1

ފ. ދަރަނބޫދޫ ގޭގެއަށް ޒިޔާރަތްކޮށް ރައްޔިތުން ހޭލުންތެރި ކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި މަހު 24 ވަނަ ދުވަހު ފ. އަތޮޅު ފުލުހުން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، ގެދޮރާއި މުދަލުގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އެގޮތުން، ކުންފުނިތަކުންނާއި ޖަމުއިއްޔާތަކުން ހިންގާ ޕްރޮމޯޝަންތަކުގެ ނަމުގައި ނުދަންނަ ނަންބަރުތަކުން ގުޅައި އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ކަންކަން ހިންގަމުންދާތީ އެފަދަ ކަންކަމުން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އެފަދަ ކަމެއް ދިމާވެއްޖެނަމަ އަމަލުކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށް އެފަދަ ކޯލްތަކަށް ޖަވާބުދާރީ ނުވުމަށް ނަސޭހަތްތެރިވެފައިވެއެވެ.

އޭގެ އިތުރުން، ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތުު ހިއްސާކޮށްފައިވެއެވެ. އެގޮތުން، ގޭގައި ނޫޅޭ ވަގުތުތަކުގައި ދޮރުތައް ތަޅުލާފައި ދިއުމަށާއި، ފެންލައިޓްތަކުގައި ތޭރިޖަހައި، ވައްކަމުގެ މައްސަލަތަކުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށް އިލްތިމާސް ކޮށްފައިވެއެވެ.

އަދި މިދުވަސްވަރު ރައްޔިތުން އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ ކަންކަމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ޕޯސްޓަރާއި ލީފްލެޓް ގޭބިސީތަަކަށް ދީފައިވެއެވެ.