Elections Commanders 2

މިއަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ކޮމާންޑަރުންގެ ގޮތުގައި މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ރޭ އިސްކަންދަރު ބިލްޑިންގގައި ކުރިއަށް ގެންދިޔަ މި ސެޝަންގައި އިންތިޚާބާ ގުޅުހުންހުރި ކަންކަމާ ގުޅޭގޮތުންނާއި މަޢުލޫމާތު ބަދަލުކުރުމާއި ކޮމްޕްލެއިންސް ބިއުރޯއަށް މައްސަލަތައް ހުށަހަޅާނެ ގޮތްތަކާއި ކޮވިޑްގެ ހާލަތާ ގުޅިގެން އިލެކްޝަން ކޮމިޝަނުން ގެންގުޅޭ އުސޫލުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

މި ސެޝަންގައި މަޢުލޫމާތު ދެއްވާފައިވަނީ އިލެކްޝަން ކޮމިޝަންގެ ފަރާތުންނެވެ. މި ސެޝަންގައި އިންތިޚާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ޑެޕިއުޓީ ކޮމާންޑަރާއި މާލެ ސަރަހައްދުގައި  ކޮމާންޑަރުންގެ ގޮތުގައި ހަރަކާތްތެރިވާ ކޮމިޝަންޑް އޮފިސަރުން ބައިވެރިވެލެއްވިއެވެ.

މިއީ ކޮމާންޑަރުންގެ ގޮތުގައި ހަރަކަތްތެރިވާ އޮފިސަރުންނަށް މައުލޫމާތު ދިނުމަށް ހިންގި މިފަދަ ދެވަނަ ސެޝަންއެވެ. މީގެކުރިންވަނީ އިންތިޚާބުގެ ސަލާމަތީ ކަންކަމުގައި އަތޮޅުތަކުގައި ހަރަކާތްތެރިވާ ފުލުހުންގެ ތެރެއިން ކޮމާންޑަރުންގެ ގޮތުގައި މަސައްކަތްކުރާ އޮފިސަރުންނަށްވެސް ސެޝަނެއް ހިންގާފައެވެ.