ށ. މިލަންދޫގައި ބޭނުންކުރަމުންދާ ރަށު ޕިކަޕުތަކުގެ ދަފްތަރެއް އެކުލަވައިލުމާ އަދި އުޅަނދު ދުއްވާ މީހުންނާއި އުޅަނދު ރަށަށް އެތެރެކޮށް ވިއްކާ މީހުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް މިލަންދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

އެގޮތުން މި މަހު 16 އިން 20 އަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، އެ ރަށުގައި ރަށު ޕިކަޕު ގެންގުޅޭ މީހުންގެ ގޭގެއަށް ޒިޔާރަތްކޮށް އެ ފަރާތްތަކުގެ މައުލޫމާތު އެއްކޮށް ދަފްތަރެއް އެކުލަވައިލާފައިވެއެވެ. އަދި އެފަދަ އުޅަނދު ރަށަށް އެތެރެކުރާ މީހުންނާ ބައްދަލުކޮށް، އުޅަނދު އެތެރެކޮށް ވިއްކުމުގައި ގާނޫނީގޮތުން ކަންކަން ފުރިހަމަކުރުމަށާ އަދި އުޅަނދުތައް ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މައުލޫމާތު ދީފައިވެއެވެ.

އޭގެ އިތުރުން، މިލަންދޫގައި ރަށު ޕިކަޕު ގެންގުޅޭ އަދި ދުއްވާ މީހުންނަށް މައުލޫމާތު ދީފައިވެއެވެ. އެގޮތުން، އުޅަނދު ރަޖިސްޓްރީ ނުކޮށްވާނަމަ ރަޖިސްޓްރީ ކުރުމުގެ ކަންކަން ކުރުމަށާ އަދި ލައިސަންސް ނަގައިގެން ނޫނީ އުޅަނދު ނުދުއްވުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި ލައިސަންސް ނެގުމާއި ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެކަން ފަސޭހައިން ކުރެވޭނެ ގޮތްތައް ހަމަޖައްސައިދީ އެކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އަދި އަމާޒަކީ މިއަންނަ އަހަރުގެ ޖަނަވަރީ 01 އިން ފެށިގެން އެ ރަށުގައި ރަޖިސްޓްރީ ނުކޮށް އަދި ލައިސަންސް ނެތި ރަށުޕިކަޕު ދުއްވުން މަނާކުރުމާއި ގާނޫނާއި ގަވާއިދާ އެއްގޮތަށް އެންމެހައި ފަރާތްތަކުން އުޅަނދު ބޭނުންކުރުމެވެ.