4

ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކޮށް ވިޔަފާރިވެރިން ހޭލުންތެރިކުރުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ބ. އަތޮޅުގެ ރަށްރަށުގައި ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމުތަކެއް އެ އަތޮޅު ޕޮލިސް ސްޓޭޝަންތަކާއި ޑެސްކުތަކުން ކުރިއަށް ގެންގޮސްފިއެވެ.

މި މަހު 29 އަދި 30 ވަނަ ދުވަހު އޭދަފުށި ޕޮލިސް ސްޓޭޝަނާއި ތުޅާދޫ ޕޮލިސް ސްޓޭޝަނާއި ދަރަވަންދޫ ޕޮލިސް ޑެސްކު އަދި ކެންދޫ ޑެސްކުން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްތަކުގައި، އެ ރަށްރަށުގެ ފިހާރަތަަކަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވެއެވެ.

އެގޮތުން، ސައްހަނޫން ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން ވިޔަފާރިކުރާ މީހުންގެ ކިބައިން ރައްކާތެރިވުމާއި މުދާ ވިއްކުމަށްފަހު އެކައުންޓަށް ފައިސާ ފޮނުވުމުގެ އުސޫލު ގެންގުޅޭއިރު ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް އެޅިދާނެ ފިޔަވަޅުތަކާއި ފިހާރަތަކުން ވައްކަން ކުރުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން، ކުށެއް ހިނގައިފިނަމަ އަމަލުކުރަންވީ ގޮތްތަކާއި ކުށްތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ރާސްޓަސް އާއި ރީލޯޑް ކުރުމުގައި ސަމާލުކަންދޭންވީ ކަންކަމާއި  ވިޔަފާރި ބަންދުކޮށްފައިދާއިރު ސަމާލުކަން ދޭންވީ ކަންކަމާ އަދި ސީސީޓީ ކެމެރާ ހަރުކުރުމުގެ މުހިއްމުކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.