
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަގެ ތެރެއިން މަސްތުވާތަކެތީގެ ތިން މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށް އެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. އެ އޮޕަރޭޝަންތައް ހިންގާފައިވަނީ ށ. ކަނޑިތީމާއި ހުޅުމާލޭގެ އިތުރުން އއ. އަތޮޅުގެ ރިސޯޓެއްގައެވެ.
އެގޮތުން ކަނޑިތީމުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނެކެވެ. ކަނޑިތީމު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި 23 އަހަރުގެ މީހަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ރަބަރު ޕެކެޓު ފެނިފައިވެއެވެ
އޭގެ އިތުރުން މި ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހު ހުޅުމާލެ މަގުމަތިން 25 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ނުވަ ސެލޯފިންކޮޅު ފެނުމާ ގުޅިގެންނެވެ. އެ ތަކެތި ފެނިފައިވަނީ އޭނާގެ ޖީބުން އެއްޗެއް ނަގައި މަގުމައްޗައް އެއްލާލުމުން އެ ތަކެތި ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
އަދި މި ހިނގާ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހު އއ. ރިސޯޓެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 32 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ އަދި އެތަކެތީގެ ވިޔަފާރި ކުރަމުންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައެވެ. އިންޓެލިޖެންސާއި ރަސްދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބުލެޓް ސައިޒުގެ ރަބަރު ޕެކެޓަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ.