3

ވިޔަފާރިވެރިން ހޭލުންތެރިކުރުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ވިލިމާލޭގެ ފިހާރަތަކާއި ގެސްޓުހައުސްތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

ވިލިމާލޭ ޕޮލިހުން މިއަދު ހިންގި އެ ޕްރޮގްރާމަކީ އައު އަހަރާ ދިމާކޮށް ގެސްޓުހައުސްތަކާއި ރަށުތެރޭގައި ގާނޫނާއި ގަވާއިދާ ހިލާފު ކަންކަން ކުރުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުން ހިންގި ޕްރޮގްރާމެކެވެ.

އެގޮތުން، ގެސްޓްހައުސްތަކާއި ފިހާރަތަކަށް ޒިޔާރަތްކޮށް ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާއި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކުން ރައްކާތެރިވުމަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ފައިސާ ގެންގުޅުމުގައި ސަމާލުކަންދޭންވީ ކަންކަމާއި ވިޔަފާރިތަކުން ކަސްޓަމަރުންނަށް މުދާ ވިއްކުމަށްފަހު އެކައުންޓަށް ފައިސާ ފޮނުވުމުގެ އުސޫލު ގެންގުޅޭއިރު، އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވިޔަފާރަވެރިންނަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މުހިންމުކަމާއި، ކަމެއް ފާހަގަކުރެއްވިޖެނަމަ އެކަން ފުލުހުންނަށް ރިޕޯޓުކުރުމަށް އިރުޝާދު ދީފައިވެއެވެ.

އޭގެ އިތުރުން، ވިލީމާލޭގެ ވެއްޓަކީ އަމާން ރައްޔިތަކު ދިރިއުޅޭ ވެއްޓަކަށް ހެދުމަށްޓަކައި ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރުމަށް އެދިފައިވެއެވެ. ރަށުތެރޭގައި ކުށްމަދު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަކީ ރަނގަޅު މަސައްކަތްތަކެއްގެ ގޮތުގައި ވިޔަފާރިވެރިން ފާހަގަކޮށްފައިވެއެެވެ.