CPD 1

ސެންޓްރަލް ޕޮލިސް ޑިވިޜަންގައި މަސައްކަތްކުރާ ފުލުހުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ސެންސިޓައިޒޭޝަން ޕްރޮގްރާމް އޮން ޗައިލްޑް ރައިޓްސް އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި ސެޕްޓެމްބަރު 16 ވަނަ ދުވަހު ކުޑަހުވަދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. މިރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުން ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ދެއްކެވި ވާހަކަފުޅުގައި ކުޑަކުދިންގެ ހައްގުތަކާއި ގުޅުވައިގެން ކޮންމެހެންވެސް ފުލުހުންނަށް އެނގެންޖެހޭ މައުލޫމާތުތައް އެނގުމާއި ގާނޫނާއި ގަވާއިދުތަކުގެ ދަށުން އެކަންކަން ކުރަމުން އަންނަ ގޮތާއި އެހެން މުއައްސަސާތަކާ ގުޅިގެން ހާއްސަކޮށް، ޖިނާއީ އަދުލުގެ ނިޒާމާއި އިޖުތިމާއީ ހިދުމަތްދޭ ތަންތަނާއި ޖަމްއިއްޔާ ޖަމާއަތްތައް އަދި މުޖުތަމައު ގުޅިގެން ކަންކަން ކުރަންޖެހޭ ގޮތްތަކުގެ މައްޗަށް އަލިއަޅުވާލައި މި ޕްރޮގްރާމުގެ ތެރެއިން ފުލުހުންނަށް މައުލޫމާތު ދީފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މި ޕްރޮގްރާމުގައި ލިބުނު މައުލޫމާތާއި އެނގިގެން ދިޔަ ކަންތައްތަކާއެކު މަސައްކަތުގެ މާހައުލުގައި ކުރިން އަމަލުކުރަމުން އައި ކަންކަން ބަދަލުވެ، މިޕްރޮގްރާމުން ފުލުހުންނަށް ލިބުނު ތަމްރީނާއި ތަޖުރިބާގެ އަލީގައި ކަންކަން ރަނގަޅުވެގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

CPD 3

ހަމައެއާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ކުޑަކުދިންގެ ތައުލީމީ ކަންކަން ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި ކުޑަކުދިންގެ ހައްގުތަކާ ބެހޭ ގާނޫނު އަދި ކުޑަކުދިންގެ އަދުލާބެހޭ ގާނޫނުގެ ދަށުން ކުރަންޖެހޭ ހުރިހާކަމެއް އެޑިއުކޭޝަން މިނިސްޓްރީ އާއި އުނގަންނައިދޭ ފަރާތްތަކާއި ފުލުހުންގެ އެކި ކޮމާންޑްތައް ގުޅިގެން މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރައްވައި، ވަރަށް އަވަހަށް އެކަމަށް އުސޫލެއް ކަނޑައެޅިގެންދާނެކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން މިފަދަ ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔުމަށްޓަކައި ފުލުހުންގެ ހިދުމަތުގެ ފެމިލީ އެންޑް ޗައިލް  ޕްރޮޓެކްޝަން ވިންގާއި، އެޑްވޮކޭޓިވް ރައިޓްސް އޮފް ޗިލްޑްރެން (އާކް) އާއި ޔުނިސެފް މޯލްޑިވްސްއާއި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ވެދިން އެހީތެރިކަމާ އެއްބާރުލުން ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

މި ސެޕްޓެމްބަރު މަހުގެ 12 ން 16 އަށް ދ. ކުޑަހުވަދޫގައި ކުރިއަށް ގެންދިޔަ މިޕްރޮގްރާމަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ފެމިލީ އެންޑް ޗައިލް  ޕްރޮޓެކްޝަން ވިންގްގެ އިތުރުން  ޔުނިސެފް މޯލްޑިވްސް އާއި އެޑްވޮކޭޓިވް ރައިޓްސް އޮފް ޗިލްޑްރެން (އާކް) އަދި ސަރުކާރުގެ ކަމާ ގުޅުންހުރި މުއައްސަސާތައް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

CPD 2

މި ޕްރޮގްރާމުގެ ތެރެއިން ކުޑަކުދިންގެ ހައްގުތަކުގެ ގާނޫނާއި ކުޑަކުދިންގެ އަދުލުގެ ގާނޫނާއި ޖީނާއި އިޖުރާތުގެ ގާނޫނާ ގުޅޭގޮތުންނާއި އަނިޔާ ލިބޭ ކުދިން ހިމެނޭ މައްސަލަތަކާއި ކުށްކުރާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި ކުށުގެ ވެށީގައި މަސައްކަތްކުރާއިރު އަމަލުކުރަންޖެހޭ އުސޫލުތަކާއި ވިސްނަންޖެހޭ ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުންނާއި އިންވެސްޓިގޭޝަން އޮފިސަރުން އަދި ފްރޮންޓްލައިންގައި މަސައްކަތްކުރާ ފުލުހުންނަށް އަމާޒުކޮށްގެން ހިންގާ ސެންސިޓައިޒޭޝަން ޕްރޮގްރާމް މީގެކުރިން ވަނީ ހއ، ހދ، ށ، އއ، ލ، ގއ، ގދ. އަތޮޅު އަދި އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައި ކުރިއަށް ގެންގޮސްފައެވެ.