CP

އައު ގާނޫނާއެކު ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުން އެދޭފަދަ މުއައްސަސާއަކަށް ވެގެންދާނެ ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ ފުލުހުންގެ 88 ވަނަ އަހަރީ ދުވަހާ ގުޅިގެން ޕޮލިސް ލައިފަށް ދެއްވި ހާއްސަ އިންޓަވިއުގައެވެ. އެ އިންޓަވިއުގައި ކޮމިޝަނަރ އިތުރަށް ވިދާޅުވީ މާރިޗު މަހުގެ 27 ވަނަ ދުވަހު އަމަލުކުރަންފެށި ފުލުހުންގެ ހިދުމަތުގެ އައު ގާނޫނުގެ ދަށުން މުއައްސަސާއަށް ވަރަށްބޮޑެތި ބަދަލުތަކެއް އަންނާނެކަމަށެވެ. އަދި އެ ގާނޫނުގެ ދަށުން މުއައްސަސާގެ ތަރައްގީއަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށާއި އެ ތަރައްގީތަކާއެކު ފުލުހުންގެ ފަރާތުން ދިވެހި ރައްޔިތުންނަށް ރަނގަޅު ހިދުމަތްތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާ ތަހުޒީބުކަމާއެކު ކުރިއަށްދެވޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށާ އަދި ރައްޔިތުން އެދޭފަދަ މުއައްސަސާއަކަށް ފުލުހުންގެ މުއައްސަސާ ބައްޓަން ކުރެވިގެން ދިއުމަށް ފުރުސަތު ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

އަދިވެސް އިތުރަށް ކޮމިޝަނަރ ވިދާޅުވީ، ފުލުހުންގެ މުއައްސަސާއާއި ކަމާބެހޭ ފަރާތްތަކުގެ ވަރަށް ބުރަ މަސައްކަތާއެކު ވުޖޫދަށް ގެނެވިފައި މިވާ ފުލުހުންގެ ހިދުމަތުގެ ގާނޫނު 34/2020 އަކީ ތަހުޒީބީ ކުލަތައް ފުލުހުންގެ މުއައްސަސާގައި ޖައްސުވައިދޭނެ ގާނުނެއް ކަމަށެވެ. ހަމައެއާކު ޒަމާނާއެކު ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްހުރި އުނދަގޫތައް ނައްތައިލުމަށް މަގުފަހިވެގެންދާނެ ކަމަށާއި ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ފުލުހުން މަސައްކަތް ކުރަމުންދާއިރު ޒިންމާދާރުކަމާއެކު ޖަވާބުދާރީވުން އިތުރުވެގެންދާނެ ކަމަށެވެ. އަދި އަތޮޅުތެރޭގައި ފުލުހުން ގާއިމުވެތިބޭ ތިބުން އިތުރަށް ހަރުދަނާވެ، ތަހުޒީބުވެފައިވާ އެހެނިހެން މުޖުތަމައުތަކުގައިވެސް ފުލުހުން މަސައްކަތް ކުރަމުން އަންނަ ފަލްސަފާ ކަމުގައިވާ ކޮމިއުނިޓީ ޕޮލިސިންގ ނުވަތަ ނެއިބަރހުޑް ޕޮލިސިންގެ ހިދުމަތް އަޅުގަނޑުމެންގެ ދިވެހި ވެއްޓާ އެއްގޮތަށް ބަދަލުކުރެވި އަވައްޓެރި ފުލުހުންގެ ހިދުމަތް އެ ފަލްސަފާގެ މައްޗަށް ވަރަށްބޮޑަށް މަސައްކަތް ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންގެ ހިދުމަތުގައި ދެމިތިބި ހުރިހާ މުވައްޒަފުންނަށް މި މަސައްކަތަށް ބޭނުންވާ ގާބިލުކަން އިތުރަށްލިބޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން، ފުލުހުންގެ މުއައްސަސާގެ މައިގަނޑު އަމާޒަކީ ދިވެހި މުޖުތަމައުގައި ދިރިއުޅޭ ފަރާތްތަކާއި ރާއްޖެ ޒިޔާރަތްކުރާ ފަރާތްތަކުގެ ރައްކާތެރިކަން ގާއިމުކުރުމާއި ދިވެހި ވެށީގައި ހިންގާ ކުށްތަކާއި އެކަންކަމާ ގުޅިގެން އުފެދިފައި އޮންނަ ބިރުވެރިކަމާއި ނުތަނަވަސްކަން ކުޑަކުރުމަށް މަސައްކަތްކުރުން ކަމުގައި ވިދާޅުވިއެވެ. އަދި އެމަސައްކަތް ކުރުމުގައި އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައި، އިންސާނީ ކަރާމަތަށް ބަލައިގެން މަސައްކަތްކުރުމާއި، ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން މަސައްކަތްކުރުމާއި، ގުޅިފައިވާ ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރާނެކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންގެ ހިދުމަތާ ދޭތެރޭގައި ރައްޔިތުންގެ އިތުބާރާއި ޔަގީންކަން އެ އޮތް މިންވަރަށްވުރެ ރަނގަޅު މިންވަރަކަށް ގެންދިއުމަށް ކޮންމެ ދުވަހަކުވެސް ފުލުހުން މަސައްކަތް ކުރާނެކަމުގައިވެސް ވިދާޅުވިއެވެ.

ހަމައެއާއެކު ކޮމިއުނިޓީ ޕޮލިސިންގ ރައްޔިތުންގެ ބައިވެރިވުމާއެކުގައި، ކުށުގެ މައްސަލަތަކާއި އިޖުތިމައީ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ތަޖުރިބާ ކުރަމުންދާކަމަށާއި  އަތޮޅުތެރޭގައި ފުލުހުންގެ މަސައްކަތްތައް އަލުން ތަރުތީބުވެގެންދާނެ ގޮތާއި، އެ އަތޮޅަކަށް ނުވަތަ އެ ރަށަކަށް ބޭނުންވާ މިންވަރަށް ހިދުމަތްދިނުމުގައި ވަސީލަތްތައް ގާއިމު ކުރެވިގެންދާނެ މިންވަރާއި، ވަކިން ހާއްސަކޮށް ލޯކަލް ކައުންސިލުތަކާއެކުގައި ފުލުހުން މަސައްކަތްކުރާނެ ހަމަތައް ގާއިމުވެގެންދާނެކަމުގައި ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި، ރަށެއްގެ ރައްޔިތުންގެ މައްޗަށް ހިމެނޭ ނިޒާމެއްގެ ތެރެއިން، އެ ރަށަކަށް ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި ފުލުހުން އެ ރަށެއްގައި ތިބެގެން މަސައްކަތްކުރާއިރު ހާސިލުކުރާނެ ކަންކަމާއި، އެ މަސައްކަތުން ހޯދާނެ ކުރިއެރުމާއި، މަސައްކަތްކުރާ މިންވަރު ރައްޔިތުންނާއި ކައުންސިލުތަކަށް ކިޔައިދީ ޖަވާބުދާރީވުމާއެކު މަޝްވަރާކޮށް ހުޅުވާލެވިފައިވާ މާހައުލެއްގައި ރައްޔިތުންނާ ގާތުން ހިދުމަތްދެވިގެންދާނެކަން ފާހަގަކުރެއްވިއެވެ.

އަދިވެސް އިތުރަށް ކޮމިޝަނަރ ވިދާޅުވީ، ފުލުހުންގެ މަސައްކަތުގައި 88 އަހަރު ފާއިތުވެފައިވާއިރު، މިއަދު މިއަންނަ ބަދަލުތަކާއި، އައު ގާނޫނާއި، އައު ވިސްނުންތަކާއި، އައު އަޒުމާ އަދި އައު ފަލްސަފާއާއެކު އަންނަ ބަދަލުތަކަކީ ވަރަށް މުހިންމު ބަދަލުތަކެއްކަން ފާހަގަކުރައްވައި، ފުލުހުންގެ މަސައްކަތްކުރުމުގައި ކޮންމެ ދުވަހަކުވެސް ބަލާނީ ފުލުހުންގެ ހިދުމަތް ދިނުމުގައި ރައްޔިތުންނަށް މަސްލަހަތު ހިފަހައްޓައި ފުލުހުންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތާއި، ގާނޫނު އަސާސީން ފުލުހުންގެ މައްޗަށް ލާޒިމުކުރާ އެންމެހައި ކަންކަން އަދާ ކުރުމާއި ދުވަހުން ދުވަހަށް އެކަންކަން ތަރައްގީކޮށް ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ހޯދުމަށް ކޮންމެ ދުވަހަކުވެސް މަސައްކަތްކުރުމުގައި ދެމިތިބޭނެކަމަށް ވިދާޅުވިއެވެ. އަދި ކުރީގައި ކުރި ވަރަށްވުރެ ރަނގަޅަށް މަސައްކަތްކުރުމަށް މިފެށުނީ ކަމަށާއި އެ އަޒުމުގައި، އެ ހިތްވަރުގައި ފުލުހުން މަސަައްކަތްކުރާާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދެއްވިއެވެ.