Keyodhoo

ވ. ކެޔޮދޫ ސްކޫލްގެ ގްރޭޑް 8 އިން 10 އަށް ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ސްކޫލް ދަރިވަރުންނަށް މައުލޫމާތުދީ ހަރުދަނާ ދަރިވަރުންތަކެއް ބިނާކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މި ފެބުރުވަރީ މަހުގެ 25 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ސެޝަނުގައި، އެ ދަރިވަރުންނަށް މައުލޫމާތު ދީފައިވަނީ ކޮމިއުނިޓީ ލީޑަރޝިޕް ސްކިލްސްއާ ގުޅޭގޮތުންނެވެ.

އެގޮތުން ލީޑަރޝިޕަކީ ކޮބައިކަމާއި ލީޑަރެއްގެ ދައުރާއި ޒިންމާތަކަކީ ކޮބައިކަމާއި ޒިންމާދާރު ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަތަކަކީ ކޮބައިކަން އެ ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް ބުނެދީފައިވެއެވެ. އަދި ލީޑަރެއްގެ ދަށުގައި މަސައްކަތްކުރާނެ ގޮތްތަކުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން، ދަރިވަރުންގެ ކިބައިގައި ގައުމީ ރޫހު އަށަގެންނެވުމާއި، ރަނގަޅު މުޖުތަމައެއް ބިނާކުރުމުގައި ދަރިވަރުންގެ ދައުރާއި ޒިންމާތަކަކީ ކޮބައިކަން ބުނެދީ އެ ޒިންމާތައް އަދާކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ދަރިވަރުން ޝައުގުވެރިވާ ފަދަ ހަރަކާތްތަކާއެކު ކުރިއަށް ގެންދިއަ މައުލޫމާތު ދިނުމުގެ އެ ސެޝަނުގެ މުދައްރިބަކީ ފުލުހުންގެ ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓްގެ ތަޖުރިބާކާރު މުދައްރިބެކެވެ.