރަންވީ އުޞޫލުތައް ކަނޑައަޅުއްވާފައިވުމާއެކު އެގައިޑްލައިންނާއި ޚިލާފަށް ކުރިޔަށް ގެންދާ އިންތިޚާބަކަށް އެއްބާރުލުން ދިނުމަކީ ސުޕްރީމް ކޯޓުގެ އަމުރާ ޚިލާފު ކަމަކަށް ވާތީ އެގައިޑްލައިންއާއި ޚިލާފަށް އިންތިޚާބުގެ ކަންކަން ކުރިޔަށް ގެންދާނަމަ ފުލުހުންގެ އެއްބާރުލުން ނުދޭނެވާހަކަ އިލެކްޝަންސް ކޮމިޝަނަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަންގައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤަށް އެޑްރެސްކޮށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފޮނުވި ސިޓީގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަމްބަރު 2013/SC-C/42 ޤަޟިއްޔާގެ ޙުކުމުގައި ރިޔާސީ އިންތިޚާބުގެ ކަންތައް ކުރިޔަށް ގެންދަންވީ ގޮތް ކަނޑައަޅުއްވައި އެކަން އެގޮތަށް ގެންދޭތޯ ކަށަވަރު ކުރުމަށް ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައިވަނިކޮށް، އެޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކާއި ޚިލާފަށް ކުރިޔަށް ގެންދާ އިންތިޚާބަކަށް އެއްބާރުލުން ދިނުމަކީ ސުޕްރީމް ކޯޓުގެ އަމުރާއި ޚިލާފަށް ކުރެވޭ ކަމަކަށްވާތީ އެފަދަ ގޮތަކަށް އިންތިޚާބު ކުރިޔަށް ގެންދާނަމަ ފުލުހުންގެ ފަރާތުން އެއްބާރުލުން ނުދޭނެކަމަށް ވަނީ ދަންނަވާފައެވެ.

މިއާއެކު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަމްބަރު 2013/SC-C/42 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ވަކި ކަމެއް ފުރިހަމަ ނުވަނީސް އިންތިޚާބު ކުރިޔަށް ގެންދަންޖެހޭ އަމުރެއް ސުޕްރީމްކޯޓުން ނެރުއްވައިފިނަމަ އެއަމުރަކާ އެއްގޮތަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޢަމަލުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަންވެސް އިލެކްޝަންސް ކޮމިޝަނަށް ވަނީ ދެއްވާފައެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބަށް އަމާން މާޙައުލެއް ޤާއިމްކޮށްދިނުމަށް ފުލުހުން ހިންގާ ޙަރަކާތްތަކުގެދަށުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ ސެކިއުރިޓީއާއި އެކޮމިޝަންގެ ޢިމާރާތްތަކުގެ ސެކިއުރިޓީ ދެމުންގެންދަނީ ފުލުހުންނެވެ. މީގެ އިތުރުން ވޯޓު ފޮށިތަކާއި ވޯޓު ކަރުދާހުގެ ސަލާމަތީ ކަންކަން ބަލަހައްޓައި ރާއްޖޭގެ އެކިސަރަޙައްދުތަކުގައި އަމާން މާޙައުލެއް ޤާއިމް ކުރުމަށް މުޅި ރާއްޖޭގައި ފުލުހުން ދަނީ ޙަރަކާތްތެރިވަމުންނެވެ.

މި އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހު ރިޔާސީ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ސުޕްރީމްކޯޓުގެ ނަމްބަރު 2013/SC-C/42 ޤަޟިއްޔާގެ ޙުކުމުގައި ބަޔާންކޮށްފައިވާ ގޮތަށް އެކޮމިޝަނުން ކުރަމުންދިޔަ ކަންތައްތަކަށް އިލެކްޝަންސް ކޮމިޝަނަށް މިހާތަނަށްވެސް ފުލުހުންވަނީ ވަރަށް ފުރިހަމަ ގޮތެއްގައި އެއްބާރުލުން ދީފައެވެ.