Addu

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގދ.ތިނަދޫ އަދި އައްޑޫ ސިޓީ ހިތަދޫން، މަސްތުވާތަކެއްޗާއި ބަނގުރާކަމަށް ބެލެވޭ ފުޅިތަކަކާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

އެގޮތުން ތިނަދޫގައި މަސައްކަތްކުރާ ފުލުހުން ރަށުތެރެ ބެލެހެއްޓުމަށް ޕެޓްރޯލުކުރަމުން ދިޔައިރު، މަގުމަތީގައި ހުރި މީހެއްގެ އަމަލުތައް ހުރިގޮތުން މަސްތުވާތަކެތި ގެންގުޅޭކަމަށް ޝައްކުކުރެވިގެން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓް ފެނުމާ ގުޅިގެން 33 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. މި ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15  ދުވަހުގެ މުއްދަތު ދީފައިވެއެވެ.

ހިތަދޫގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި ބަނގުރާ ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ހިތަދޫގައި މަސައްކަތްކުރާ ފުލުހުންނާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލް ގެ 11 ފުޅި ހޯދާފައިވެއެވެ. މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.

ގދ.ތިނަދޫ ޕޮލިސް ސްޓޭޝަނުންނާއި ހިތަދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ މި ދެ މައްސަލަ ތަހުގީގު ކުރަމުންނެވެ.