TC vs PLC

ކުލަބު މޯލްޑިވްސް ކަޕްގައި ރޭ ޓްރޭޑް ކުލަބުގެ މައްޗަށް ފަހަތުން އަރައި ކުރިހޯދައި ގްރޫޕް ބީގެ އެއްވަނަ މަގާމުގައި ޕޮލިސް ކުލަބު ހަމަޖެހިލައިފިއެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗު ޕޮލިސް ކުލަބުން ކާމިޔާބުކުރީ 4-2 ންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޓްރޭޑް ކުލަބުންނެވެ. އެކުލަބަށް ފުރަތަމަ ލަނޑު ޖަހައިދިނީ ސައިފާން އަޙްމަދު މަނިކުއެވެ. އަދި ޓްރޭޑް ކުލަބުން މިމެޗުގައި ލީޑު ފުޅާކުރީ މެޗުގެ 21 ވަނަ މިނިޓްގައި ޖުމައިލް ޖަމީލް ކާމިޔާބުކުރި ލަނޑުންނެވެ.

މެޗުގެ ފުރަތަމަ ހާފު ޓްރޭޑް ކުލަބުން ކުރީގައި އޮވެ ނިންމާލިނަމަވެސް ދެވަނަ ހާފު ފެށިގެން ގިނަ އިރުތަކެއް ނުވެ ޕޮލިސް ކުލަބުގެ އަލީ ރިޝްވާން އަޙްމަދު ވަނީ ލަނޑެއް ކާމިޔާބުކޮށްދީ ޕޮލިސް ކުލަބަށް ފަރަގު ކުޑަކޮށްދީފައެވެ. އަދި މެޗުގެ 27 ވަނަ މިނިޓްގައި އަލީ ރިޝްވާންގެ ދެވަނަ ލަނޑުން ޕޮލިސް ކުލަބުން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. މިލަނޑު ކާމިޔާބުކުރިތާ މިނެޓެއް ފަހުން މުޙައްމަދު ޝިފާން ކާމިޔާބުކޮށްދިން ލަނޑުން ޕޮލިސް ކުލަބުން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގިއެވެ. އަދި މެޗުގެ 33 ވަނަ މިނިޓްގައި މުޙައްމަދު ޝިފާން ވަނީ ލަނޑެއް ކާމިޔާބުކޮށްދީ ޕޮލިސް ކުލަބަށް ލީޑު ފުޅާކޮށްދީފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޮލިސް ކުލަބު އަލީ ރިޝްވާން އަޙްމަދުއެވެ.

PLC vs DSC

ރޭގެ މޮޅާއެކު ގްރޫޕް ބީގައި ޕޮލިސް ކުލަބުން ވަނީ ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށް 6 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނާގައެވެ. ދެވަނަ މަގާމުގައި ކުޅުނު ދެމެޗުން 3 ޕޮއިންޓާއެކު ޓްރޭޑް ކުލަބު އޮތްއިރު، ދެން ގުރޫޕުގައި ހިމެނޭ ހުޅުމާލެ ހޮސްޕިޓަލް ރެކްރިއޭޝަން ކުލަބާއި ޓީމް އެލައިޑަށް ޕޮއިންޓެއް ނުލިބެއެވެ.

ކުލަބް މޯލްޑިވްސް ކަޕްގައި ޕޮލިސް ކުލަބު ވާދަކުރާ ތިން ވަނަ މެޗުގައި ޑިސެމްބަރު 4 ވަނަ ދުވަހުގެ ހަވީރު 17:00 ގައި ނުކުންނާނީ ހުޅުމާލެ ހޮސްޕިޓަލް ރެކްރިއޭޝަން ކުލަބާ ދެކޮޅަށެވެ.

ކުލަބު މޯލްޑިވްސް 18/30 ވުމެންސް ފުޓްސަލް ފިއެސްޓާގައި އިއްޔެ ހަވީރު ޕޮލިސް ކުލަބާއި ދިވެހި ސިފައިންގެ ކުލަބު ވާދަކުރި މެޗުން ޕޮލިސް ކުލަބު ވަނީ ބަލިވެފައެވެ. މިމެޗު ދިވެހި ސިފައިންގެ ކުލަބުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޮލިސް ކުލަބު ފާތިމަތު ތީބާއެވެ.

18/30 ވުމެންސް ފުޓްސަލް ފިއެސްޓާގައި ޕޮލިސް ކުލަބު ހިމެނޭ ގުރޫޕްގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް 9 ޕޮއިންޓާއެކު އެއްވަނަ މަގާމުގައި ދިވެހި ސިފައިންގެ ކުލަބު އޮތްއިރު، ކުޅުނު ތިން މެޗުން ލިބުނު 3 ޕޮއިންޓާއެކު ދެވަނަ މަގާމުގައި އޮތީ ޕޮލިސް ކުލަބެވެ. މި ގްރޫޕުގައި ދެން ހިމެނޭ ޓްރޭޑް ކުލަބަށް ޕޮއިންޓެއް ނުލިބެއެވެ.

ވުމެން ފުޓްސަލް ފިއެސްޓާގައި ޕޮލިސް ކުލަބު ކުޅޭ ތިން ވަނަ މެޗުގައި ޑިސެމްބަރު 5 ވަނަ ދުވަހު ނުކުންނާނީ ޓްރޭޑް ކުލަބާ ދެކޮޅަށެވެ.