0-02-03-536ac607aac2378fc920aad55f5463149c8c2e04831039861baa48b59d08f1f6_2bc17a0b

ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނުން އެއަތޮޅު މޮޅަދޫ ސްކޫލުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ފެބްރުއަރީ 18 ން 20 އަށް މޮޅަދޫގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި މޮޅަދޫ ކައުންސިލް އިދާރާއާއި މޮޅަދޫ ސްކޫލު ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ތެރެއިން  ސްކޫލު ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ސެޝަންގައި މޮޅަދޫ ސްކޫލުގެ ގްރޭޑް 7 އިން މަތީ ގްރޭޑްތަކުގައި ތައުލީމު ހާސިލްކުރާ ދަރިވަރުން ބައިވެރިވެފައިވާއިރު، މި ސެޝަންގައި މައުލޫމާތު ދީފައިވަނީ ލިވިންގ ވެލިއުސްއާ ގުޅޭގޮތުންނެވެ.

މޮޅަދޫ ސްކޫލުގެ ބެލެނިވެރިންނަށް އަމާޒުކޮށްގެންވަނީ ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިން ސަމާލުކަން ދޭންޖެހޭ ކަންކަމާއި ގުޅޭގޮތުން ދެ ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ. އަދި މި ދެ ސެޝަނުގެ އިތުރުން ބެލެނިވެރިންނަށްވަނީ ޓީމް ބިލްޑިންގ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައެވެ.

ތިން ދުވަހުގެ މުއްދަތަށް މޮޅަދޫގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި މޮޅަދޫ ކައުންސިލާއި މޮޅަދޫ ސްކޫލު އަދި ރަށު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ބޮޑު އެއްބާރުލުމެއް ލިބިފައިވެއެވެ.

އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ދަނީ ރަށްރަށުގެ ސްކޫލުތަކުގެ ދަރިވަރުންނާއި ބެލެނިވެރިން އަދި އެރަށްރަށުގެ ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ސިލްސިލާކޮށް މިފަދަ ޕްރޮގްރާމްތައް ހިންގަމުންނެވެ.