zinma image 2

ފ. ނިލަންދޫ ޕޮލިހުން އިސްނަގައިގެން ފ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމް 'ޒިންމާ' އިފްތިތާހު ކޮށްފިއެވެ.

އެ ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވީ ހޮނިހިރު ދުވަހު ހަވީރު ނިލަންދޫގައި ކުރިއަށް ގެންދިޔަ އާއިލީ ހަވީރުގައި، ފ. އަތޮޅު ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ފަޔާޟް އިސްމާޢީލްއާއި ފ. އަތޮޅު ކައުންސިލްގެ ރައީސް ޢަލީ މުޙައްމަދުއެވެ. އެ ރަސްމިއްޔާތުގައި ނިލަންދޫ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

އެންމެން ގުޅިގެން ފ. އަތޮޅަކީ ކުށްމަދު އަމާން ވެއްޓެއް ގާއިމުކުރެވިފައިވާ ތަނަކަށް ހެދުމާއެކު ފުލުހުންނާއި އާންމު ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ އިތުރަށް ހަރުދަނާ ކުރުމަށް ސިލްސިލާކޮށް އެއް އަހަރު ދުވަހަށް ކުރިއަށް ގެންދިއުމަށް ހަަމަޖެހިފައިވާ އެ ޕްރޮގްރާމް އަމާޒު ކުރެވިފައިވަނީ ސްކޫލުތަކުގެ ދަރިވަރުންނަށާއި ބެލެނިވެރިންގެ އިތުރުން ރަށްރަށުގެ ޒުވާނުންނާއި މުއައްސަސާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށާއި އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށެވެ.

zinma image

އަދި މައިންބަފައިގެން ޒިންމާތަކާއި ނޭނގިނަމަވެސް ބެލެނިވެރިންނަށް އިހުމާލްވެވޭ ކަންކަމުން ކުދިންނަށް ކުރާ ނޭދެވޭ އަސަރުތައް އޮޅުން ފިލުވައިދިނުމާއި، މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރުމަށް ކޮންމެހެން އެނގެންޖެހޭ ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށްވެސް އެ ޕްރޮގްރާމްގެ ތެރެއިން މަސައްކަތްކުރަމުން ގެންދާނެއެވެ.

އެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ތައްޔާރުވުމުގެ ގޮތުން، ފ. އަތޮޅު ޕޮލިސް ސްޓޭޝަންތަކަށް ހުށަހެޅިފައިވާ ކުޑަކުދިންގެ މައްސަލަތަކާއި އިޖުތިމާއީ އެހެނިހެން މައްސަލަތަކާއި ފ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަށް މިހާތަނަށް ހުށަހެޅިފައިވާ މައްސަލަތައް ދެނެގަނެ އިތުރަށް ދިރާސާ ކުރަންޖެހޭ ކަންކަން ބަލައި ކަމާ ގުޅުންހުރި އެހެނިހެން މުއައްސަސާތަކުގެ މެދުގައި މަޝްވަރާ ބައްދަލުވުންތަކެއް ބާއްވައި ކަންކަން ރަނގަޅު ކުރުމަށް ކަމުގެ ފަންނީ މާހިރުންގެ ލަފަޔާއި އިރުޝާދު ހޯދުމަށްވަނީ ހަމަޖެހިފައެވެ.

އެ ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދެވޭ ފުރަތަމަ ޕްރޮގްރާމް ޑިސެމްބަރުމަހު 6 ވަނަ ދުވަހު ފ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް ކުރިއަށް ގެންދިއުމަށް މިހާރުވަނީ ތާވަލުކުރެވިފައެވެ.