9

ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކޮށް ރައްޔިތުން ހޭލުންތެރި ކުރުވުމަށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގއ. ކޮލަމާފުށީގައި ޕްރޮގްރާމތަކެއް ކުރިއަށް ގެންގޮސްފިއެވެ.

އޮކްޓޯބަރ 14 ވަނަ ދުވަހު ގއ. ކޮލަމާފުށީ ޕޮލިސް ސްޓޭޝަނާއި ވިލިގިލީ ޕޮލިސް ސްޓޭޝަނައި މާމެންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ކޮލަމާފުށީގައި 'މުޖުތަމައުގެ އަމާންކަމަށް އަހަރުމެންގެ ދައުރު' ގެ ނަމުގައި ކުރިއަށްގެންދިޔަ އެ ޕްރޮގްމާރުގައި ރައްޔިތުންނާއި ސްކޫލު ދަރިވަރުންނާއި ބެލެނިވެރިންނަށް މައުލޫމާތު ދީފައިވެއެވެ.

އެގޮތުން، ގޭބިސީތަކަށް ޒިޔާރަތްކޮށް، މުޖުތަމުގައި މިހާރު ހިނގާ ކުށްތަކާއި އެ ކުށްތަކުން ސަލަމާތްވުމާއި ރައްޔިތުންގެ މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންވީ ކަންކަމާ ގުޅޭގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ކުށެއް ހިނގައިފިނަމަ އަމަލުކުރަންވީ ގޮތުގެ މައުލޫމާތު ހިއްސާކޮށް ލަސްނުކޮށް އެކަމެއް ރިޕޯޓު ކުރުމަށް އިރުޝާދުދީފައިވެއެވެ.

10

ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި، ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތު ކުރާނެ ގޮތްތަކާއި ދަރިން ތަރުބިއްޔަތު ކުރުމުގައި ބައެއްފަހަރު ހެދޭ ގޯސްތަކާއި އެކަމުގެ ސަބަބުން ދިމާވާ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ފުރާވަރު އުމުރުގެ ކުދިން މުޖުތަމައުގައި ހިނގާ ކުށްތަކަށް އަރައިގަންނަން މެދުވެރިވާ ސަބަބުތަކާއި އެ އުމުރުގެ ކުދިން އާންމުކޮށްކުރާ ކުށްތަކުގެ މައުލޫމާތު ހިއްސާކޮށް ކުދިން އެފަދަ ކަންކަމުން ދުރުހެލިކުރުވުމަށް މައުލޫމާތު ދީފައިވެއެވެ. އޭގެ އިތުރުން، ޖިންސީ ގޯނާގެ މައްސަލަތަކާއި ގެވެށި އަނިޔާގެ މައްސަލަތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން، އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 6 އިން 10 އަށް ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި މުޖުތަމައުގައި ކުދިންގެ މެދުގައި ހިނގާ ކުށްތަކާއި އެކުށްތަކުން ރައްކާތެރިވުމަށް ދަރިވަރުންގެ ފެންވަރުގައި ކުރެވިދާނެ ކަންކަމާއި އަމާން މުޖުތަމައަކަށް ސްކޫލު ކުދިންގެ ދައުރު ބުނެދީފައިވެއެވެ.

އަދިވެސް އޭގެ އިތުރުން، މިފަދަ އިތުރު ޕްރޮގްރާމުތަކެއް ކޮލަމާފުށީގައި ފުލުހުންނާއި ޖެންޑަރއާ ގުޅިގެން ކުރިއަށް ގެންދިއުމަށް ރަށު ކައުންސިލާއި ރަށުގެ އެހެނިހެން މުއައްސަސާތަކާއެކު މަޝްވަރާކޮށްފައިވެއެވެ.

އެ ޕްރޮގްރާމުތައް ކުރިއަށް ގެންދިޔުމުގައި ގއ. ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރާއި ކޮލަމާފުށީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި ހެލްތު ސެންޓަރާއި ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން ކޮލަމާފުށީ ޔޫތު އެންޑް ސްޕޯޓްސްގެ އެހީތެރިކަން ލިބިފައިވެއެވެ.