6

ތ. ވިލުފުށީ ގޭބިސީތަކާއި ފިހާރަތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެ ރަށު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

މި ހިނގާ ނޮވެމްބަރ މަހުގެ 27 އިން 29 އަށް ކުރިއަށްގެންދިޔަ އެ ޕްރޮގްރާމުގައި، ރަށުގެ ގޭބިސީތަކާއި ފިހާރަތަކަށް ޒިޔާރަތްކޮށް ރައްޔިތުން ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އެގޮތުން، އެކި ނަންނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމަށް އަންނަ ކޯލުތަކުން ސަލާމަތްވުމާއި ރީލޯޑް އަދި ރާސްޓަސް ހެދުމަށް ކުރާ ކޯލުތަކުން ސަލާމަތްވުމަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ސައްހަ ނޫން ސްލިޕް ފޮނުވައިގެން ވިޔަފާރިކުރުން އިތުރުވަމުންދާތީ އެފަދަ ކަންކަމުން ރައްކާތެރިވުމަށާއި އޮންލައިން ޕޭޖުތައް ހަދައިގެން ޕްރީ އޯޑަރަށް ތަކެތި ގެނެސްދޭނެ ކަމަށްބުނެ އޮޅުވާލައިގެން ފައިސާ ހޯދާ މީހުންނާމެދު ސަމާލުވުމަށާއި ރައްކާތެރިވުމުގެ އިތުރުން ޑޮލަރު ހޯދައިދޭނެކަމަށްބުނެ އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތަކުން ރައްކާތެރިވުމަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން، ކޭސް ކާޑުގެ މައުލޫމާތު ހޯދަން މީހަކު އެދުނު ކަމުގައިވިޔަސް އެ މައުލޫމާތު ހިއްސާ ނުކުރުމަށާއި ފައިސާ ގެންގުޅުމުގައި އިތުރަށް ސަމާލުވުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ގޭބިސީތަކާއި ވިޔަފާރިކުރާ ތަންތަނުގެ ސެކިއުރިޓީ ހާލަތު ދެނެގަނެ، އިތުރަށް ސަމާލުކަން ދޭންޖެހޭ ކަންކަން ބުނެދީފައިވެއެވެ. އަދި ވިޔަފާރިކުރާ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަމަށް އެލާމު ސިސްޓަމް ހަރުކުރުމަށާއި ސީސީޓީވީ ކެމެރާ ހަރުކުރުމަށް އިރުޝާދު ދީފައިވެއެވެ.