LGan

ލ. ގަން ހަމަދު ބިން ޚަލީފާ އަލްޡާނީ ސްކޫލު ދަރިވަރުންނަށް އެ ސްކޫލުގެ ފަރާތުން ކުރިއަށް ގެންދިޔަ އިވެންޓެއްގައި ގަން ޕޮލިސް ސްޓޭޝަނުން ބައިވެރިވެ ދަރިވަރުންނަށް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މި އެޕްރީލް މަހުގެ 4 އިން 5 އަށް ‘ވެހި ކޭމްޕް’ ގެ ނަމުގައި އެރަށުގައި ކުރިއަށް ގެންދިޔަ މި އިވެންޓުގައި ފުލުހުންގެ ފަރާތުން ދަރިވަރުންނަށް ފެތުމުގެ ހުނަރުތައް ދަސްކޮށްދީފައިވެއެވެ.

އެގޮތުން، ފެތުމަށް ބޭނުންވާ އުކުޅުތަކާއި ނޭވާ ކޮންޓްރޯލް ކުރާނެ ގޮތާއި ފްރީ ސްޓައިލްގައި ފަތާނެގޮތް ދަރިވަރުންނަށް ދަސްކޮށްދީފައިވެއެވެ. އަދި ގިނަވަގުތު ފްލޯޓްކޮށްގެން އޮވެވޭނެ ގޮތްތަކާއި މޫދަށްއެރި އުޅުމުގައި ހާދިސާއެއް ދިމާވެއްޖެނަމަ އަމަލުކުރާނެ ގޮތްތައް ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް ބުނެދީފައިވެއެވެ.

އޭގެ އިތުރުން، މަގުމަތީގައި އުޅޭއިރު ދަރިވަރުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކާއި އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރެވޭނެ ކަންކަމުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ.

މި ސެޝަނުގައި، ހަމަދު ބިން ޚަލީފާ އަލްޡާނީ ސްކޫލުގެ ގްރޭޑް 3 އިން 7 އަށް ތައުލީމު ހާސިލުކުރަމުންދާ 383 ދަރިވަރުން ބައިވެރިވިއެވެ.