Hanimaadhoo

ހދ. ހަނިމާދޫ ސްކޫލުގެ ގްރޭޑް 9 އަދި 10 ގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް ޓައިމް މެނޭޖްކުރުމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ކުލާހެއް ކުރިއަށް ގެންގޮސްފިއެވެ.

މި ސެޕްޓެމްބަރު 19 ވަނަ ދުވަހު ހަނިމާދޫ ސްކޫލު ހޯލުގައި ކުރިއަށް ގެންދިޔަ މި ކުލާހުގައި ސްކޫލް ދަރިވަރުން ކިޔެވުމުގެ ދައުރުގައި ވަގުތުގެ މުހިންމުކަމާއި، ވަގުތު ހެޔޮގޮތުގައި ބޭނުން ކުރުމާއި، ވަގުތު ބޭނުން ހެޔޮގޮތުގައި ހިފާނެ ގޮތާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި އިންޓަނެޓް ރައްކާތެރިގޮތުގައި ބޭނުން ކުރާނެ ގޮތްތަކާއި އިންޓަނެޓް މެދުވެރިކޮށް ހިންގާ ހަނގާކުރުމުގެ މައްސަލަތަކާއި ސައިބަރ ބުލީންގ އިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާއި މަގުމަތީގައި އުޅޭ އިރު ދަރިވަރުން ސަމާލުކަންދޭންވީ ކަންތައްތަކާ ގުޅޭގޮތުންވެސް މައުލޫމާތު ދީފައިވެއެވެ.

މީގެއިތުރުން މަގުމަތީގައި އުޅޭއިރު ދުއްވާ އެއްޗިއްސަށް ސަމާލުވުމާއި، ލައިސަންސް ނެތި ސައިކަލް ދުއްވުމަކީ މަނާކަމެއްކަމާއި ލައިސަންސް ނަގައިގެން ސައިކަލް ދުއްވޭ އުމުރުފުރާއަކީ ކޮބައިކަން ދަރިވަރުންނަށް ބުނެދީފައިވެއެވެ.

މި ކުލާހުގައި ޖުމްލަ 56 ދަރިވަރުން ބައިވެރިވެފައިވާއިރު މި ކުލާހުގައި މައުލޫމާތު ދެއްވާފައިވަނީ ހދ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް މާޒިން މުޙައްމަދެވެ.