6

އއ. މަތިވެރި ޕޮލިހާއި މަތިވެރީ އެސޯސިއޭޝަން ފޮރ ރެކްރިއޭޝަން އެންޑް ސްޕޯޓް (މަރންސް) ޖަމުއިއްޔާ ގުޅިގެން މަތިވެރި އަންހެން ވޮލީ ޓީމަށް ކުރިއަށް ގެންދިޔަ އެޑްވާންސްޑް ވޮލީ ޓްރެއިނިންގ ކޭމްޕު ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ރޭ ބޭއްވި އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އއ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިފާޢުއެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އަތޮޅު ކޮމާންޑަރ ދެއްކެވި ވާހަކަފުޅުގައި، ރަށުގެ މުއައްސަސާތަކާއި ކުލަބް ޖަމުއިއްޔާތަކާ ގުޅިގެން ހިންގޭ މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ރައްޔިތުންނާ އޮންނަ ގުޅުން ބަދަހިވެގެންދާކަމުގައި ފާހަގަކުރެއްވިއެވެ. އަދި ކުރިއަށްއޮތް ތަނުގައި މިފަދަ އިތުރު ޕްރޮގްރާމްތައް ރާވައި ހިންގާނެކަމުގައި ފާހަގަ ކުރެއްވިއެވެ.

7

ވޮލީ ޓީމަށް ފުލުހުންގެ ފަރާތުން ލިބުނުު އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ވޮލީ ޓީމުގެ ކެޕްޓަން އެ ރަސްމިއްޔާތުގައި ފުލުހުންނަށް ޝުކުރު އަދާކުރެއްވިއެވެ.

ޑިސެމްބަރ 20 އިން 29 އަށް ކުރިއަށް ގެންދިޔަ އެ ކޭމްޕުގައި، ފިޒިކަލް ޓްރެއިނިންގ އާއި ކޯޓް ކަވަރިންގ އަދި މެޗުތަކުގައި ގޭމް ޕްލޭން ކުރިއަށް ގެންދާނެ ގޮތުގެ ތަމްރީން ބައިވެރިންނަށް ދީފައިވެއެވެ. އޭގެ އިތުރުން ވޮލީ ބޯލް އެޑްވާންސް އުކުޅުތައް ދަސްކޮށްދީފައިވެއެވެ. އަދި މިފަދަ ކުޅިވަރު ކުޅޭ ޒުވާނުން ދުޅަހެޔޮކޮށް ތިބުމަށް ބާރުއަޅައި މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

18 މީހަކު ބައިވެރިވި އެ ޓްރެއިނިންގ ކޭމްޕުގައި ކޯޗެއްގެ ގޮތުން ހަރަކާތްތެރިވެފައިވަނީ ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް ޚާލިދު މުޙައްމަދުއެވެ. ކޭމްޕު ކުރިއަށް ގެންދިއުމުގެ ރަށު ކައުންސިލުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިފައިވެއެވެ.

ރަށުގެ މުއަސަސާތަކާއި ކުލަބް ޖަމުއިއްޔާތަކާ ގުޅިގެން ހިންގޭ މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން، ފުލުހުންނާއި ރައްޔިތުންނާ އޮންނަ ގުޅުން ބަދަހިވެ ކުށްމަދު އަމާން ވެއްޓެއް ގާއިމު ކުރުމަށް މަގުފަހި ވެގެންދެއެވެ.