winners

ބައިނަލް އަޤްވާމީ ގޮތުން މިއަހަރު ފާހަގަކުރި ސޭފަރ އިންޓަނެޓް ދުވަހާ ގުޅިގެން ފުލުހުންނާއި ވުމަން އިން ޓެކް އެމްވީ ގުޅިގެން ކުރިއަށް ގެންދިޔަ ހާއްސަ ކުއިޒްގެ ނަސީބުވެރިން ހޮވައިފިއެވެ.

މި ކުއިޒްގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ނަސީބުވެރި 15 ފަރާތް ހޮވާފައިވަނީ އެކަމަށްޓަކައި ރޭ އޮންލައިންކޮށް ކުރިއަށް ގެންދިޔަ ގުރުނެގުމުގެ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ވަނީ ފުލުހުންގެ ފޭސްބުކް ޕޭޖުން ވަގުތުން ގެނެސްދީފައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުން ފެށިގެން މިދިޔަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި ކުއިޒަކީ ބައިނަލް އަޤްވާމީ ގޮތުން ފާހަގަކުރާ ސޭފަރ އިންޓަނެޓް ޑޭ ފާހަގަކުރުމުގެ ގޮތުންނާއި ސައިބަރ ސެކިއުރިޓީއާ ގުޅޭގޮތުން އާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ފުލުހުންނާއި ވިމެން އިން ޓެކް މޯލްޑިވްސް އާދެމެދު ސޮއިކޮށްފައިވާ ފަހުމާނާމާގެ ދަށުން ހިންގި ފުރަތަމަ ހަރަކާތެވެ.

ސައިބަރ ސޭފްޓީ އާގުޅޭ ސުވާލުތައް ހިމަނައިގެން ކުރިއަށް ގެންދިޔަ މި ކުއިޒް ފުރިހަމަކުރުމުން އޮންލައިންކޮށް ސެޓްފިކެޓެއް ދީފައިވެއެވެ. އަދި ފުރިހަމަކުރުމަށްފަހު ސެޓްފިކެޓް މީސްމީޑިއާގައި #CyberRakkaa  ހޭޝްޓެގް ބޭނުންކުރުމަށްފަހު ޝެއަރކުރުމުން ކުއިޒްގެ ބައިތައް ފުރިހަމަވާގޮތަށް ކުރިއަށް ގެންދިޔަ މި ކުއިޒްގައި 1000 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ. އެގޮތުން މި ބައިވެރިންގެ ތެރެއިން ގުރުއަތަށް ގޮސްފައިވަނީ ކުއިޒް ފުރިހަމަ ކުރުމަށްފަހު ރަނގަޅު ހޭޝްޓެގް ބޭނުންކޮށްގެން މީސް މީޑިއާގައި ޝެއަރކޮށްފައިވާ ފަރާތްތަކެވެ.

މި ކުއިޒް ފުރިހަމަކުރި ބައިވެރިންގެ ތެރެއިން ނަސީބުވެރި 15 ފަރާތަކަށްވަނީ އިނާމު ދީފައެވެ. އެގޮތުން ތިން ފަރާތަކަށް ސީގޭޓް ބެކްއަޕް ޕްލަސް 2 ޓީބީ ހާޑް ޑިސްކް އިނާމުގެ ގޮތުގައި ދީފައިވާއިރު، ދެ ފަރާތަކަށްވަނީ  ލޮޖިޓެކް ވައަރލެސް ހެޑްސެޓް ދީފައެވެ. އަދި 10 ފަރާތަކަށް ކިންގްސްޓަން 16 ޖީބީ ފްލޭޝް ޑްރައިވްއެއް އިނާމުގެ ގޮތުގައި ދީފައެވެ.

ނަސީބުވެރިންނަށް ހޮވުނު ފަރާތްތަކަށް އިނާމު ހަވާލުކުރުމުގެ މަސައްކަތްތައް ފުލުހުން ދަނީ ކުރަމުންނެވެ.