ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޙަސަން ޝިފާޢު މިއަދު ޕޮލިސް މީޑިއާ އާ މަޢުލޫމާތު ހިއްސާ ކުރައްވަނީ
ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޙަސަން ޝިފާޢު މިއަދު ޕޮލިސް މީޑިއާ އާ މަޢުލޫމާތު ހިއްސާ ކުރައްވަނީ

ކުޑަ ކުއްޖަކަށް ބިރުދައްކައި ގަދަކަމުން ބަދު އަޚްލާޤީ އަމަލު ހިންގައި އެ މަންޒަރު ވީޑިއޯ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މިއަދު ޕޮލިސް މީޑީއާއަށް މަޢުލޫމާތު ދެއްވަމުން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޙަސަން ޝިފާޢު ވިދާޅުވީ މިދިޔަ ޖުލައި މަހުގެ 27 ވަނަ ދުވަހުރޭގެ ވަގުތެއްގައި 18 އަހަރުން ދަށުގެ އަންހެން ކުއްޖަކު ގެއަކަށް ގެންގޮސް އެގޭ ކޮޓަރިއެއްގެ ތެރޭގައި 04 މީހަކު ވެގެން އެކުއްޖާއަށް ބިރުދައްކައި ގަދަކަމުން ޖިންސީ ޢަމަލު ހިންގި މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ހާދިސާ ހިނގިތާ ދެ ގަޑިއިރު ފަހުން އެރޭ ދަންވަރު 00:50 ހާއިރުކަމަށާއި މި މައްސަލައާ  ގުޅިގެން އެކުއްޖާއާ ސުވާލުކުރުމުން އޭނާގެ ރައްޓެހި ކުއްޖަކާ ބައްދަލުކުރުމަށް ގެންގޮސް އެތަނުން ކުއްޖާ ގެންދިޔައީ ގަލޮޅުގައި ހުރި ގެއަކަށް ކަމަށް ބުނެފައިވާކަމަށާއި އެކޮޓަރިއަށް ދިޔައިރު އެކޮޓަރީގައި އިތުރު 3 މީހަކު ތިބިކަމަށް ބުނެފައިވާކަމަށެވެ. އަދި އެ 3 މީހުން އޭނާއަށް ބިރު ދައްކައި މަޖުބޫރުކޮށްގެން ގަދަކަމުން ބަދުއަޚްލާޤީ އަމަލު ހިންގައި އެމަންޒަރު ވީޑިއޯކޮށް އޭނާއަށް ސިނގިރޭޓް ބޯންދޭން މަސައްކަތްކޮށްފައިވާކަމަށް ބުނެފައިވާކަމަށެވެ.

މި މައްސަލައާ ގުޅިގެން ކުއްޖާއަށް އެއްވެސް ކަހަލަ ހާނިއްކައެއް ވެފައި ވޭތޯ ބެލުމަށް ޑޮކްޓަރަށް ދައްކާފައިވާކަމަށާއި ކުއްޖާ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓަށް ހާޒިރުވިއިރު ކުއްޖާގެ ހަށިގަނޑު ބޭރުފުށުން ގަދަކަމުން ބަދުއަޚްލާޤީ ޢަމަލެއް ހިންގާފައިވާކަމުގެ ނިޝާންތައް ފެންނަން ހުރިކަމަށް ޝިފާޢު ވިދާޅުވިއެވެ. އަދި ފުލުހުން ހާދިސާ ހިނގިކަމަށް ބުނާ ތަނަށް އެރޭ ގޮސް އެތަން ބަލައިފާސްކޮށް އެތަނުން ބައެއް މާއްދީ ހެކި ލިބިފައިވާކަމަށާއި މި މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ 4 މީހަކު 72 ގަޑިއިރުގެ ތެރޭގައި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަސް ގެނެސްފައިވާ މީހުންނާބެހޭ މަޢުލޫމާތު ދެއްވަމުން ޝިފާޢު ވިދާޅުވީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ރ. އަލިފުށި، ސީނާ، އިސްމާޢީލް ނާޒިމް (27އ) އާއި ޏ. ފުވައްމުލައް، ދިގުވާނޑު، އޯސިސް އަސްނަފް މުޙައްމަދު (20އ) ގެ އިތުރުން 18 އަހަރުން ދަށުގެ ދެ ކުދިންކަމަށެވެ. މިމީހުންގެ ތެރެއިން އިސްމާޢީލް ނާޒިމްއަކީ މީގެކުރިން މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހަކަށްވާއިރު އަސްނަފް މުޙައްމަދަކީ މީގެކުރިން ފުލުހުންގެ ދަޢުރު އަދާކުރުމަށް ހުރަސްއެޅި މައްސަލައަކާއި ވައްކަމުގެ މައްސަލައަކާއި މަސްތުވާތަކެތި ބޭނުންކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްކަން ޝިފާޢު ފާހަގަކުރެއްވިއެވެ.

މި މައްސަލައިގެ ތަހުޤީޤު ކުރިއަށް ދާކަން ފާހަގަކުރައްވަމުން ޝިފާޢު ވިދާޅުވީ މިފަދަ ހާދިސާއެއް ހިނގައިފިނަމަ ލަސްނުކުރައްވައި ވީ އެންމެ އަވަހަކަށް ފުލުހުންނަށް އެންގުމަކީ މިފަދަ ކުށްތައް ހޯދައިގަތުމަށާއި މައްސަލައާ ގުޅުންހުރި ހެއްކާއި ޤަރީނާ ހޯދުމަށް ފަސޭހަ ވެގެންދާނެކަމެއް ކަމަށާއި މިފަދަ ޖަރީމާތައް ހިންގާ ފަރާތްތައް ހޯދައި އެފަދަ ފަރާތްތަކަށް ލިބެންޖެހޭ ޙައްޤު އަދަބު ދިނުމަށް އެޅޭ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެކަމަށެވެ. އަދި މި ޤައުމުގައި އުޅޭ އެއްވެސް ރައްޔިތަކަށް މިފަދަ ބޮޑު ޖަރީމާއެއް މީހަކު ނުވަތަ ބަޔަކު ހިންގައިފިނަމަ އެކަމެއް ފުލުހުން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ހުރިހާ ވަސީލަތްތައް ބޭނުންކޮށްގެން ބަލާނެކަމަށާއި މިފަދަ ޖަރީމާ ހިންގާ ފަރާތްތައް ޤާނޫނީ ގޮތުން ލިބެންޖެހޭ އަދަބު ދިނުމަށްޓަކައި ތަހުޤީޤު ކުރުމަށްފަހު އެ މަސައްލައެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާނެކަމުގެ ޔަޤީން ދިވެހި ރައްޔިތުންނަށް ދެއްވާކަމަށްވެސް ވިދާޅުވިއެވެ.