99

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އައްޑޫ ސިޓީ ހިތަދުއާއި ގދ. ގައްދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި  ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައިފިއެވެ.

އެގޮތުން، ހިތަދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި އޮކްޓޯބަރ މަހުގެ 23 ވަނަ ދުވަހު ހިތަދޫގައި މަސައްކަތްކުރާ ފުލުހުންނާ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެ ރަށު ވަލުތެރެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 126 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

އޭގެ އިތުރުން، ގައްދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ އެ ރަށު ރަސްފަންނު ކިޔާ ސަރަހައްދުގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި އޮކްޓޯބަރ މަހުގެ 22 ވަނަ ދުވަހު ގައްދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި އެ އޮޕަރޭޝަނުގައި އެ ސަރަހައްދު ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 217 ސެލޯފިންކޮޅު ފެނިފައިވެއެވެ.

މި ދެ މައްސަލައާ ގުޅިގެންވެސް މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.