
ސްކޫލް ދަރިވަރުންނަށް މައުލޫމާތުދީ ހަރުދަނާ ދަރިވަރުންތަކެއް ބިނާކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ވ. ފެލިދޫ ސްކޫލްގެ ގްރޭޑް 7 އިން 10 އަށް ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މި ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ސެޝަނުގައި، ކޮމިއުނިޓީ ލީޑަރޝިޕް ސްކިލްސްއާ ގުޅޭގޮތުން މައުލޫމާތުދީފައިވެއެވެ.
އެގޮތުން ލީޑަރޝިޕަކީ ކޮބައިކަމާއި ލީޑަރެއްގެ ދައުރާއި ޒިންމާތަކަކީ ކޮބައިކަމާއި ޒިންމާދާރު ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަތަކަކީ ކޮބައިކަން އެ ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް ބުނެދީފައިވެއެވެ. އަދި ލީޑަރެއްގެ ދަށުގައި މަސައްކަތްކުރާނެ ގޮތްތަކުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ.
އޭގެ އިތުރުން، ދަރިވަރުންގެ ކިބައިގައި ގައުމީ ރޫހު އަށަގެންނެވުމާއި، ރަނގަޅު މުޖުތަމައެއް ބިނާކުރުމުގައި ދަރިވަރުންގެ ދައުރާއި ޒިންމާތަކަކީ ކޮބައިކަން ބުނެދީ އެ ޒިންމާތައް އަދާކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.