16

ފުލުހުންނަށް އަމާޒުކޮށްގެން ސައުތު ޕޮލިސްގައި ކުރިއަށް ގެންދިޔަ ސެންސިޓައިޒޭޝަން ޕްރޮގްރާމް އޮން ޗައިލްޑް ރައިޓްސް އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އެކަމަށްޓަކައި އައްޑޫ ސިޓީ ގަމުގެ އީކުއޭޓަރ ވިލެޖް ރިސޯޓުގައި މި މަހު 7 ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުން ބައިވެރިވެލެއްވިއެވެ.

20

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޕްރޮގްރާމުގެ ބައިވެރިންނާ މުހާތަބު ކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، މިފަދަ ޕްރޮގްރާމެއް ބައްޓަން ކުރެވިގެން ދިޔައީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާންޔުސުފްގެ އެހީތެރިކަމާއެކުގައިކަމުގައި ފާހަގަކުރެއްވިއެވެ. އަދި ކުޑަކުދިންގެ ހައްގުތަކާ ގުޅިގެން ކޮންމެހެންވެސް ފުލުހުންނަށް އެނގެންޖެހޭ މައުލޫމާތުތައް އެނގުމާއި ގާނޫނާއި ގަވާއިދުތަކުގެ ދަށުން އެކަންކަން ކުރަމުން އަންނަ ގޮތާއި އެހެން މުއައްސަސާތަކާ ގުޅިގެން ހާއްސަކޮށް، ޖިނާއީ އަދުލުގެ ނިޒާމާއި އިޖުތިމާއީ ހިދުމަތްދޭ ތަންތަނާއި ޖަމްއިއްޔާ ޖަމާއަތްތައް އަދި މުޖުތަމައު ގުޅިގެން ކަންކަން ކުރަންޖެހޭ ގޮތްތަކުގެ މައްޗަށް އަލިއަޅުވާލައި މި ޕްރޮގްރާމުގެ ތެރެއިން ފުލުހުންނަށް މައުލޫމާތު ދީފައިވާކަން ފާހަގަކުރެއްވިއެވެ.

19

އޭގެ އިތުރުން، ކޮންމެ ރޭންކެއްގެ ފުލުހެއް ކަމުގައި ވިޔަސް އެ ފުލުހަކު މަސައްކަތްކުރާ މާހައުލުގައި ދިރިއުޅޭ ރައްޔިތުންނަށް ނުވަތަ މުޖުތަމައަށް ހެޔޮ ބަދަލެއް ގެނެވޭ ވަރުގެ ފުލުހަކަށް ވާންޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމުގައި ކިޔަވައިދެވުނު ބައިތަކުގެ އަލީގައި ކުރިއަށް ދިއުމުގެ މުހިންމުކަމާއި ހާއްސަކޮށް ރީޖަންތަކުގައި މަސައްކަތްކުރާ ފުލުހުން އިތުރަށް ހޭލުންތެރިވާންޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި ފުލުހުންގެ މަސައްކަތަކީ ޝައުގުވެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކުރެވޭ މަސައްކަތެއް ކަމަށާއި، ހާއްސަ ގޮތެއްގައި ރައްޔިތުން ރައްކާތެރިކޮށް އަމާން މުޖުތަމައެއް ގާއިމުކުރުމުގެ މަތިވެރި މަގުސަދުގައި ހިދުމަތަށް ނުކުތުމަށް ބައިވެރިންގެ ކިބައިން އެދިލެއްވިއެވެ. އަދި ކޮންމެ ފުލުހަކުވެސް ކޮންމެ ދުވަހަކުވެސް މަސައްކަތަށް ނުކުންނައިރު އަދާކުރާ ޑިއުޓީގެ ތެރޭގައި އެ ފުލުހަކު މަސައްކަތްތައް ބައްޓަންކުރާނެ ގޮތާއި، ކަންކަން ރާވާފައިވާ ގޮތާއި، ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑި އަކީ ކޮބައިކަން އެނގިފައި އޮތުން މުހިންމު ކަމުގައި ވިދާޅުވިއެވެ.

17

އަދިވެސް އޭގެ އިތުރުން، މިފަދަ ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ފުލުހުންގެ ހިދުމަތުގެ ފެމިލީ އެންޑް ޗައިލް  ޕްރޮޓެކްޝަން ވިންގާއި، އެޑްވޮކޭޓިވް ރައިޓްސް އޮފް ޗިލްޑްރެން (އާކް) އާއި ޔުނިސެފް މޯލްޑިވްސްއާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވެދިން އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.

މި އޮކްޓޯބަރ މަހުގެ 3 އިން 7 އަށް އައްޑޫ ސިޓީ ގަމުގައި ކުރިއަށް ގެންދިޔަ އެޕްރޮގްރާމަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ފެމިލީ އެންޑް ޗައިލް  ޕްރޮޓެކްޝަން ވިންގުގެ އިތުރުން ޔުނިސެފް މޯލްޑިވްސް އާއި އެޑްވޮކޭޓިވް ރައިޓްސް އޮފް ޗިލްޑްރެން (އާކް) އަދި ސަރުކާރުގެ ކަމާ ގުޅުންހުރި މުއައްސަސާތައް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ

އެ ޕްރޮގްރާމުގެ ތެރެއިން، ކުޑަކުދިންގެ ހައްގުތަކުގެ ގާނޫނާއި ކުޑަކުދިންގެ އަދުލުގެ ގާނޫނާއި ޖީނާއި އިޖުރާއަތުގެ ގާނޫނާ ގުޅޭގޮތުންނާއި އަނިޔާ ލިބޭ ކުދިން ހިމެނޭ މައްސަލަތަކާއި ކުށްކުރާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި ކުށުގެ ވެށީގައި މަސައްކަތްކުރާއިރު އަމަލުކުރަންޖެހޭ އުސޫލުތަކާއި ވިސްނަންޖެހޭ ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުންނާއި އިންވެސްޓިގޭޝަން އޮފިސަރުން އަދި ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުންނަށް އަމާޒުކޮށްގެން ހިންގާ ސެންސިޓައިޒޭޝަން ޕްރޮގްރާމް މީގެކުރިން ވަނީ ހއ، ހދ، ށ، އއ، ލ، ގއ، ގދ. އަތޮޅު އަދި ފުވައްމުލަކު ސިޓީގައި ކުރިއަށް ގެންގޮސްފައެވެ.