Thimarafushi

ސްކޫލު ދަރިވަރުން ހޭލުންތެރި ކުރުވުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ތ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށާއި މަޑިފުށި ސްކޫލުގެ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ..

މި އެޕްރީލް މަހުގެ 5 ވަނަ ދުވަހު ތިމަރަފުށި ސްކޫލުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމަކީ ތިމަރަފުއްޓަކީ އަމާން ރައްކާތެރި ރަށެއްގެ ގޮތުގައި ބޭއްވުމަށާއި ސްކޫލު ނިންމާ ދަރިވަރުން ކުށުގެ ވެށިން ދުރުކޮށް، އަހުލާގު ރަނގަޅު އަދި މުޖުތަމައުގައި ލޯބި ލިބިފައިވާ ކުދިބަޔަކަށް ހެދުމަށް ފުލުހުންނާއި އެ ސްކޫލު ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

އެގޮތުން، ރިވެތި އަހުލާގުގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުންނާއި އާއްމު އިޖުތިމާއީ މިންގަޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނާ ގުޅޭގޮތުން ދަރުވަރުންގެ އުމުރާ ގުޅޭގޮތަށް މައުލޫމާތު ދީފައިވެއެވެ. އަދި ސައިބަރ ކްރައިމްއާއި ހަނގާ ކުރުމުގެ މައްސަލަތަކާ ގުޅޭގޮތުންނާއި އިހުތިރާމްކުރުމާއި ލީޑަރޝިޕާ ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން، ދީނީ ގޮތުން އަމިއްލަ ދިރިއުޅުމަށް ގެނެވިދާނެ ބަދަލުތަކާއި، ރިވެތި އަދަބުތައް ދަސްކޮށްދިނުމާއި ކަންކަމުގައި އިސްނަގައިގެން މަސައްކަތްކުރަން ދަސްކޮށްދިނުމުގެ އިތުރުން އަހުލާގު ރަނގަޅު ކުދިބައެއްގެ ގޮތުގައި ތިބުމަށް މަސައްކަތް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ވަގުތުގެ މުހިންމުކަމާއި، ގަޑިއަށް ފަރުވާތެރިވުމުގެ މުހިންމުކަމާއި، ކޮންމެ ކުއްޖަކީވެސް ޒިންމާތަކާ އަދި ހައްގުތަކާ ގުޅިލާމެހިފައިވާ ކުއްޖެއްކަން ދަރިވަރުންނަށް ހަނދާންކޮށްދީފައިވެއެވެ.

މި ބައްދަލުވުުމުގައި އެ ސްކޫލުގެ ގްރޭޑް 6 ފެށިގެން މަތީގެ ހުރިހާ ދަރިވަރުން ބައިވެރިވިއެވެ.

އޭގެ އިތުރުން، މަޑިފުށި ސުކޫލްގެ ގްރޭޑް 8 އިން 10 އަށް ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް މަޑިފުށި ޕޮލިސްއިން މައުލޫމާތު ދީފައިވެއެވެ.

އެގޮތުން، ކިޔަވާކުއްޖެއްގެ ކިބައިގައި ހުންނަންޖެހޭ ރިވެތި އަދަބުތަކާއި، ދަރިވަރުންގެ ތަރުބަވީ ހަޔާތް ނިމި މުޖުތަމައަށް ފައިދާ ހުރި ކުއްޖަކަށް ވުމަށް ދަރިވަރުންނަށް ބުނެދީފައިވެއެވެ. އަދި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާނެ ގޮތްތައް ބުނެދީފައިވެއެވެ.