Kanduhulhudhoo

ރައްޔިތުން ހޭލުންތެރިކުރުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ގއ. ކަނޑުހުޅުދޫގެ ވިޔަފާރަވެރިންނަށާއި ދޮށީ އުމުރު މީހުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެރަށުގައި މަސައްކަތްކުރާ ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.

މި ސެޕްޓެމްބަރު މަހުގެ 26 އަދި 27 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި، ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ރާސްޓަސް އާއި ރީލޯޑް ކުރުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި، ވިޔަފާރި ބަންދުކޮށްފައިދާއިރު ސަމާލުކަން ދޭންވީ ކަންކަމާއި، ފައިސާ ގެންގުޅުމުގައި ސާމާލުކަންދޭންވީ ކަންކަމުގެ އިތުރުން ވަގު ފައިސާއާއި ޗެކް ދެނެގަންނާނެ ގޮތްތަކާއި، ވިޔަފާރިތަކުން ކަސްޓަމަރުންނަށް މުދާ ވިއްކުމަށްފަހު އެކައުންޓަށް ފައިސާ ފޮނުވުމުގެ އުސޫލު ގެންގުޅޭއިރު، އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވިޔަފާރަވެރިންނަށް ނަސޭހަތްތެރިވެފައިވެއެވެ.

އޭގެއިތުރުން، ވިޔަފާރި ބަންދުކުރުމަށްފަހު ފިހާރަތެރޭގައި ފައިސާ ނުބެހެއްޓުމަށާއި، ފިހާރަ ރަނގަޅަށް ތަޅުލެވިފައި ހުރިތޯ ޔަގީންކުރުމަށާއި ފިހާރަ ބަންދުކޮށްފައިދާއިރު، ފިހާރައިގެ ބޭރުގައި މުދާ ނުބެހެއްޓުމަށާއި، ރޭގަނޑު ބަންދުކޮށްފައި ހުންނައިރު ފިހާރަ ތެރޭގައި އަލިކަމެއް ބެހެއްޓުމަށް އިރުޝާދު ދިނުމުގެ އިތުރުން ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި މަކަރާ ހީލަތުން ފައިސާ ހޯދުމަށާއި، މައުލޫމާތު ހޯދަން އަންނަ ފޯންކޯލްތަކަށް ސަމާލުކަން ދިނުމަށާއި، އެފަދަ ކަމެއް ފާހަގަކުރެއްވިޖެނަމަ އެކަން ފުލުހުންނަށް ރިޕޯޓްކުރުމަށް ވިޔަފާރިވެރިންނަށާއި ދޮށީ އުމުރުގެ މީހުންނަށް އިރުޝާދުދީފައިވެއެވެ.