2

ސްކޫލް ތަކުގެ ދަރިވަރުން އެކި ކަންކަމަށް އަހުލުވެރި ކުރުވައި ހޭލުންތެރި ކުރުވުމަށް ފުލުހުންނާއި ސްކޫލްތައް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން ތ. މަޑިފުށި ސްކޫލް ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މަޑިފުށި ސްކޫލާއި އެ ރަށު ޕޮލިސް ސްޓޭޝަން ގުޅިގެން މި މަހު 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ސެޝަންގައި، އެ ސްކޫލްގެ ގްރޭޑް 8 އިން 10 އަށް ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް މައުލޫމާތު ހިއްސާކޮށްފައިވަނީ ‘ޒިންމާ’ ގެ ނަމުގައެވެ.

އެގޮތުން، ކޮންމެ ދަރިވަރެއްގެ ވެސް ޒިންމާތަކެއް ހުންނާނެކަމާއި އެ ޒިންމާތައް ރަނގަޅު ގޮތުގައި އަދާކުރާނެ ގޮތުގެ މައުލޫމާތު ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް ހިއްސާކޮށްފައިވެއެވެ. އަދި ފަރުދީ ޒިންމާއާއި ހައްގުތަކަކީ ގުޅި ލާމެހިފައިވާ ދެ ކަންތަކަށް ވުމާއެކު ކޮންމެ ދަރިވަރަކުވެސް އެ ދަރިވަރެއްގެ ޒިންމާ ރަނގަޅު ގޮތުގައި އަދާކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ދީނީ ގޮތުންނާއި އިޖުތިއާއީ ގޮތުންނާ އަދި ތިމާގެ އަމިއްލަ ނަފްސު ޒިންމާދާރު ކުރުވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން، ވަގުތުގެ މުހިންމުކަމާއި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް މައުލޫމާތު ދީފައިވެއެވެ. އަދި ނުރަނގަޅު ގޮތްތަކެއް އިހުތިޔާރު ކުރެވިއްޖެނަމަ ކުރިމަގު ބަނަވެގެންދާނެ ގޮތުގެ މައުލޫމާތުގެ އިތުރުން ދިރިއުޅުމުގެ އެކި ހާލަތްތަކަށް ދަރިވަރުން ތައްޔާރު ކުރުމަށްވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.