3

ތ. އަތޮޅު މަދަރުސާގެ 13 އަހަރުން މަތީގެ އަންހެން ދަރިވަރުންނަށް ހާއްސަކޮށްގެން ހޭންޑްބޯލް ކޯޗިންގ ކޭމްޕެއް ގުރައިދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ކުރިއަށް ގެންގޮސްފި އެވެ.

އެ މަދަރުސާގެ އެދުމަށް ކުރިއަށް ގެންދިޔަ އެ ކޭމްޕުގައި ހޭންޑްބޯލް ކުޅުމުގެ ހުނަރުތައް ދަރިވަރުންނަށް އުނގަންނައިދީފައިވެއެވެ. އަދި ކުޅިވަރު ކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން، ކާމިޔާބީއާ ހަމައަށް ވާސިލުވެ ނަތީޖާ ނެރުމަށްޓަކައި ހުރިހާ ދަރިވަރުން ގުޅިގެން މަސައްކަތްކުރާނެ ގޮތްތައް އުނގަންނައިދީފައިވެއެވެ.

އެ މަދަރުސާގެ 40 ދަރިވަރުންނާއެކު މިމަހު 25 އިން 30 އަށް ކުރިއަށް ގެންދިޔަ އެ ކޭމްޕަކީ ދަރިވަރުން ކުޅިވަރަށް އަހުލުވެރިކުރުވައި އަދި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރުއެޅުމަށް ކުރިއަށް ގެންދިޔަ ކޭމްޕެކެވެ.

އެ ކޭމްޕު ކުރިއަށް ގެންދިއުމުގައި އެ މަދަރުސާގެ މުދައްރިސުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ފުލުހުންނަށް ލިބިފައިވެއެވެ. އަދި އެފަދަ ކޮންމެ ކަމެއްގައި ގުރައިދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން އެ މަދަރުސާއަށް ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް އަތޮޅު މަދަރުސާގެ ޕްރިންސިޕަލް ޙުސައިން ޝާކިރު ޝުކުރު އަދާކުރެއްވިއެވެ.