99

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އަތޮޅުތެރޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިން މީހަކު ހައްޔަރުކޮށް އެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަންފަށައިފިއެވެ.

އެގޮތުން ހިންގި އެއް އޮަޕަރޭޝަނަކީ ރ. އަލިފުއްޓަށް ބަނގުރާއާއި މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 3 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. އަލިފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮަޕަރޭޝަނުގައި، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި ފުޅިއަކާއެކު 20 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އަލިފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

އޭގެ އިތުރުން، ގއ. ދާންދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހު 3 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި 32 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. އިންޓެލިޖެންސާއި ދާންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 16 ކަރުދާސްކޮޅު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ދާންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ނުވަ ދުވަހުގެ މުއްދަތު ދީފައިވެއެވެ.

އަދިވެސް އޭގެ އިތުރުން، މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން މ. މުލަކުން 24 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސްފައިވަނީ މި މަހު 3 ވަނަ ދުވަހު ރަށުތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން ފެނުމުން އޭނާގެ އަތުގައިހުރި އެއްޗެއް އެއްލައިލުމުން އެތަކެތި ނަގައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަތް ރަބަރު ޕެކެޓު ފެނުމާ ގުޅިގެންނެވެ.