7

ސްކޫލް ދަރިވަރުންނަށް ހިންގާ ޓްރެފިކް މޮނީޓަރސް ޕްރޮގްރާމަކީ ސްކޫލް ދަރިވަރުންނަށް ހިންގާ އެންމެ މުހިންމު އެއް ޕްރޮގްރާމްކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބުރައީސް އެހެން ވިދާޅުވީ އަމީނިއްޔާ ސްކޫލާއި އިސްކަންދަރު ސްކޫލާއި އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ އިތުރުން ރެހެންދި ސްކޫލުގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިންމައި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށް އިސްކަންދަރު ސްކޫލްގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

10

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް އިތުރަށް ވިދާޅުވީ، ދަރިވަރުން ސްކޫލް ނިންމައި މުޖުތަމައަށް ނުކުންނައިރު ދަރިވަރުންނަކީ މުޖުތަމައަށް ފައްކާވެފައިވާ ދަރިވަރުން ތަކަކަށް ވާންޖެހޭނެކަމުގައެވެ. އަދި ކިޔެވުމާއި ކަންކަން ދަސްކުރުމާއި ރަނގަޅު ހެޔޮގޮތުގައި ކަންކަން ބަލައި ދިރާސާ ކުރުމާ އަދި އަނެއް މީހާ ތިމާއަށް އިހުތިރާމް ކުރާ މިންވަރަށް ކަންކަން ދަސްކުރަންޖެހޭކަމުގައި ވިދާޅުވިއެވެ. އަދި މިއަދު ކޮންމެ ދަރިވަރަކުވެސް މަގުމަތީގައި ހިނގާބިގާވެ އުޅުމުގައާއި ދުއްވާ އެއްޗެއްގައި އުޅުނުކަމުގައިވިޔަސް އެ ކަންކަމަށް ސަމާލުކަންދޭންޖެހޭކަމުގައި ވިދާޅުވިއެވެ.

އަދި ރާއްޖެއަކީ ކުޑަތަނެއްކަމާއި މިހާރަށްވުރެން އިތުރަށް ރައްޔިތުން ޓްރެފިކަށް އަހުލުވެރިކުރުމަށް ހޭލުންތެރިކުރުމުގެ  ޕްރޮގްރާމްތައް ހިންގައި ރައްޔިތުން ހޭލުންތެރިކޮށް މަގުމަތީގެ އެކްސިޑެންޓްތައް މަދުކުރަން ޖެހޭކަމަށާއި، ސްކޫލް ދަރިވަރުންނަށް މިއީ އެންމެ ރަނގަޅު އެއް ޕްރޮގްރާމްކަމާއި މި ޕްރޮގްރާމްގެ ތެރެއިން، ދަރިވަރުންނަކީ ހެޔޮލަފާ ރަނގަޅު ނަތީޖާއެއް ނެރެން މަސައްކަތްކުރާ ކުދިންތަކަކަށް ވުމަށް އެދިލެއްވިއެވެ.

އޭގެ އިތުރުން، މަގުމަތީގެ އެކްސިޑެންޓްތައް މަދުކުރުމަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ގިނަ ޕްރޮގްރާމްތަކެއް ގައުމީ ފެންވަރުގައި، ދިވެހި ފުލުހުންގެ ހިދުމަތާއި ސަރުކާރުގެ އެހެނިހެން އިދާރާތައް ގުޅިގެން  ކުރިއަށް ގެންގޮސްފައިވާކަމުގައި ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުން ހޭލުންތެރިކުރުވުމަށް ފުލުހުން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާކުރެއްވިއެވެ.

12

އެ ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އާއިޝަތު ޢަލީ ދެއްކެވި ވާހަކަ ފުޅުގައި، ޓްރެފިކް މޮނީޓަރސް ޕްރޮގްރާމަކީ ސްކޫލްތެރޭގައާއި ސްކޫލުން ބޭރުގައިވެސް ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހިންގޭ ޕްރޮގްރާމެއް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި ތައުލީމީ ސިޔާސަތު ބައްޓަންކޮށްފައިވަނީ ދުޅަހެޔޮ ސިޔާސަތެއްގައި ތިބި ދިރިއުޅުމުގެ ހުނަރުތައް ލިބިފައިވާ އަމިއްލަ ނަފްސަށް އިތުބާރުކުރާ އަދި އެހެން މީހުންނަށް އިހުތިރާމްކުރާ ގާބިލު ދަރިވަރުންތަކެއް ބިނާކުރުމުގެ މައްޗަށްކަމުގައި ވީހިނދު، މިފަދަ ޕްރޮގްރާމެއްގެ ސަބަބުން ދަރިވަރުންނަށް އެ ދަރިވަރެއްގެ ލަނޑުދަނޑި ހާސިލު ކުރުމަށް މަގުފަހިވެގެން ދާނެކަމުގައި ވިދާޅުވިއެވެ.

އޭގެ އިތުރުން، މި ޕްރޮގްރާމަކީ ދަރިވަރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރި ކުރުވުމަށްޓަކައި ކުރެވޭ ވަރަށްވެސް މުހިންމު ކަމެއްކަމާއި މި ޕްރޮގްރާމްގެ ތެރެއިން، ދަރިވަރުން މަގުމަތީގައި އުޅުމުގައި އަމަލުކުރަންޖެހޭ ގަވާއިދުތަކަށް ދަރިވަރުން އަހުލުވެރި ކުރުވުމާ އަދި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތަން ދަސްކޮށްދޭކަން ފާހަގަ ކުރެއްވިއެވެ. އަދި މަގުމަތީގައި އުޅޭ އެހެން މީހުންނަށް އިހުތިރާމް ކުރަން ދަސްކޮށްދިނުމާއި ދަރިވަރުންގެ ކިބައިގައި އިސްނެގުމުގެ އާދަ އުފައްދައި އިސްވެ އިޖުތިމާއީ ކަންކަމުގައި އުޅުމުގެ ރޫހު ދިރުވައި އެކަކު އަނެކަކަށް އެހީތެރިވެ ދިނުމުގެ އާދަ ދަސްކޮށްދޭ ކަމުގައި ފާހަގަކުރެއްވިއެވެ. އަދި މަގުމައްޗަކީ އަޅުގަނޑުމެން އެންމެނަށް ރައްކާތެރި ތަނަކަށް ހެދޭނީ ކޮންމެ ފަރުދަކުވެސް ފަރުދީ ގޮތެއްގައި މަގުމަތީގެ ރައްކާތެރިކަމަށް ސަމާލުކަން ބަހައްޓައިގެން އެއީ ކޮންމެ ފަރުދެއްގެވެސް ޒިންމާއަކަށް ހަދައިގެންކަމާއި ޅައުމުރުގައި މިއާދަ ކުދިންގެ ކިބައިގައި އަށަގެންނެވިއްޖެނަމަ އެކުދިން ބޮޑުވެގެން ޒިންމާދާރު ބަޔަކަށްވާނެކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

8

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ޓްރެފިކް މޮނީޓަރސް ޕްރޮގްރާމު ފުރިހަމަ ކުރާ ދަރިވަރުން ވާންޖެހޭނީ މި ޕްރޮގްރާމުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާނެ ދަރިވަރުންތަކަކަށް ކަމުގައެވެ. އަދި ސްކޫލާއި ސްކޫލުން ބޭރުގައިވެސް ނަމޫނާ ދަރިވަރުންތަކަކަށް ވުމަށާއި މި ޕްރޮގްރާމުން ދަސްވިކަންކަމުން އަމަލީ ނަތީޖާއެއް ދައްކައި ކޮންމެ ކުއްޖަކުވެސް ފަރުދީ ޒިންމާ އެއްގެ ގޮތުގައި ދެކިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކޮށްދިނުމަށާއި މަގުމަތީގެ ރައްކާތެރިކަމަށް ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ދަރިވަރުންނަށް އިލްތިމާސް ކުރެއްވިއެވެ.

އަދި މަގުމައްޗަކީ މުޖުތަމައެއްގައި ވަޒަންވެރިވެ ދިރިއުޅޭ ރައްޔިތުންނާއި އެ މުޖުތަމައަކަށް ޒިޔާރަތްކުރާ އެންމެން ވަކި ހާއްސަ ބޭނުންތަކެއް ކުރަން އޮންނަތަނެއް ކަމަށާއި މުޖުތަމައުގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށާއި މަގު ބޭނުންކުރާ އެންމެނަށްވެސް ފަސޭހައަށްޓަކައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި މި ޕްރޮގްރާމަކީ މީގެ އަށް އަހަރު ދުވަސް ކުރިން ފަށާފައިވާ ވަރަށް މުހިންމު ޕްރޮގްރާމެއް ކަމަށާއި އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ ޢިޔާސުއްދީން ސްކޫލުގައި ކަމަށާ އަދި މާލެއާއި އަތޮޅުތެރޭގައި މިފަދަ 45  ޕްރޮގްރާމު މިހާތަނަށް ކުރިއަށް ގެންގޮސްފައިވާކަމުގައި ފާހަގަކުރެއްވިއެވެ.

6

ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން، ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ކުރިއަށް ގެންދާ ޓްރެފިކް މޮނީޓަރސް ޕްރޮގްރާމްގައި އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން ދަރިވަރުންނަށް މައުލޫމާތު ދީފައިވެއެވެ. އަދި ދަރިވަރުންގެ އަމިއްލަ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުންވެސް ކްލާސްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ޓްރެފިކް ބެލެއްޓުމާ ގުޅޭގޮތުން މަގުމަތީގައި ދަރިވަރުންނަށް އަމަލީ ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

އޭގެ އިތުރުން، ޓްރެފިކް މޮނީޓަރުންގެ ގޮތުގައި ދަރިވަރުން މަގުމަތީގައި ހަރަކާތްތެރިވާއިރު އާންމުންނާ މުއާމަލާތު ކުރުމުގައި ވާހަކަ ދެއްކުމުގެ ރީތި އަދަބުތައް ބޭނުންކުރުމަށް މައުލޫމާތުދިނުމުގެ އިތުރުން ދިވެހިބަހުގެ ހަމަތަކާއި އުސޫލުތައް ހިމެނޭގޮތަށް މުއާމަލާތު ކުރުމުގެ ހުނަރުތައްވެސް ދަސްކޮށްދީފައިވެއެވެ.

4

އަމީނިއްޔާ ސްކޫލާއި އިސްކަންދަރު ސްކޫލާ އަދި އަރަބިއްޔާ ސްކޫލްގެ އިތުރުން ރެހެންދި ސްކޫލް ހިމެނޭހެން 88 ދަރިވަރުން ޓްރެފިކް މޮނީޓަރސް ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ. އަދި 2014 އިން މި އަހަރުގެ މިހާތަނަށް، މާލެއިން 451 ދަރިވަރުންނާއި އަތޮޅު ތެރެއިން ޖުމްލަ 999 ދަރިވަރުން ހިމެނޭހެން ޖުމްލަ 1450 ދަރިވަރުން ޓްރެފިކް މޮނީޓަރސް ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ.