police1

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޅ. ނައިފަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 18 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެކެވެ. މި ދެމީހުންނަކީ ވެސް ދިވެހިންނެވެ. މި ދެ މީހުން ހައްޔަރު ކޮށްފައިވަނީ ލޯންޗެއްގައި ނައިފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައިމި ޖޫން މަހުގެ 29 ވަނަ ދުވަހުގެ 23:35 ހާއިރު ނައިފަރު ބަނދަރުމަތިންނެވެ.

އެ ދެ މީހުން ހުއްޓުވައި ބަލައި ފާސްކޮށް އަދި އެމީހުން ދަތުރުކުރި ލޯންޗު ބަލައިފާސްކުރިއިރު އޭގެ ތެެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅެއް ފެނިފައިވެއެވެ.

އޭގެ އިތުރުން ޏ. ފުވައްމުލަކުގައި ބަނގުރާ ކައްކަމުންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ބަލައި ފާސްކުރިއިރު ބަނގުރާ ކެއްކުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.

އަދި ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޅ. ކުރެންދޫ ހަރުގެއެއް ބަލައި ފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި ހަމެއް ފެނިފައިވެއެވެ.

މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.