Addu

މިނިސްޓަރ އޮފް ޖެންޑަރ, ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ސައުތު ޕޮލިސް ޑިވިޜަން ކޮމާންޑަރާއި އައްޑޫސިޓީ ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުންނާ ބައްދަލުކުރައްވައިފިއެވެ.

އައްޑޫސިޓީ އަށް މިނިސްޓަރ ކުރެއްވި ޒިޔާރަތުގެ ތެރެއިން އިއްޔެ ހިތަދޫ ޕޮލިސް ސްޓޭޝަނުގައި ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި، ގާނޫނާ ހިލާފުވާ ކުޑަކުދިންނާއި އަނިޔާލިބޭ ކުޑަކުދިންގެ މައްސަލަތައް ތަހުގީގު ކުރުމުގައި ދިމާވާ މައްސަލަތައް އޮޅުންފިލުއްވައި އެކަންކަން ހައްލުކުރުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން ފުލުހުންނާ މަޝްވަރާކުރެއްވިއެވެ.

Addu 2

އަދި ޖެންޑަރ މިނިސްޓްރީއާއި ފުލުހުން ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރާނެ ދާއިރާތަކެއް ކަނޑައަޅުއްވާފައިވެއެވެ.

އެގޮތުން، ކުށުގެ ވެށީގައި އުޅޭ ކުދިންނާއި އަނިޔާލިބޭ ކުދިން ދެނެގަނެ އެކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް މަޝްވަރާކުރެއްވިއެވެ.

އަދި ކުޑަކުދިން ކުށުގެ ވެށިން ދުރުހެލިކުރުވައި އަނބުރާ މުޖުތަމައަށް ގެނައުމަށް މަސައްކަތް ކުރުމުގެ އިތުރުން ފުލުހުންނާއި ފެމިލީ އެންޑް ޗިލްރެން ސަރވިސް ސެންޓަރ ހިމެނޭގޮތަށް އާއިލާތަކާއި ކުޑަކުދިންނަށް ހާއްސަކޮށްގެން ހޭލުންތެރިކުރުވުމަށް މަސައްކަތް ކުރުމަށްވެސް މަޝްވަރާކުރެއްވިއެވެ.

އެ ބައްދަލުވުމުގައި، ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަން ކޮމާންޑަރ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު އާޠިފްއާއި އައްޑޫސިޓީ ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުންގެ އިތުުރުން ޖެންޑަރ މިނިސްޓްރީގެ ބައެއް ބޭފުޅުންވެސް ބައިވެރިވެލެއްވިއެވެ.