ހުޅުމާލޭ ފޭސް އެކެއްގެ ޕޮލިސް ސްޓޭޝަންގެ އައު އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފައިލް ފޮޓޯ
ހުޅުމާލޭ ފޭސް އެކެއްގެ ޕޮލިސް ސްޓޭޝަންގެ އައު އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފައިލް ފޮޓޯ

މި އަހަރުގެ އޮކްޓޯބަރު މަަހުގެތެރޭގައި އަލަށް އާބާދުވި ހުޅުމާލެ ފޭސް ދޭއް ބެލެހެއްޓުމަށް ހުޅުމާލޭގައި މަސައްކަތްކުރާ ފުލުހުން ހަރަކާތްތެރިވާއިރު، ފޭސް ދޭއްގައި ދިރިއުޅޭ ރައްޔިތުންނަށް ފުލުހުންގެ ހިދުމަތް ގާތުން ފޯރުކޮށްދިނުމަށްޓަކައި ދެ ވަނަ ފޭސްގެ ޕޮލިސް ސްޓޭޝަން އިމާރާތް އެޅުމުގެ މަސައްކަތްވެސް ބާރު ސްޕީޑުގައި ދަނީ ކުރެވެމުންނެވެ. އަދި އަންނަ އަަހަރުގެ ކުރީކޮޅު ޕޮލިސް ސްޓޭޝަންގެ މަސައްކަތްތައް ނިންމައި ހިދުމަތްދޭން ފެށޭވަރުވާނެ ކަމަށް ބެލެވެއެވެ. އަދި ސްޓޭޝަނާއެކު، ފުލުހުންދޭ ހުރިހާ ހިދުމަތެއް އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ގާތުން ފަހިވެގެންދާއިރު، އެކަށީގެންވާ އަދަދަށް ފުލުހުންވެސް ހަމަޖެހިގެންދާނެއެވެ.

ފޭސް ދެއަކީ ގިނަ ބަޔަކު ޒިޔާރަތްކޮށް އަދި ގިނަ މަސައްކަތްތަކެއްވެސް ކުރަމުންދާ ސަރަހައްދަކަށް ވުމާއެކު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއްދީގެން ފުލުހުން އެތަނުގައި މަސައްކަތްތަކެއް މިހާރުވެސްދަނީ ކުރަމުންނެވެ. އެގޮތުން، ޕެޓްރޯލްކުރުމާއި ކުށުން ރައްކާތެރިކުރުމަށް ރައްޔިތުންނަށް މައުލޫމާތުދީ ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ރާވައި ސިލްސިލާކޮށް ދަނީ ހިންގަމުންނެވެ.

ހުޅުމާލެ ދެ ވަނަ ފޭސްގައި ކުށް މަދުކުރުން

ހުޅުމާލެ ފޭސް ދެއަކުން ހުށަހެޅޭ މައްސަލަތަަކަށް ބަލާއިރު ގިނައިން ހުށަހެޅެނީ ވައްކަމުގެ މައްސަލަތަކާއި އެކްސިޑެންޓުގެ މައްސަލަތަކެވެ. ވައްކަމުގެ މައްސަލަތަކުން ގިނައިން ހުށަހެޅިފައިވަނީ މަސައްކަތްކުރަމުންދާ ސައިޓުތަކުން ވައްކަންކޮށްގެން ހުށަހެޅިފައިވާ މައްސަލަތަކެވެ.

އެކްސިޑެންޓުގެ މައްސަލަތަަކަށް ބަލާއިރު އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އަމަލުކުރުމުގެ ސަބަބުންނާއި މަގަށް ދޭންވާ އެކަށީގެންވާ ސަމާލުކަން ނުދެވުމާއި ގަވާއިދާ ހިލާފަށް ޔޫޓާން ނެގުމުގެ ސަބަބުން ހިނގާފައިވާ އެކްސިޑެންޓްތައް ފާހަގަކުރެވެއެވެ. އަދި އެ ސަރަހައްދުގެ މަގުތަކަކީ އެކަށީގެންވާ އަލިކަން ނެތް މަގުތަކަށް ވާއިރު، އުޅަނދުގެ ޓެއިލް ލައިޓް ނުދިއްލި ހުރުމުގެ ސަބަބުން އަދި މަގަށް ދޭންވާ ސަމާލުކަން ނުދިނުމުގެ ސަބަބުން ހިނގާފައިވާ އެކްސިޑެންޓުތައް ފާހަގަކުރެވެއެވެ.

ހުޅުމާލެ ފޭސް ދެއަކުން ހުށަހެޅޭ މައްސަލަތައް މަދުކޮށް، އަމާން ރައްކާތެރި ތަނަކަށް ހެދުމަށް މިހާރު ކުރަމުންދާ މަސައްކަތުގެ އިތުރަށް ކުރިއަށް އޮތްތަނުގައި ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރާވާފައެވެ. އެގޮތުން، ފުލުހުންނާއި އެޗްޑީސީ އަދި ކަމާ ގުޅުންހުރި ފަރާތްތަކާ އެކު މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ. ހަމައެއާއެކު އެ ސަރަހައްދުގައި ނެއިބަރހުޑް އޮފިސަރުން ހަރަކާތްތެރިވާން ފެށުމާއި، ގޭބިސީތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމާ އަދި އެހެނިހެން ކުށްތައް ދެނެގަނެ އެ ކަންކަން ހައްލުކުރުމަށް ރައްޔިތުންނާ ގާތުން މަސައްކަތް ކުރަމުންދާނެއެވެ. އަދި ކުށްމަދުކުރުމާއި ކުށުގެ ޝިކާރައަކަށްވުމުން ދުރުކުރުމަށް އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރަމުން ގެންދާނެއެވެ. އަދި ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ހިންގުމާއި ކުށްތަކަށް މަގުފަހިވާނެ ކަންކަން ދެނެގަނެ އެ ކަންކަން ހައްލުކުރުމަށް ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

ރައްކާތެރިތަނަކަށް ހެދުމަށް ރައްޔިތުންގެ އެހީތެރިކަން ބޭނުންވޭ

ކުށްމަދު އަމާން ވެއްޓެއް ގާއިމުކުރެވިގެންދާނީ ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރެވޭ މަސައްކަތުންކަމަށްވާއިރު، ހުޅުމާލޭ ފޭސް ދޭއްގައިވެސް ކުށްމަދުކޮށް، ރައްކާތެރި އަމާން މާހައުލެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގައި އާންމު ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެން ދިއުމަކީ މަސައްކަތްތަކަށް ލިބިގެންދާނެ އިތުރު ކުރިއެރުމެކެވެ. އިތުރު ބާރެކެވެ. މިކަމުގައި، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން މިހާރުވެސް ލިބެމުންދެއެވެ. އެހެންނަމަވެސް މިކަންކަން ހުއްޓުވުމުގައި އިތުރަށް އެހީތެރިކަން ބޭނުންވެއެވެ.

އެގޮތުން، އެކްސިޑެންޓުތަކުން ރައްކާތެރިވުމަށް، އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ރައްކާތެރިކާމާއެކު އުޅަނދު ދުއްވުމަށް ހަނދާންކޮށްދެމެވެ. އުޅަނދު ޕާކުކުރުމުގައިވެސް އެހެން މީހުންނަށް ދަތިނުވާނޭހޭން ޕާކުކޮށްފައި ބެހެއްޓުމަށް ނަސޭހަތްތެރިވަމެވެ. އަދި އުޅަނދު ޕާކުކޮށްފައި ދާއިރު ސައިކަލުގެ މަޑިދަށާއި ޕޮކެޓުގައި އަގުބޮޑެތި ތަކެތި ނުބެހެއްޓުމަށްވެސް އިލްތިމާސްކުރަމެވެ. އަދި ހަމައެހެންމެ ސައިކަލު ޕާކުކޮށްފައިދާއިރު ހުންގާނު ތަޅުލުމާއި ޝަޓަރލޮކް ކުރުމަށްވެސް ހަނދާންކޮށްދެމެވެ.

އޭގެ އިތުރުން، ކުށްމަދު ކުރުމަށްޓަކައި ފަރުދީގޮތުން ކުރެވެންހުރި ކަންކަން ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި ކުށަށް މަގުފަހި ނުވާނޭހެން ކަންކަން ކުރަމާ ހިނގާށެވެ. ވައްކަންކުރާ މީހުންނަށް ފުރުސަތު ނުލިބޭނޭހެން މުދަލަށް ރައްކާތެރިވުމާއި ދޮރުތައް ރަނގަޅަށް ތަޅުލާފައި ބެހެއްޓުމަށް އިލްތިމާސްކުރަމެވެ. އެގޮތުން މަސައްކަތް ކުރަމުންދާ ތަންތަނުން މަސައްކަތް ނިންމާފައިދާއިރު، ގެންގުޅޭ ތަކެތި  ރައްކާތެރިތަނެއްގައި ބެހެއްޓުމަށް ސަމާލުކަން ދޭންޖެހެއެވެ. އެޕާޓްމަންޓަށް ގޮތްނޭނގޭ މީހުން ނުވެއްދުމާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ގޭގައި އެކަނި ތިބޭނަމަ ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށްވެސް އިލްތިމާސްކުރަމެވެ. ބެލްކަނީގައި ކުޑަކުދިން އެކަނި ނުބޭތިއްބުމަށް ނަސޭހަތްތެރިވަމެވެ. އަދި ބެލްކަނީގައި ހުންނަ ގަސްމުށި ފަދަ ތަކެތި ތިރިއަށް ނުވެއްޓޭނޭހެން ރަނގަޅަށް ހަރުކޮށްފައި ބެހެއްޓުމަށްވެސް އިލްތިމާސްކުރަމެވެ. އަދި މަސައްކަތް ކުރުމުގައިވެސް އެހެން މީހުންނަށް އުނދަގޫ ނުވާނޭގޮތަށް އަމަލުތައް ބެހެއްޓުމަށް ނަސޭހަތްތެރިވަމެވެ.