ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އއ. ތޮއްޑޫގައި ގާއިމްކުރި ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭންފަށައިފިއެވެ.
މިއަދު ތޮއްޑޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲއެވެ. މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި ފުލުހުންގެ އިސް އޮފިސަރުންނާއި އއ. އަތޮޅު ކައުންސިލްގެ ރައީސް އާއި ތޮއްޑޫ ކައުންސިލްގެ ރައީސް އާއި އެކައުންސިލް މެމްބަރުންނާއި އެރަށުގައި ހުރި އެކި މުއައްސަސާތަކުގެ އިސްވެރިންނާއި ފުލުހުން ބައިވެރިވެލެއްވިއެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ތޮއްޑޫއަކީ ރާއްޖޭގެ އިގްދިސާދުގެ މުހިންމު މަސައްކަތްތަކެއް ހިނދގަމުންދާ ރަށެއްކަން ފާހަގަކުރައްވައި، ފުލުހުންގެ ހިދުމަތް ފެށިގެން ދިއުމަކީ އެމަސައްކަތްތަކަށާއި ރައްޔިތުންނަށް އަމާންކަން ކަށަވަރުވެގެން ދިއުމަށް އެޅިގެންދާ ހަރުދަނާ ފިޔަވަޅެއްކަމަށް ވިދާޅިވިއެވެ. އަދި ފުލުހުންގެ ގާނޫނު ފެށިގެން ދިޔައިރު، ފުލުހުންގެ ހިދުމަތަށް ގެނައުމަށް ވިސްނިފައިވާ އެންމެ ބޮޑު އެއްބަދަލަކީ ފުލުހުންގެ ހިދުމަތް ލާމަރުކަޒީކޮށް ފޯރުކޮށްދިނުމުގެ ވިސްނުންކަމަށާއި މި ފަލްސަފާގެ ތެރެއިން ހިދުމަތް ފެށިގެން މިދަނީ ކޮންމެ ރައްޔިތަކަށްމެ އެރައްޔިތަކު ހުރިތަނަކުން، ކޮންމެ ވިޔަފާރިއަކަށް އެވިޔަފާރިއެއް ހުރިތާކުން އަދި ކޮންމެ ދަނޑެއް، އެދަނޑެއް އޮތް ބިމަކުން ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކަމަށް ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު މިރަސްމިއްޔާތު ދެއްކެވި ވާހަކަފުޅުގައި ކޮމިއުނިޓީ ޕޮލިސިންގ ފަލްސަފާއާއި އެއްގޮތަށް ފުލުހުންގެ ދުމަތްދެވޭ ސަރަހައްދެއްގެ ރައްޔިތުންނާއި ކައުންސިލްތަކާއި މަދަނީ ޖަމިއްޔާތަކާއި ދައުލަތުގެ މުއައްސަސާތަކުގެ ބައިވެރިވުން ލިބޭނެ ފަދަ ގޮތަކަށް ފުލުހުންގެ ހިދުމަތް ދިނުމަށް ފުލުހުންގެ އައު ގާނޫނުގައި ބަޔާންކޮށްފައިވާކަން ފާހަގަކުރައްވައި، ފުލުހުންގެ މަސައްކަތްތައް އަމާޒުކުރެވިފައިވަނީ ރައްޔިތުންނަށް ފުލުހުން ދޭ ހިދުމަތް އަލުން ތަރުތީބުކޮށް، ޑިމޮކްރެޓިކް ވެއްޓަކަށް އެކަށޭނަ އަދި ތަރައްގީވެފައިވާ ފުލުހުންގެ ހިދުމަތްތަކެއް މުޅިރާއްޖެއަށް ފޯރުކޮށްދޭ މުއައްސަސާއަކަށް ދިވެހި ފުލުހުންގެ ޚިދުމަތް ބަދަލުކުރަންކަމަށް ވިދާޅުވިއެވެ. އަދި ތޮއްޑޫގައި ހުޅުވިގެންދިޔަ މި ޕޮލިސް ޕޯސްޓަކީ މިދެންނެވި އަމާޒަށް ވާސިލުވުމަށްޓަކައި ކުރިޔަށް އެޅުނު ފިޔަވަޅެއްކަމަށް ވިދާޅުވިއެވެ.
ހަމައެއާއެކު ފުލުހުންގެ އައު ގާނޫނު އެކުލަވާލުމުގެ ކުރިންވެސް ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭނުގައި ހިމެނޭ ހަ ޕްރައޯރިޓީގެ ތެރޭގައި " ލޯކަލް ޕޮލިސިން" ކަނޑައަޅާފައިވަނީ އަތޮޅު ތެރޭގައި ދެވޭ ހިދުމަތަށް އިތުރު އަހައްމިޔަތުކަމެއް ދިނުމުގެ މަގުސަދުގައިކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ތޮއްޑޫގައި ޕޮލިސް ޕޯސްޓް ހުޅުވުމާއެކު، ފުލުހުންގެ ހިދުމަތް ރައްޔިތުންނާ ގާތުން ފޯރުކޮށްދެވިގެންދާނެކަމަށް ވިދާޅިވިއެވެ.
ފުލުހުންގެ ހިދުމަތަށް ގެނެވޭ ބަދަލުތަކުގެ ތެރެއިން އެއް އިންގިލާބީ ބަދަލަކީ ނެއިބަރހުޑް ޕޮލިސިންގ ނުވަތަ އަވަށްޓެރި ފުލުހުންގެ މަސައްކަތްކަން ފާހަގަކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، ރައްޔިތުންނާއި ފުލުހުންގެ ގުޅުމުގެ ތެރެއިން މުޖުތަމައުގައި ހިނގާ ކުށާއި އެކުށުން އުފެދޭ ބިރުވެރިކަމުގެ އިހްސާސް ކުޑަކުރުމަށް މަސައްކަތްތަކެއް ކުރާނެކަމަށެވެ. އަދި އިޖުތިމާއީ މައްސަލަތަކުން ކުށަށްބަދަލުވާ ކަންކަމާމެދު އިތުރަށް ސަމާލުވެ ފުލުހުންގެ ހިދުމަތްތައް ދެމުން ގެންދިއުން އެއީ މިއަދު ވަރަށް އިސްކަންދޭ ކަމެއްކަން ފާހަަގަކުރެއްވިއެވެ.
ރަށުގެ ވެއްޓަކީ އަމާން ވެއްޓަކަށް ހެދުމަށް މަސައްކަތްކޮށްދެއްވުމަށާއި މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ދަމަހައްޓައި ކުށްމަދުކޮށް ކުށުގެ ބިރުވެރިކަން ކުޑަކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގައި އެންމެ ކުރީސަފުގައި ފުލުހުންނާއެކު މަސައްކަތްކޮށް އެއްބާރުލުން ދެއްވުމަށް ރައްޔިތުންގެ ކިބައިން ކޮމިޝަނަރ އޮފް ޕޮލިސް އެދިލެއްވިއެވެ.
އއ. ތޮއްޑޫގައި ގާއިމްކުރި ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުއްވައި ދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ. ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވުމަށްފަހު ދިވެހިރާއްޖޭގެ ދިދަ ނަންގަވައި ދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒްއެވެ. އަދި ފުލުހުންގެ ދިދަ ނަންގަވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ.