ga. atoll dhoanifaharah ziyaaraiy

ގއ.އަތޮޅުގައި އޮޑިދޯނިފަހަރު ދުއްވާ ކެޔޮޅުންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެއަތޮޅުގައި މަސައްކަތްކުރާ ފުލުހުން ފަށައިފިއެވެ.

މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި މިހާތަނަށް ގއ. ވިލިނގިއްޔާއި ގއ. ގެމަނަފުށީގައި އޮޑިދޯނިފަހަރު ދުއްވާ ކެޔޮޅުންނަށް މައުލޫމާތު ދީފައިވެއެވެ. މިގޮތުން އޮޑިދޯނިފަހަރު ދުއްވުމުގައި ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި އޮޑިދޯނިފަހަރު ގެންގުޅޭ މީހުން ސަމާލުވާންޖެހޭ ކަންކަމާއި، ނުރައްކާތެރި ކަމެއް ހިނގައިފިނަމަ އަމަލުކުރަންވީ  ގޮތްތަކާގުޅޭ މުހިންމު މައުލޫމާތު ދީފައިވެއެވެ.

މީގެއިތުރުން ފުލުހުންނާ ދޯނިފަހަރު ދުއްވާ ކެޔޮޅުންނާ އޮންނަ ގުޅުން ހަރުދަނާކުރުމުގެ ގޮތުން ފުލުހުންވަނީ އެ ދޯނިފަހަރުގައި މަޑުކޮށް އެމީހުންނާއެކު ވަގުތު ހޭދަކޮށްފައެވެ. އެދެރަށުގައި ވަކިވަކިން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ޖުމުލަ 14 ދޯންޏަކަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވެއެވެ.

މި ޕްރޮގްރާމަކީ ގއ. އަތޮޅުގައި އޮޑިދޯނިފަހަރު ދުއްވާ ފަރާތްތަކަށް އަމާޒުކޮށްގެން ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.