ގެއްލިގެން ހޯދަމުންދަނިކޮށް ފެނުނު ދެ ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށުން އދ. އަތޮޅު ހޮސްޕިޓަލްގައި: އެދެމީހުންގެ ހާލު ރަނގަޅު --
ގެއްލިގެން ހޯދަމުންދަނިކޮށް ފެނުނު ދެ ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށުން އދ. އަތޮޅު ހޮސްޕިޓަލްގައި: އެދެމީހުންގެ ހާލު ރަނގަޅު --

ފ. ފީއަލިން ފުރައިގެން މާލެއަށް ދަތުރުކުރަމުންދަނިކޮށް ވ. ފުއްސަރު ފަޅާ ދިމާލުން ދިޔަވެ އަޑިއަށްދިޔަ “އަލަމާ 5”  ދޯނިން ގެއްލުނު ތިން މީހުންގެ ތެރެއިން ދެ ބިދޭސީން ފެނިއްޖެއެވެ.

އެދެމީހުން ފެނިފައިވަނީ މިއަދު ހެނދުނު 06:50 އެހާކަންހާއިރު އދ. އަތޮޅު ލަކްސް މޯލްޑިވްސް ރިސޯޓާ ދިމާ ދެ ނޯޓިކަލް މޭލެއްހާ ދުރުންނެވެ. އެދެމީހުން ސަލާމަތްކޮށް އދ. މަހިބަދޫއަށް ގެނެސް ފުލުހުންގެ ބެލުމުގެ ދަށުން އދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވެއެވެ. އެދެމީހުން މިވަގުތު ތިބީ ފުލުހުންގެ ބެލުމުގެ ދަށުން އދ. މަހިބަދޫގައެވެ.

މިއަދު ހެނދުނު ފެނިފައިވަނީ ބަންގްލަދޭޝްގެ ދެ ރައްޔިތުންކަމަށްވާ އަސަދުލް އިސްލާމް (37އ) އާއި މުހައްމަދު ޒަމީރު (32އ) އެވެ. އަދި “އަލަމާ 5” ދޯނިން ގެއްލުނު ކ. ގުރައިދޫ/ ނަލަވާ، އާދަމް ޝަފީޤް (32އ) ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

ފ. ފީއަލިން ފުރައިގެން މާލެއަށް ދަތުރުކުރަމުންދިޔަ “އަލަމާ 5”  ދޯނި ވ. އަތޮޅު ފުއްސަރު ފަޅާ ދިމާލު ހަތަރު ނޯޓިކަލް މޭލު ބޭރުން މޫސުން ގޯސްވެ ކަނޑު ގަދަވުމާ ގުޅިގެން ދޯނި ދިޔަވެ، އަޑިއަށް ގޮސްފައިވަނީ 2022 ޖަނަވަރީ 3 ވަނަ ދުވަހުއެވެ.