Dharus

ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުޅިގެން ދަރުސްއެއް ބާއްވައިފިއެވެ.

''އީމާން ކަމާއި މާތްﷲގެ އެއްކައުވަންތަކަން'' މި ނަމުގައި އިސްކަންދަރު ކޮށީގައި މިއަދު ކުރިއަށް ގެންދިޔަ ދަރުސްގައި މައުލޫމާތު ދެއްވީ އައްޝެއިޚް އިލްޔާސް ޖަމާލްއާއި، އައްޝެއިޚް އަލީ ޒާހިރު ބިން ސަޢީދު ޤާސިމްއެވެ.

IMG_7516

މި ދަރުސްގައި މައުލޫމާތު ދެއްވަމުން އައްޝެއިޚް އިލްޔާސް ޖަމާލް ދެއްކެވި ވާހަކަ ފުޅުގައި، މާތްﷲ އިންސާނާ އުފެއްދެވިގޮތާއި ނަސްލުތައް އުފެދިގެން އައި ގޮތާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރެއްވިއެވެ. އަދި މާތްﷲ ގެ މަތިވެރިކަމާއި، ހުރިހާ ތަނެއްގައި  ވެސް އެކަލާނގެ ވޮޑިގެންވާކަމާއި، އެކަލާނގެއަކީ ޣައިބުގައިވާ ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ ކަމަށާއި، ޣައިބުގައިވާ ކަންކަމުގެ ތެރެއިން ޒައްރެއްގެ މިންވަރުވެސް އެކަލާނގެއަށް ވަންހަނާވެގެން ނުވާކަމަށާއި، ކޮންމެ މީހަކުވެސް އެކަލާނގެ އެންގެވި ގޮތަށް އާޚިރަތަށް މަސައްކަތްކުރުމަށް ގޮވައިލެއްވިއެވެ. އަދި ކޮންމެ އިންސާނަކީވެސް މިދުނިޔެއަށް ވަކި މަގުސަދެއްގައި ފޮނުވުނު އިންސާނެއް ކަމަށާއި، މިކަމުގައި އިންސީންނާއި ޖިންނީން އިސްތިސްނާ ނުވާނެ ކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވިއެވެ.

Dharus 2

ދަރުސްގައި މައުލޫމާތު ދެއްވަމުން އައްޝެއިޚް އަލީ ޒާހިރު ބިން ސައީދު ޤާސިމް ދެއްކެވި ވާހަކަ ފުޅުގައި، ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮ ދަރުމައާއި ޡަވާބަށް އެދި އަޅުކަންތައް ކުރުމުގައި ނަފްސުތައް ޝާމިލުކުރުމަށް މައުލޫމާތު ދެއްވިއެވެ. އަދި ކޮންމެ މީހަކުވެސް ވިސްނަންޖެހޭނީ މި ރަމަޟާން މަހަކީ އެމީހެއްގެ ހަޔާތުގައި އަންނާނެ އެންމެ ފަހު ރަމަޝާން މަސް ކަމަށާއި އަދި ތެދުވެރި ތައުބާއަކުން ތައުބާވެގެން ރަމަޟާން މަހާ ބައްދަލުކުރުމަށް ގޮވައިލެއްވިއެވެ އަދި ކޮންމެ ވަގުތެއްގައިވެސް ތިމާގެ ދޫ ރައްކާތެރި ކުރުމަށާއި، ޒިކުރު ކުރުމާއި، އިސްތިޣްފާރު ކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވިއެވެ.

Dharus 1

ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑުން އިންތިޒާމްކޮށްގެން ބޭއްވި މި ދަރުސްގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދުއާއި ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުންނާއި، ގިނަ އަދަދެއްގެ ފުލުހުންނާއި، ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ އާއްމު މުއައްޒަފުން ބައިވެރިވިއެވެ