Mulaku

ސްކޫލު ދަރިވަރުން ހޭލުންތެރި ކުރުވައި މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މ. މުލަކު ސްކޫލުގެ ގްރޭޑް 8 އިން 10 އަށް ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މުލަކު ޕޮލިސް ސްޓޭޝަނާއި މ. އަތޮޅު ފެމެލީ ޗައިލްޑް ސަރވިސް ސެންޓަރ އަދި މުލަކު ސްކޫލު ގުޅިގެން މި އެޕްރީލް މަހުގެ 4 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެެޝަނުގައި ދަރިވަރުންގެ މެދުގައި ހުރި ކަންބޮޑުވުންތައް އޮޅުން ފިލުވައި އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ދީފައިވެއެވެ. އަދި ކޮންމެ ދަރިވަރަކީވެސް އެކުއްޖެއްގެ އަހުލާގީ މިންގަނޑު އެއްވަރެއްގައި ހިފެހެއްޓުމަށް މަސައްކަތްކުރާ ކުއްޖަކަށްވުމަށް ނަސޭހަތްތެރިވިއެވެ.

އޭގެ އިތުރުން، ކުށްތަކުން ސަލާމަތްވެ އެކަމުން ދުރުހެލިވެ ތިބުމަށް މައިންބަފައިންނާއި ޓީޗަރުންގެ ބަސް ގަބޫލުކުރުމަށް ނަސޭހަތްތެރިވިއެވެ. އަދި ގުރޫމް ކުރުމަކީ ކޮބައިކަމާއި، އެއީ ވެސް ކުށެއްކަމާއި އެކަންކަމުން ދުރުހެލިވެތިބުމާ އަދި ސްކޫލު މާހައުލުގައާއި ސްކޫލުން ބޭރުގައިވެސް ހަނގާކުރުން އިތުރުވެފައިވާ ކަމާއި އެފަދަ ކަންކަން އެއްވެސް ދަރިވަރަކު ނުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ކުށުން ދުރުހެލިވެ ތިބުމާއި އެއްވެސް ދަރިވަރަކު ކުށުގެ ވެއްޓަށް ނުދިއުމަށް ގަދައަޅައި މަސައްކަތްކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

އަދި އިންޓަނެޓުގެ ޒަރީއާއިން ކުރިމަތިވާ ނޭދެވޭ ކަންކަމުގެ މައުލޫމާތު ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް ބުނެދީފައިވެއެވެ. އަދި އިންޓަނެޓު ބޭނުންކުރުމުގައި ދަރިވަރުންނަށް ރައްކާތެރި ގޮތަކީ ކޮބައިކަމާއި ރައްކާތެރިގޮތުގައި އިންޓަނެޓު ބޭނުންކުރާނެ ގޮތްތައް ބުނެދީފައިވެއެވެ. އަދި އިންޓަނެޓުން ދިމާވާ ނުދަންނަ މީހުންނާ ވާހަކަ ނުދެއްކުމަށާއި ދަރިވަރުންގެ ޒާތީ މައުލޫމާތު އެ މީހުންނާ ހިއްސާނުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ނޭދެވޭ އެއްވެސް ކަމެއް ފާހަގަ ކުރެވިއްޖެނަމަ އެކަން ސިއްރުނުކޮށް ބެލެނިވެރިންނާ ހިއްސާކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

އަދިވެސް އޭގެ އިތުރުން، އާންމު އިޖުތިމާއި މިންގަނޑުތަކަކީ ކޮބައިކަމާއި އާންމު އިޖުތިމާއި މިންގަނޑުތަކާ ހިލާފު އަމަލުތަކަކީ ކޮބައިކަން ބުނެދީ އެފަދަ ކަންކަމުން ދުރުހެލިވެތިބުމަށް މައުލޫމާތު ދީފައިވެއެވެ. އަދި މަގުމަތީގައާއި އެހެނިހެން ތަންތާގައި އުޅޭއިރު ދަރިވަރުންގެ އަމަލުތައް ބަހައްޓަންވީގޮތާއި އެހެން މީހުންނާ ރީތިކޮށް މުއާމަލާތުކުރުމަށް މައުލޫމާތު ދީފައިވެއެވެ.

އަދި ސްކޫލު ދަރިވަރުންގެ ފަރާތުން އެކުދިންގެ މައިންބަފައިންނާއި ޓީޗަރުންވެސް ވަރަށް ބޮޑެތި އުންމީދުތަކެއް ކުރަމުން އަންނަކަމާއި އެ އުންމީދުތައް ހާސިލުކުރުމަށް ކޮންމެ ދަރިވަރަކުވެސް މަސައްކަތްކުރުމަށް ނަސޭހަތްތެރިވިއެވެ.