Dh 1

ދިވެހި ފުލުހުންގެ ހިދުމަތުގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން  ޔުނިސެފް އާއި ދ. އަތޮޅު ޕޮލިސް ގުޅިގެން އެއަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން "ޗައިލްޑް އެބިއުސް ޕްރިވެންޝަން އެންޑް އެވެއަރނަސް ޕްރޮގްރާމް" ފަށައިގެން ކުރިއަށް އެބަދެއެވެ.

މިމަހުގެ 12 ން 15 އަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް ދ. ކުޑަހުވަދޫ، މީދޫ އަދި ހުޅުދެލީގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމުގެ ދަށުން އެ ތިން ރަށުގެ ސްކޫލު ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ސެޝަންތައް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން މި ޕްރޮގްރާމުގެ ދަށުން އިއްޔެ ވަނީ ދ. ހުޅުދެލީ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުންނަށް މައުލޫމާތު ދީފައެވެ. އަދި މިއަދު ވަނީ ދ. އަތޮޅު މަދަރުސާގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ.

dh 2

މި ޕްރޮގްރާމުގެ ތެރެއިން ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ސެޝަންގައި ކުޑަކުދިންގެ ހައްގުތަކާ ގުޅޭގޮތުންނާއި އިންޓަރނެޓް ބޭނުން ކުރުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި އެއްވެސް މީހެއްގެ ކައިރިން ތިމާ ނުރުހޭ ފަދަ ކަމެއް ދިމާވެއްޖެނަމަ އަމަލުކުރަންވީ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

Dh 3

ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ސެޝަންގައި ކުޑަކުދިންގެ ހައްގުތަކާއި އެކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން ހެދިފައިވާ ހަރުދަނާ ގަވާއިދުތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށް، ގަވާއިދުތަކަށް އަހުލުވެރިކުރުމުގެ ގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ޗައިލް އެބިއުސް އަކީ ކޮބައިކަމާއި މިފަދަ ދިމާވާ ގޮތްތަކާ ގުޅޭގޮތުންނާއި މިފަދަ ކަމެއް ފާހަގަކުރެއްވިޖެނަމަ ލަސްނުކޮށް ކަމާބެހޭ ފަރާތްތަކަށް މައުލޫމާތު ހިއްސާކުރުމުގެ މުހިންމުކަން ކިޔައިދީ، މިކަންކަން ހައްލުކުރުމުގައި ބެލެނިވެރިންނަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މައުލޫމާތު ދީފައިވެއެވެ.

މި ޕްރޮގްރާމުގެ ސެޝަންތަކުގައި މައުލޫމާތު ދެއްވަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން އާއި ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގައި މަސައްކަތްކުރާ އިންވެސްޓިގޭޝަން އޮފިސަރުންނެވެ.